ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި އޮތް ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފުގައި ކުރިޔަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތްކުރާނީ މުޅިން ވެސް ދިވެހި މުވައްޒަފުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި އާޒިމް ވިދާޅުވީ، މަހާޖައްރާފަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި އޭގައި މަސައްކަތް ކުރަން މުޅިން ވެސް ދިވެހި މުވައްޒަފުން ނެގުމުން އަހަރެއްގެ މައްޗަށް 7.5 ނުވަތަ އަށް މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ހަރަދެއް ހިނގާ އެއްޗެއް މަހާޖައްރާފަކީ. އަޅުގަނޑު އައިސް ހަރަދު ކުޑަކުރުމުގެ ގޮތުން ބެލިބެލުމުގައި އޭތި ދިވެހިންނަށް ބަދަލު ކުރެވިއްޖެއްޔާ ގާތްގަނޑަކަށް ސޭވް ކުރެވޭ އަހަރެއްގެ ތެރޭގައި 7.5 ނުވަތަ 8 މިލިއަން ރުފިޔާ. ހަމައެކަނި މަހާޖައްރާފުން އެކަނިވެސް. އެހެންވީމަ އަޅުގަނޑުމެން އުންމީދު މިކުރަނީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި މަހާޖައްރާފަކީ ގާތްގަނޑަކަށް 100 ޕަސެންޓް ދިވެހިންނަށް ބަދަލުކުރަން،" އާޒިމް ވިދާޅުވިއެވެ.
މަހާޖައްރާފަކީ އެމްޓީސީސީގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓެވެ. ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ އުޅަނދު ރާއްޖެ ގެނެސްފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.
އާޒިމް ވިދާޅުވީ، މަހާޖައްރާފުގައި މަސައްކަތްކުރާނެ ޓެކްނިކަލް މީހުން ހޯދަން ކުރި މަސައްކަތުން ރާއްޖެއިން އެ ފެންވަރުގެ މީހުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އުޅަނދުގައި މަސައްކަތް ކުރުމަށް 19 ދިވެހި މުވައްޒަފުން އިތުރުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ދައުލަތުގެ އެހެން ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީގެ 50 ޕަސެންޓް މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި ނަމަވެސް ހަރަދު ބޮޑުވިޔަސް ކުންފުނީގައި ދިވެހި މުވައްޒަފުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި ކުންފުންޏަކަށް ބޮޑު ފައިދާއެއް ލިބުމުގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަމާއި ނަފާ ގެނެސްދިނުން ކަމަށް ވިދާޅުވިއެވެ.