އިބްރާހިމް ޒަކީ
އިންޓަނެޓް އަގުހެޔޮކުރެވޭނެ ދުވަހަކާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާބެހޭ ޓެކްނިކަލް ރިޕޯޓަކާއި، ކްރޮސްވޯޑް އީކޮމާސް ގާއިމްކުރުވޭނެ ދުވަހެއް 30 ދުވަސް ތެރޭގައި ކަމާބެހޭ ފަރާތްތަކުން މަޖިލީހަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ރަށުގެ އުފެއްދުންތަކާއި ވިޔަފާރިތައް ރަށު ބަންދުން މިނިވަންކޮށް، ޒަމާނީ ތަރައްގީ ގެނުވައިދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑާ) މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ހިމަނައިގެންނެވެ.
އެކަންތައްތައް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެ ގަރާރު ފާސްކުރީ ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 67 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ރިޕޯޓްގައި ބޮންޑާ ހުށަހަޅުއްވާފައި ވަނީ މި ރިޕޯޓް މަޖިލީހުން ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި "އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ނުވަތަ ކްރޮސްވޯޑާ އީކޮމާސް ރާއްޖޭގައި ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީހާއި، އެ މަސައްކަަތަށް ހޭދަވާނެ ވަގުތު އަންގައިދޭ ތާވަލެއް އެމްއެމްއޭއިން އެކުލަވާއި މަޖިލީހަށް ހުށަހަޅަންވާނެ،" ކަމަށެވެ.
މީގެ އިތުރުން، ފައިބަރު އޮޕްޓިކަލް ކޭބަލް ގުޅާލާފައިވާ ރަށްރަށާއި، އެ ރަށްރަށަށް ދީފައިވާ ފައިބަރު ކަނެކްޝަންގެ މައުލޫމާތާއި، ފައިބަރު ކަނެކްޝަންގެ ހިދުމަތް ގާއިމްކޮށްފައި ނުވާ ރަށްރަށުގެ ތަފްސީލާއި އެރަށްތަކުގައި ފައިބަރު ކަނެކްޝަންގެ ހިދުމަތް ދެމުން ނުދާ ސަބަބު ބަޔާންކޮށް ރިޕޯޓެއް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެކި ރަށްރަށަށް ފައިބަރު ކަނެކްޝަން ގުޅުމުގައި ބަލާ މިންގަނޑުތަކަކީ ކޮބައިތޯ އާއި ކޮމިއުނިކޭޝަން މިނިސްޓްރީން ކަނަޑއަޅާފައިވާ ފައިބަރު ވިއުގައެއްގެ ގައުމީ ތަސައްވުރެއް ނުވަތަ ރެގިއުލޭޓަރީ ގަވާއިދެއް ވާނަމަ އެ މައުލޫމާތާއި، އެކަމަށް ސާވިސް ޕްރޮވައިޑާއެއް ވާނަމަ ރާއްޖޭގެ ހުރިިހާ ރަށްރަށަކަށް ފައިބަރި ކަނެކްޝަން ދެވޭނެ މުއްދަތެއްގެ ތަފްސީލްތަކާއި މަސައްކަތް ކުރިޔަށްދާނެ ގޮތުގެ ތާވަލެއް ހިމެނޭ ރިޕޯޓެއްވެސް ފަސްދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް މި ގަރާރުގައި ހިމަނާފައި ވެއެވެ.
އިންޓަނެޓް ވިއުގައިގެ ހިދުމަތް ރަނގަޅު ކުރުމާއި، އެ ހިދުމަތުގެ އަގުހެޔޮ ކުރެވޭނެ ޓެކްނިކަލް ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ގައުމީ ބިