އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 75

އަބްދުﷲ ފާރޫގް ހަސަން

4

(08 ޖޫން ގެ އަދަދާ ގުޅޭ)

"އަޅުގަނޑު ކަމަނާގެ އަރިހުގައި މިދެންނެވީ މުސްކުޅި ޚާދިމާއަކާއި އޭނާގެ ފިރިމީހާއާއި އަންހެން ދަރިފުޅުގެ ވާހަކައެވެ."

މަލަކާ ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނުރަޖަހައިފައިހުރި މުސްކުޅި ނޯކަރަކާއި އޭނާގެ ޒުވާން އަންހެންދަރިފުޅު ވަނީ ކުއްލިޔަކަށް ތީރުތަކުގެ ކުރިމައްޗަށް ނުކުތުމުގެ ސަބަބުން ޤަތުލުވެފައެވެ."

ޒަރުބަޚުތުގެ ހިތްޕުޅުގައި ހީވީ ކުރަފަތެއް އެޅިހެންނެވެ. އޭނާގެ މުޅި ހަށިކޮޅުން ވާގިދޫވިކަހަލައެވެ. އޭނާ އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ބެއްލެވުމުން ނަފުރަތާއި ބަދަލުހިއްޕެވުމުގެ އަލިފާން ފައިބާކަހަލައެވެ.

އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ކަލާ އެކުއްޖާއާ ރައްޓެހިފުޅުތޯއެވެ. އަޅުގަނޑު އަޑުއަހައިފައިވާގޮތުގައި އެއީ ވަރަށް ރީތި ކުއްޖެކެވެ."

ޒަރުބަޚުތު ހަޅޭފުޅުލައްވައިގެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑު އޭނާ ދަންނަމެވެ. އޭނާގެ ލޮލުން އަޅުގަނޑަށް ފެނިފައިވާ އަލިކަން ދުވަހަކުވެސް އަޅުގަނޑުގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ. އަޅުގަނޑަށް އޭނާ ގާތު ބުނެވޭނެނަމައެވެ. ކަލޭގެ އެންމެ ކަރުނަތިއްކެއްވެސް އަހަރެންގެ ގާތުގައި އީރާނުގެ ރަސްކަމަށްވުރެ މާއަގުބޮޑެވެ."

އެހެންވީއިރު އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަކީ ކުށަކަށް ނުވިއެވެ. "ކަލާ އެކުއްޖާއަށްޓަކައި ހެނދުނާއި ހަވީރު ފުރޭބުރުޒުގެ ގޭގެ ވަށައިގެން ޠަވާފުކުރެއްވީމުއެވެ."

ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "އޭނާ ދުނިޔޭގައި އިންއިރު އޭނާއާމެދު ވިސްނައިލުމަކީވެސް އަޅުގަނޑު ލަދުވެތިކަން އިޙްސާސްކުރި ކަމެކެވެ. އެކަމަކު މިހާރު މަދާއިނުގެ ހަތަރު އަނގޮޅިޔެއްގައިވެސް އަޅުގަނޑު އިޢުލާނުކޮށްފާނަމެވެ. އޭނާގެ ބޮލުގެ އެންމެ އިސްތައްޓެއްވެސް އީރާނުގެ ކިބުރުވެރި ޝެހެޒާދީންނަށްވުރެ އަޅުގަނޑުގެ ގާތުގައި މާއަގުބޮޑެވެ." ޒަރުބަޚުތުގެ ލޯފުޅުގެ ކުރިމަތީގައި ކަރުނަފޮދުގެ ފަރުދާއެއް ދަމައިލެވިއްޖެއެވެ.

އާޒަރުމީދުޚުތުގެ ސިކުނޑިފުޅުގައިވާ ބޮޑާފުޅުކަމުގެ ހުރިހައި މަސްތެއް ފިލައިފިއެވެ. އިރުކޮޅަކަށް އޭނާއަކީ ހަމައެކަނި އަންހެނެކެވެ. އޭނާ ވިދާޅުވިއެވެ. "ޒަރުބަޚުތެވެ. އަޅުގަނޑު ހިތާމަކުރަމެވެ. ކަލާ ތިޔަހައި ބަލިކަށިފުޅުކަމެއް އަޅުގަނޑު ނުދެނެހުރީމެވެ."

