ވިޔަފާރި

ހިދުމަތްތައް ހޯދުމަށް "މައިއެކައުންޓް" ބޭނުންކުރުމަށް ދިރާގުން އެދިއްޖެ

އަލީ ޔާމިން

ދިރާގުގެ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދުމަށް ދިރާގު "މައި އެކައުންޓު" ބޭނުންކުރުމަށް އެކުންފުނިން އެދިއްޖެއެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމަށްވުމުން ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ހިދުމަތްތައް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށެވެ.

އެގޮތުން ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލު ދައްކައި އަދި ދިރާގުގެ އެކިއެކި ހިދުމަތަތަކަށް އެދުމަށް ކަސްޓަމާ ކެއާ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު މައި އެކައުންޓް (MyAccount) ހިދުމަތް ބޭނުންކުރުމަށް އެންމެ ފުރަތަމަވެސް ދިރާގު ވެބްސައިޓަށް ޒިޔާރަތްކޮށްލުމަށް ފަހު ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިއްލާތުމަށްފަހު ރެޖިސްޓާ ކޮށްލާށެވެ. https://www.dhiraagu.com.mv/ocs/register.aspx

ރެޖިސްޓާ ކުރުމަށްފަހު، އެކައުންޓަށް ލޮގިން ވެލާފައި މައި އެކައުންޓްގެ ހިދުމަތްތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ލިބޭނެ ހިދުމަތްތައް:

ބިލް ދައްކާލުން

މައިއެކައުންޓަށް ލޮގިން ކޮށްލުމާއެކު މި ހިދުމަތް މެދުވެރިކޮށް ކުރެވޭނެ ގިނަ ކަންތައްތައް ހޯމް ޕޭޖުން ފެނިގެންދާނެއެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް ބިލްތައް ދައްކާލުން ހިމެނެއެވެ. ބިލް ދެއްކުން ނުވަތަ "Pay Bill" އަށް ފިއްތާލުމުން އެ ކަސްޓަމަރެއްގެ ނަންމަތީގައި ނަގާފައިވާ ހުރިހާ ދިރާގުގެ ހިދުމަތްތަކުގެ ބިލުތައް ފެންނާނެ އެވެ. މީގެ ތެރޭގައި ގޭގެ އިންޓަނެޓް އަދި މޯބައިލް ޕޯސްޑްޕެއިޑް ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ހުރިހާ ބިލަކަށް އެކީ އަރާފައިވާވަރު މަތީގައި ބަޔާންކޮށްފައިވާނެ އެވެ. މި ބައިން ކުރީގެ ބިލްތައް ވެސް ބަލާލެވޭނެ އެވެ. އަދި ވަކި ވަކިން ނުވަތަ ހުރިހާ ބިލަކަށް އެކީ މިބައިން ބިލް ދައްކާލެވެނެ އެވެ. ދައްކަންބޭނުންވާ ބިލަށް ފިތާލުމަށް ފަހު މަތީގައިވާ “Pay Now” އަށް ފިއްތާލައިގެން ބިލް ދައްކާލެވޭނެއެވެ. ދިރާގު ޕޭ، ނުވަތަ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ބިލް ދައްކާލެވޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ބިލް ދައްކާލައިގެން އަނެއް މަހުގެ ބިލުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. މި ޕްރޮމޯޝަން 30 ޖޫން 2020ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ބަލައިލުން

"މޮބައިލް ޔޫސޭޖް ގްރާފް" އިން މޮބައިލް ޕޯސްޑްޕެއިޑްގެ ކުރު ހުލާސާއެއް ލިބިގެންދާނެއެވެ. "ޗެކް ފިކްސްޑް ބްރޮޑްބޭންޑް ޔޫސޭޖް" އިން ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ދެވޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ގަޑިއަކު ގޭގެ އިންޓަނެޓް ބޭނުންކުރެވޭ މިންވަރުވެސް ބަލާލެވޭނެއެވެ. އަދި މީގެ އިތުރުން ބޭނުންކުރެވޭ މިންވަރުގެ ނޮޓިފިކޭޝަން އެސްއެމްއެސްގެ ޒަރިއްޔާއިން ހޯދަން ބޭނުންނަމަ އެސްއެމްއެސް ނޮޓިފިކޭޝަންވެސް އޮން ކޮށްލެވޭނެއެވެ. އަދި ހަމައެއާއެކު ބޫސްޓާވެސް މި ޕޯޓަލް މެދުވެރިކޮށް ގަނެވޭނެއެވެ.

ހިދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށަހެޅުން

"އެޕްލައި އޮންލައިން" އިން ދިރާގުގެ ގިނަ ހިދުމަތްތަކަސް އެޕްލައި ކުރެވޭނެއެވެ. މީގެ ތެރޭގައި ޕޯސްޑްޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖް ބަދަލުކުރުން، ސިމް ރިޕްލޭސްމެންޓް، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން އެހެން ގެޔަކަށް ބަދަލު ކުރުން ފަދަ ގިނަ ކަންތައްތައް މިބައިން ކޮށްލެވޭނެއެވެ. އަދި އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ ވަރު “Application Status” ބައިން ބަލާލެވޭނެއެވެ.

ޕްރީޕެއިޑް ރިޗާޖް

"ރިޗާޖް" އިން ދިރާގު ޕްރީޕެއިޑް ނަންބަރުތަށް ފަސޭހަކަމާއެކު ރީޗާޖުކޮށްލެވޭނެއެވެ. ދިރާގު ޕޭ، ބީއެމްއެލް އަދި އެމްއައިބީގެ ޑެބިޓް ނުވަތަ ކްރެޓިޑް ކާޑު މެދުވެރިކޮށް ރީޗާޖުކޮށްލެވޭނެއެވެ.

ބިލުގެ ޖުމުލަ އައިސްފައިވާ ގޮތުގެ ތަފްސީލު

ދިރާގު މައިއެކައުންޓް މެދުވެރިކޮށް ބިލްގެ ފުރިހަމަ ތަފުސީލު ބަލާލެވޭނެއެވެ. އެގޮތުން "ބިލިން" އަށް ފިއްތާލުމަށްފަހު "ޗާޖިން ޑީޓެއިލްސް" ބަޔަށް ގޮސް ބޭނުންވާ ދުވަސްތަކާއި ހިދުމަތް (ޑޭޓާ، ވޮއިސް، އެސްއެމްއެސް) ހިޔާރު ކުރުމަށް ފަހު އެސްއެމްއެސް ވެރިފިކޭޝަން ކޯޑު ލިބުމުން ތަފުސީލު ބަލާލެވޭނެއެވެ. މީގެ ތެރޭގައި ގުޅާފައިވާ ނަންބަރުތަކަކީ ކޮބައިކަމާއި ޑޭޓާ ބޭނުންކޮށްފައިވާ ގަޑިތަކާ ވަރުގެ ބަލާލެވޭނެއެވެ.

ދިރާގު ޕޭ ކޭޝް އިން

ދިރާގު ޕޭ އަށް ފަސޭހަކަމާއެކު ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ކޭޝްއިން ކޮށްލެވޭނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ކަމަށާއި އެކުންފުނިން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށެވެ.