ގައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ލިސްޓެއް އާންމު ވުމުން، އެފަދަ ލިސްޓެއް އެފްއޭއެމުން އަދި އިއުލާން ކޮށްފައި ނުވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ 25 ކުޅުންތެރިންގެ ސްކޮޑު ކަމަށް ބުނެ ގިނަ މީޑިއާ ތަކުގައި ލިޔެފައިވާ ހަބަރަކާއި ގުޅިގެން "ވަން" އިން އެފްއޭއެމަށް ގުޅުމުން އެސޯސިއޭޝަނުގެ އޮފިޝަލަކު ވިދާޅުވީ ގައުމީ ސްކޮޑް އަދި އިއުލާނު ކޮށްފައި ނުވާނެ ކަމަށެވެ.
އާންމުވެފައިވާ ލިސްޓުގައި ހިމެނެނީ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ) އެވެ. އަދި ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ) ހިމެނިފައި ވެއެވެ.
އީގަލްސްއިން މި ލިސްޓުގައި ހިމެނިފައިވަނީ އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު) އެވެ. އަދި ގްރީން ސްޓްރީޓްސްގެ މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް) ހިމެނިފައިވާއިރު ދަ ގްރާންޑޭގެ މުހައްމަދު ފައިސަލް ވަނީ މި ލިސްޓުގައި ހިމެނިފައެވެ.
މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް 16 ގޯލު ޖަހައިދިން އިޝާން އިބްރާހީމް (ސައްޓު) ބާކީކޮށްފައިވާއިރު ރާއްޖޭގެ ގައުމީޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވަނީ ބާކީކޮށްފަ އެވެ.
މިކަމާއި ގުޅިގެން ޓީމުން ބާކީ ވި ބައެއް ކުޅުންތެރިންނަށް "ވަން" އިން ގުޅުމުން ބުނީ ޓީމަށް ނާރާކަމެއްވެސް އަރާ ކަމެއްވެސް އެފްއޭއެމުން އަދި މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ބައެއް ކުޅުންތެރިން ބުނީ އެފްއޭއެމުން ހަދާފައިވާ ވައިބަރު ގުރޫޕުން އެކުޅުންތެރިން ބޭރުކޮށްލާފައިވާ ކަމަށެވެ.
ރޭ އެފްއޭއެމުން ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސްކޮޑު ފައިނަލް ކުރި ކަމަށް ކޯޗިން ސްޓާފުން ބުނެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބައެއް ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ކުޅުންތެރިން ބުނީ އެންމެ ފަހުން ޕްރެކްޓިސްތައް ބާއްވާފައިނީ ޖެނުއަރީ މަހު ކަމަށާއި އެހެންކަމުން އޭރު ފިޓްކޮށް ތިބި ބައެއް ކުޅުންތެރިން މިހާރު ފިޓު ނުވެދާނެ ކަމަށެވެ. އަދި އަލުން ފަރިތަކުރުންތައް ނުފަށައި ކުޅުންތެރިންގެ މިހާރުގެ ސްޓޭޓަސްއެއް ވެސް ކޯޗުންނަށް ނޭނގޭނެ ކަމަށެވެ. ލީކުވެފައިވާ ލިސްޓުގެ ބައެއް ކުޅުންތެރިން ކޯޗަށް ނުފެނި ޓީމަށް ނަގާފައި ހުރި ކަން ވެސް ބައެއް ކުޅުންތެރިން ވަނީ ފާހަގަ ކޮށްފައެވެ.