ޒަރުބަޚުތަށް ހީފުޅުވީ އޭނާގެ އިސްތަށިފުޅަށް އަނގުރު އަލިފާންތަކެއް އޮއްސައިލެވުނުހެންނެވެ. އޭނާ ކޯފާވެގެން ހަޅޭފުޅުލައްވައިގެންނެވިއެވެ. "އަޅުގަނޑުގެ ބަލިކަށިކަމަށް އިޢުތިރާފުވަމެވެ. އެކަމަކު އަނިޔާވެރީންގެ ކިބައިން އޯގާވެރިކަމަށްއެދިއެއް އަޅުގަނޑު ސަލާމެއް ނުޖަހާނަމެވެ. ޤާތިލުންނާއި ފޭރޭ މީހުންނަކާ އަޅުގަނޑު ބައިވެރިޔެއް ނުވާނަމެވެ. އަޅުގަނޑަށް އެނގެއެވެ. މި ފަރުދާތަކުގެ ފަހަތުގައި ކަމަނާގެ ޖައްލާދުން އެބަތިއްބެވެ. ކަމަނާއަށް އެބައިމީހުންނަށް އަންގައިލެއްވިދާނެއެވެ. އަޅުގަނޑު ފިލާކަށެއް މަސައްކަތެއް ނުކުރާނަމެވެ."

ޒަރުބަޚުތުގެ ވާހަކަފުޅަށްވުރެ ބޮޑަށް އޭނާގެ ބެއްލެވުމާމެދު ޖެހިލުންވެވަޑައިގެން ޝެހެޒާދީ ދެފިޔަވަޅެއް ފަހަތަށް ޖެހިވަޑައިގެންނެވިއެވެ. އެކަމަނާ ހިނިފުޅުވަޑުއްވަވަން މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "ޙަޤީޤަތުގައި ކަލާ ތިޔަހުންނެވީ މޮޔަފުޅުވެފައެވެ. ކަލާގެ ކޮއްކޯފުޅާމެދު ވިސްނައިވަޑައިގަންނަވަނީ ކޮންގޮތަކަށްތޯއެވެ؟"

ޒަރުބަޚުތަށް ހީފުޅުވީ އޭނާގެ ނާރުފުޅުތަކުގައި ލޭހިނގުން ހުއްޓުނުހެންނެވެ. އޭނާ ހުއްޓުންއަރައިވަޑައިގެންފައި އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އާޒަރުމީދުޚުތު އަތްތިލަބަޑި ޖައްސަވައިލެއްވިއެވެ. ހަމައެވަގުތު ސިޔާދުޚަޝް ހަތިޔާރުއެޅި އަށެއްކަ މީހުނާއެކު އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އެބައިމީހުން ޒަރުބަޚުތު ވަށައިލިއެވެ.

ޝެހެޒާދީ ވިދާޅުވިއެވެ. "މި މޮޔަކަލޭގެއަށް ވިސްނާނެ ވަގުތު ބޭނުމެވެ. މީނާ ގެންދާށެވެ."

ޒަރުބަޚުތު ބަރަހަނާ ކަނޑިތަކުގެ ފާރަވެރިކަމުގައި އެކޮޓަރީން ނިކުމެވަޑައިގަންނަވަނިކޮށް މަލަކާ ވިދާޅުބަސް އިއްވެވިއެވެ. "ޝިޔާދުޚަޝް މަޑުކޮށްބަލާށެވެ!"

ޝިޔާދުޚަޝް ފަހަތަށް އެނބުރި އާޒަރުމީދުޚުތާ ދިމާޔަށް ބަލާން ފަށައިފިއެވެ. މަލަކާ ކުރިޔަށް ވަޑައިގެން ވިދާޅުބަސް އިއްވެވިއެވެ. "އަހަރެން އަމުރުކުރީ ހަމައެކަނި އޭނާ ހައްޔަރުކުރާށެވެ. އޭނާއަށް އެއްވެސްކަހަލަ ހަރުކަށިކަމެއް ދައްކައިގެން ނުވާނެއެވެ. އަހަންނަށް ޔަޤީނެވެ. ދުވަސްކޮޅަކުން އޭނާގެ ސިކުނޑި ރަނގަޅުވެދާނެއެވެ."

