އަލީ ޔާމިން
ކަރަންޓް ބިލް ދެން ހަދާނީ ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގައިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކޮވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި ފާއިތުވި ދެ މަހުވެސް ސްޓެލްކޯއިން ބިލް ހަދަމުން އައިސްފައިވަނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށެވެ.
ނަމަވެސް، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށާއި ފާއިތުވި ދެ މަހުވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބި ހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް އެ ކުންފުނިން ބިލްހަދާފައި ވަނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި އެވްރެޖަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ ފަރާތުން ފުރަބަންދަށް ލުއިތަކެއްދީފައިވާތީ، މިމަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެޔަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިއްޔެއިން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުންގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ ފުރަބަންދަށް ލުއިތަކެއްދީފައިވީނަމަވެސް މިހާލަތުގައިވެސް އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެނުކުމެވުމުގައި ދަތި ތަންތަނަށް ބިލްހަދަމުންދާނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށެވެ. އަދި ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ.
ރީޑިން ނަގަން ފެށުމާއެކު، ކުރިންވެސް އިއުލާންކޮށްފައިވާ ގޮތަށް އެވްރެޖްބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަން ޖެހޭ އެޖަސްޓްމަންޓް ނުވަތަ ބަދަލުތައް އެ ކުންފުނިން ގެންނަމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.