ހުޅުމާލެ އިން މިއަހަރު އަމިއްލަ ފަރާތްތަކަށް ބިން ވިއްކާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން އިމާރާތް ކުރުމުގެ ދާއިރާއާބެހޭ ގޮތުން މިއަދު ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ބިން ވިއްކުން ލަސްވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބައެއް ވަސީލަތްތައް ގާއިމުކުރަން ޖެހޭތީ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެއްކޮށް އަދި ނުނިމޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެޗްޑީސީއާ ހަވާލުވިއިރު ވެސް އެއް ބުރަށް ބިން ވިއްކާފައިވަނީ. ނަމަވެސް އެސެންޝިއަލް ސާވިސް ގާއިމުނުވެ ހުރީ. އަދިވެސް އިލެކްޓްރިކް ނެޓްވޯކް ފޯރުކޮށް ދެވޭނެ ޑެޑްލައިނެއް ފައިނަލެއް ނުވޭ. ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަމުން އެބަ ގެންދޭ،" ސުހައިލް ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައިވަނީ 2017 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. އެގޮތުން އެ ފަހަރު 101،954.33 އަކަފޫޓުގެ ބިން ވިއްކާފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ މަސައްކަތް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކުރިއެވެ. ނަމަވެސް އެ މަސައްކަތް ފަހުން ވަނީ ހުއްޓާލައިފައެވެ.