ސިޔާދުޚަޝް އިޙްތިޖާޖުކުރަމުން ދެންނެވިއެވެ. "ކަމަނާފާނުގެ ވާހަކަފުޅަށްފަހުވެސް އޭނާގެ ސިކުނޑި ރަނގަޅުވެދާނެކަމަށް އުންމީދު ކުރައްވަމުތޯއެވެ؟"

"އާނއެކެވެ. އޭނާ އެހައި ހަރުކަށިފުޅުކަމާއެކު ކަންތައް ނުކުރެއްވިނަމަ އޭނާގެ ނުރައްކާތެރިކަން މާބޮޑުކަމުގައި އަހަރެން ވިސްނީމުހެވެ. މިވަގުތު އޭނާއަކީ ޒަޚަމުވެފައިހުރި އިންސާނެކެވެ. އަހަންނަށް ޔަޤީނެވެ. އޭނާގެ ޒަޚަމުގެ ފާރުހިކުމުން އޭނާ ދިރިއުޅުއްވުންދެކެ އެހައި ފޫހިފުޅެއް ނުވާނެއެވެ."

"މަލަކާ ޢާލަމެވެ! މިކަހަލަ މީހުން ދިރިތިބުމަކީ ވަރަށްބޮޑު ނުރައްކަލެކެވެ. އެންމެ ކުޑަމިނުންވެސް އޭނާ މިގަނޑުވަރުގެ ތެރޭގައި ބަންދުކުރެއްވުމަކީ ނުރައްކަލުން ހުސްވެގެންވާ ކަމެއް ނޫނެވެ. އޭނާ އާއްމު ޖަލުގައި ބަހައްޓަވަން ބޭނުންފުޅު ނޫންނަމަ އޭނާ ބަލަހައްޓަން އަޅުގަނޑާ ހަވާލުކުރައްވާށެވެ. އަޅުގަނޑުގެ ގޭގެ ބިންގަރާހުގައި އޭނާ ބެހެއްޓިދާނެއެވެ."

އާޒަރުމީދުޚުތު ޖަވާބު ދެއްވިއެވެ. "އަހަރެން ވަރަށް ބޮޑެތި ބިރުތަކާ ކުރިމަތިލައިފީމެވެ. އެހެންކަމުން ކުދިކުދި ނުރައްކާތަކަކަށް މިހާރަކު އަހަންމިއްޔަތެއް ނުދެމެވެ. ކަލޭގެ ގޭގެ އެއްވެސް ބައެއް އަހަރެންގެ ގަނޑުވަރުގެ ބިމުއަޑީގެ ޖަލަށްވުރެ ރައްކާތެރިޔެއް ނުވާނެއެވެ."

