ޓުއަރިޒަމް

ރާއްޖެ އަންނަން ފަތުރުވެރީން ތިބީ ކެތްމަދުވެފައި، މިއަހަރު ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރީން ގެނެވޭނެ: ތޮއްޔިބް

އަލީ ޔާމިން

އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި ފަތުރުވެރިން ރާއްޖެ ގެނެވެން ފެށިއްޖެނަމަ މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، އެންމެ ގޯސް ސިނާރިއޯގައި މިއަހަރު ރާއްޖެއަށް އެއްވެސް ފަތުރުވެރިޔަކު ނާންނާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސިނާރިއޯތަކުން ދެއްކި ނަމަވެސް އެހެން ނުވާނެ ކަމަށާއި، މިއަހަރުވެސް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ބާރަށް ފަށައިގަތުމުގެ އުންމީދު އެބައޮތް ކަމަށްވެސް ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނެވެން ފެށިއްޖެނަމަ ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ޖުލައިގައި ފަތުރުވެރިކަން ފެށޭ ކަމަށް ވަންޏާ ފިނޭންސް މިނިސްޓަރު ލަފާކުރައްވާފައި އޮތީ 8 ލައްކަ ފަތުރުވެރިން ގެންނަން ކަމަށް. ބާކީ އޮތްތާނގައި ހަތަރު ލައްކައެއްހާ މީހުން. އަޅުގަނޑަށްވެސް އެއީ ރަނގަޅު ވިސްނުމެއް. އަޅުގަނޑު ބުނާނީ މިއަަށްވުރެ ރަނގަޅު ކާމިޔާބީއެއް ލިބޭނެއޭ. ބޯޑަރުތައް ހުޅުވާލައިގެން ކަންތައްތައް ރަނގަޅަށް ހިނގައްޖެއްޔާ ހަތަރު ލައްކަ ނުވަތަ އެއަށްވުރެ ގިނައިންވެސް ގެނެވޭނެ ކަމަށް އަޅުގަނޑަށް ބެލެވޭ،" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމުގެ ގޮތުން އެމްއެމްޕީއާރްސީއާ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި "ކިކް އޮފް" އިވެންޓަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރުވެސް އެތައް ހާސް ބަޔަކު ރާއްޖެ އައުމަށް ކެތް މަދުވެފައި ތިބި ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ހުޅުވައިލަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ކުރީން ރާވާފައި އޮތް ގޮތުން ނަމަ، ގެސްޓުހައުސްތައް ހިންގުންވެސް އޯގަސްޓުމަހުން ފެށިގެން ހުޅުވައިލާނެ އެވެ.