+ + + + +

ޒަރުބަޚުތު އެހެންމީހުން އެކަހެރީން ޖަލުގައި ހުންނަވާތާ ތިންހަފްތާ ވެއްޖެއެވެ. ބޭރުގައި ހިނގާ އެއްވެސްކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ފަރީއްކުޅުއްވުމުގައި އޭނާއަށް އެއްވެސް ދަތިފުޅުކަމެއްނެތެވެ. އޭނާ ހުންނަވާ ބިމުއަޑީގެ ކޮޓަރި އަނދިރިކަމުން ދުވާލުވެސް ބައްތީގެ އަލިކަމާނުލައެއް އެއްވެސް އެއްޗެއް ފެނިވަޑައެއް ނުގަންނަވައެވެ. ހެނދުނާއި ހަވީރު އެކޮޓަރީގެ ދަގަނޑު ދޮރު ހުޅުވައެވެ. ހަތިޔާރުއެޅި ސިފައިންގެ ޙިމާޔަތުގައި ޝާހީ ޚައްދާމުން އައިސް ކޮޓަރި ސާފުކުރެއެވެ. އެމީހުން ފަރީއްކުޅުއްވާ އެއްޗެހިކޮޅު ގެނެސްދީ ބައްތީގެ ތެޔޮ ބަދަލުކޮށް ފީތާ ރަނގަޅުކުރުމަށްފަހު ނިކުމެގެން ހިނގައިދެއެވެ. ޒަރުބަޚުތު އަރާމުކުރައްވަން ސާފުތާހިރު ތަންމަތިކޮޅެއްވަނީ ލިބިވަޑައިގެންފައެވެ. ހަފްތާއެއްހައި ދުވަސް ވަންދެން އޭނާ ޚިޔާލު ކުރައްވަމުން ގެންދެވިއެވެ. އާޒަރުމީދުޚުތު އިމްތިހާނު ކުރައްވަނީއެވެ. އެކަމަނާ ހީފުޅުކުރައްވަނީ އޭނާ މީހުނާ އެކަހެރީން ބަންދުކުރެއްވުމުން އޭނާގެ ހިތްވަރުފުޅު އެލިދާނެކަމުގައެވެ. އާރެއް ބާރެއް ނެތްކަމަށް އިޢުތިރާފުވެވަޑައިގަންނަވަން މަޖުބޫރު ވެވަޑައިގެންފާނެ ކަމުގައެވެ. އެހެންކަމުން އޭނާ ހިތްވަރު ކުރެއްވިއެވެ. އޭނާ އެކަކާވެސް ވާހަކަ ދައްކަވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވައެވެ. ދެދުވަސްވަންދެން އޭނާ ފަރީއްކޮޅުގައިވެސް އަތްޕުޅު ޖައްސައެއް ނުލައްވައެވެ. އެހެންކަމާއެކުވެސް ބޭރުގައި ހިނގާ އެއްވެސްކަމެއްގެ ޚަބަރެއް ލިބިވަޑައިނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާން ފެށުމުން އޭނާ ފާރަވެރީންނާ ވާހަކަފުޅު ދައްކަވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެއިން އެކަކުވެސް އޭނާގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ. އެމީހުން ހިމޭންކަމާއެކު ކޮޓަރިޔަށް ވަދެއެވެ. ކުރީން ބަހައްޓައިފައި ހުންނަ ފަރީއްކޮޅުގެ ބާކީ ނަގައިގެން އަލަށް ގެންނަ ފަރީއްކޮޅު ބަހައްޓައިފައި ހިނގައިދެއެވެ. ކޮޓަރީގެ ދަގަނޑު ދޮރުލައްޕައިލެވުމުން އޭނާ އެތައް އިރެއްވަންދެން އޭނާގެ އަމިއްލަފުޅު ނަފްސަށް ކޯފާވެއެވެ.

"ޙަޤީޤަތުގައިވެސް އަހަންނަކީ މޮޔައަކީމެވެ. އަހަރެން އާޒަރުމީދުޚުތާ އެހައި ރުންކުރުކޮށް މުޢާމަލާކުރުން ރަނގަޅެއް ނޫނެވެ. މި ޖަލުގައި ހުރެގެން އަހަންނަށް އަހަރެންގެ ކޮއްކޯފުޅަކަށްވެސް އެހީއެއް ނުވެވޭނެއެވެ. އަހަރެން އެއަށްވުރެ ކެތްތެރިވެ ހިފެހެއްޓުންތެރިކަމާއެކު މުޢާމަލާކުރިނަމަ އެކަމަނާ ހުންނެވީ އަހަރެން މިނިވަންކުރައްވާންވެސް ތައްޔާރަށެވެ. މިނިވަންވެވުމުން ރައްކާތެރި ތަނެއް ހޯދާކަށެއް އަހަންނަކަށް އުނދަގުލެއް ނުވާނެއެވެ. މިހާރަކު މިކޮޓަރީން ބޭރުގައި ހިނގާ އެއްވެސްކަމެއްގެ ހިލަމެއްވެސް އަހަންނަކަށް ނުވެއެވެ. އަހަރެންގެ ކުރިމަތީގައި މިހާރު އޮތީ އެންމެ ގޮތެކެވެ. މަލަކާއަށް ވަފާތެރިވާނެކަމަށް އެކަމަނާ ލައްވައި ހީފުޅުކުރުވައިގެން ފިލަން މަސައްކަތް ކުރުމެވެ."

އިރުކޮޅަކުން އޭނާގެ ބަލިކަށިފުޅުކަމާމެދު އޭނާ ހިތާމަކުރައްވަވާން ފައްޓަވައެވެ. އޭނާ އޭނާގެ އަމިއްލަފުޅު ނަފްސަށް ވިސްނައިދެއްވަން މަސައްކަތްޕުޅު ކުރައްވައެވެ. "ޒަރުބަޚުތެވެ. ކަލާއަކީ قبــاد ގެ ދަރިކަލަކީމުއެވެ. އެމީހެއްގެ އަތުގައި ފުރޭބުރުޒާއި ނީލޯފަރުގެ ލެއިން ކުލަޖެހިފައިވާ އަނިޔާވެރިޔާގެ ކުރިފުޅުމަތީގައި ކަލާ އިސްދަށަށް ޖައްސަވައެއް ނުލައްވާނޫއެވެ." އޭނާގެ ކޮއްކޯފުޅާމެދު ޚިޔާލު ކުރެއްވޭން ފެށުމުން ތަކުރާރުކޮށް އޭނާގެ ހިތްޕުޅަށް އަރަމުންދެއެވެ. "މަލަކާ އެމީހަކު މަރުވި ވާހަކަ އެވިދާޅުވި މުސްކުޅި އަންހެނަކީ ކާކުބާވައެވެ. ކާފޫރުގެ އަންހެނުން އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ ހަށިގަނޑު ފުރޭބުރުޒުގެ ގެއަށް ދޫކޮށްލައިފައި ކޮއްކޯފުޅުގެ އަރިހަށް އަތުވެދާނެ ބާވައެވެ. ފިރުދައުސް ކޮއްކޯފުޅަށް ދުރާލައި އިންޒާރު ދިންކަމުގައިވާނަމަ އަސްފަހާނު ފިޔަވައި އޭނާއަށް ވަޑައިގެންނެވޭނީ ކޮންތަނަކަށް ބާވައެވެ؟"

ވިއްސަކަށް ދުވަހުގެ ނަފުސާނީ ކެކުޅުންތަކާއި ސިކުނޑިފުޅަށްކުރި ބާރާ ވިދިގެން ޒަރުބަޚުތުގެ ހިތްވަރުފުޅު ބަލިވެއްޖެއެވެ. އޭނާ ފާރަވެރީންގެ ގާތުގައި އާދޭސްކުރެއްވިއެވެ. "އަހަރެން ތިޔަބައިމީހުންގެ ސަރުދާރާ ބައްދަލުކުރާން ބޭނުމެވެ." އެބައިމީހުން އެއްވެސް ޖަވާބެއްނުދީ ހިނގައްޖެއެވެ.

އިރުކޮޅަކުން ދަގަނޑު ދޮރު ހުޅުވިއްޖެއެވެ. ޖަލުގެ ބަނޑޭރި އެތެރެޔަށް ވަދެ ދެންނެވިއެވެ. "މަނިކުފާނު އަޅުގަނޑަށް ވިދާޅުވީމުތޯއެވެ؟"

ޒަރުބަޚުތު ދެރަފުޅުވެއްޖެކަން ގަބޫލުކުރައްވާ ރާގުގައި ވިދާޅުވިއެވެ. "އާނއެކެވެ. އަހަރެން މަލަކާގެ އަރިހަށް ގެންދާށެވެ!"

ބަނޑޭރި ޖަވާބު ދިނެވެ. "މަލަކާ ޢާލަމް ގަނޑުވަރުގައި ވަޑައިގެނެއް ނުއުޅުއްވައެވެ."

"އެކަމަނާ ވަޑައިގެންވީ ކޮންތަނަކު ހެއްޔެވެ؟" ޒަރުބަޚުތު ކަންބޮޑުވެވަޑައިގަތުމާއެކު ސުވާލު ކުރެއްވިއެވެ.

"މާފުކުރައްވާށެވެ. އަޅުގަނޑަކަށް ތިޔަ ސުވާލުގެ ޖަވާބެއް ނޭރުވޭނެއެވެ. އެކަމަކު އަޅުގަނޑުގެ މީހުން ކަލާއަށް ޚިދުމަތްކުރުމުގައި އެއްވެސްވަރަކަށް ފަރުވާ ކުޑަކޮށްފައިވާނަމަ އަޅުގަނޑަށް ކަލާގެ ޝަކުވާ ފިލުވައިދެވިދާނެއެވެ."

"އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަޅުގަނޑުގެ އެދުމަކީ މަލަކާއާ ބައްދަލުކުރުމެވެ."

"އެކަމަނާ ވަޑައިގެންނެވުމުން ކަލާގެ އެދިވަޑައިގެންނެވުމުގެ ވާހަކަ އެކަމަނާގެ އަރިހަށް ހުށަހެޅޭނެއެވެ."

ބަނޑޭރި އެހެން ބުނެފައި ބޭރަށް ނުކުމެއްޖެއެވެ. ފާރަވެރީން ދޮރުލައްޕައިފިއެވެ.

އެދުވަހުގެ ފަހުންވެސް ޒަރުބަޚުތު ހާސްފުޅުކަމާއި ކަންބޮޑުވެވަޑައިގަތުމުގައި އަށްދުވަސް ހޭދަކުރެއްވިއެވެ. އެއްރެޔަކު އޭނާ ދެބަދޭތެރެ ވެވަޑައިގެންފައި ކަހަލަގޮތްކޮޅަކަށް އޮންނަވަނީ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ގަނޑުވަރުގެ ބަނޑޭރި ސިފައިންގެ ދެމީހުނާއެކު އެކޮޓަރިޔަށް ވަދެއްޖެއެވެ. ޒަރުބަޚުތު އަވަސްއަވަހަށް ކޮޅަށް ތެދުވެވަޑައިގެންފިއެވެ. ޖަވާބު ހޯއްދަވަން ބޭނުންފުޅުވާ ބެއްލެވުމަކުން ބަނޑޭރިޔާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

ބަނޑޭރި ދެންނެވިއެވެ. "މަލަކާ ޢާލަމްގެ ފައިންޕުޅުގައި ބޮސް ދެއްވަން ކަލާ ތައްޔާރުވެވަޑައިގަންނަވާށެވެ."

"މިވަގުތުހެއްޔެވެ؟"

"އާދޭހެވެ. ހަމަ މިހާރުއެވެ. ބަނޑޭރި އެހެން ބުނެފައި ދޮރާ ދިމާޔަށް ބަލާންފަށައިފިއެވެ. ޒަރުބަޚުތު އިރުކޮޅެއްވަންދެން ހައިރާންފުޅުކަމުގައި ހުންނެވިއެވެ. ބޭރުން ބަޔަކު ހިނގައިފައި އަންނަ އަޑު އޭނާޔަށް އިވިވަޑައިގަންނަވާން ފަށައިފިއެވެ. ދަންމަރު ހިފައިގެންތިބި ދެމީހަކު ފެނިވަޑައިގެންފިއެވެ. އެދެމީހުން ބޭރުގައި މަޑުކޮށްލައިފިއެވެ.

ބަނޑޭރި ފަހަތަށް އެނބުރި ޒަރުބަޚުތާ ދިމާޔަށް ބަލައިލައިފައި ބުނެލިއެވެ. "މަލަކާ ޢާލަމް އެބަ ފައިންޕުޅުއަޅުއްވައެވެ." ޒަރުބަޚުތަށް އެވާހަކަ ޤަބޫލުފުޅެއް ނުކުރެއްވުނެވެ. އޭނާ ހައިރާންވެވަޑައިގެން ދޮރާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

އާޒަރުމީދުޚުތު ވަޑައިގަންނަވާތީ ފެނިވަޑައިގެންފިއެވެ. އެކަމަނާ ސިކުންތުކޮޅަކު މަޑުކޮށްލައްވައިފައި ޒަރުބަޚުތާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަމަނާ ކުރިޔަށް ވަޑައިގެން ޒަރުބަޚުތާ ދެފިޔަވަޅެއްހައި ދުރަށް ހުއްޓިވަޑައިގެންފިއެވެ. އެކަމަނާގެ އިސްތަށިފުޅު ހުރީ ހޭވިފައެވެ. މޫނުފުޅުން ވަނީ ކުލަ އޮއްސިފައެވެ. އެކަމަނާގެ ލޯފުޅުގައި ކުރީން ހުންނަ ވިދުވަރުގެ އަލީގެ ބަދަލުގައި މިހާރު ހުރީ ވެހެން ކައިރިވެފައިވާ ވިލާގަނޑެއްގެ އުދާސްކަމެވެ. އެކަމަކުވެސް އެކަމަނާގެ ފަރިކަމާއި ނަލަކަމަކަށް ތަފާތެއް ނާދެއެވެ. މިހާރުވެސް އެކަމަނާ ވަރަށް ރީތިފުޅެވެ. ޒަރުބަޚުތަށް އޭނާގެ ވަށައިގެންހިނގާ އެއްވެސްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އޭނާގެ ހުރިހައި އިޙްސާސްތަކެއްވަނީ އާޒަރުމީދުޚުތުގެ އުދާސް ބެއްލެވުމުގެ ތެރެޔަށް ޣަރަޤުވެފައެވެ. ޒަރުބަޚުތަށް އޭނާގެ ވަށައިގެން ހިނގާ ކަންތައް އިޙްސާސް ކުރެއްވުނުއިރު ބަނޑޭރިއާއި އޭނާއާއެކުގައި އައި ސިފައިންގެ ދެމީހުންވެސް ހިނގައްޖެއެވެ.

އާޒަރުމީދުޚުތު އެކަމަނާގެ މޫނުފުޅުމައްޗަށް ހިތާމަވެރި ހިނިތުންވެވަޑައިގަތުމެއް ވެރިކުރައްވަމުން ވިދާޅުވިއެވެ. "ހައިރާންވާފަދަ ކަމެކެވެ. މިއަދު އަޅުގަނޑުގެ ހިޔަނި ދެކެވެސް އަޅުގަނޑު ބިރުގަންނާން ޖެހެއެވެ. އެކަމަކު އަޅުގަނޑު މިހިރީ ޙިމާޔަތުގެ ކަނޑިތަކެއްގެ ފާރަވެރިކަމެއްނެތި ކަލާގެ ކުރިފުޅުމަތީގައެވެ. އަޅުގަނޑަށް ޔަޤީނެވެ. ކަލާ އަޅުގަނޑަށް ނަފްރަތު ކުރެއްވުމާއެކުވެސް އަޅުގަނޑުގެ ދުޝްމިނުން މިތަނަށް އަތުވެއްޖެނަމަ އަޅުގަނޑަށްޓަކައި އައްޑަނަޔަކަށް ވެވަޑައިގަންނަވާނޫއެވެ. މީގެ ދުވަސްކޮޅެއް ކުރީން މަރުވަންދެން އަޅުގަނޑަށް ވަފާތެރިވާނެކަމަށް ހުވާކުރި މީހުން އަޅުގަނޑާ ދުޝްމިނުވެދާނެއޭ ބުނާނީވެސް ކާކުތޯއެވެ؟ އަޅުގަނޑު މިހާލުގައި ޖެހިގެން ކަލާގެ އަރިހަށް އަންނާން ޖެހިދާނެކަމަށް ހީކުރާނީވެސް ކާކުތޯއެވެ؟ ޒަރުބަޚުތެވެ. އަޅުގަނޑު ސިކުނޑި މަސައްކަތެއް ނުކުރެއެވެ. މިހުރިހައި ކަމެއް އަޅުގަނޑަށް ހީވަނީ ހުވަފެނެއް ހެންނެވެ. ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑު ދެން ހަދާންވީ ކިހިނަކުންތޯއެވެ؟"

(ނުނިމޭ)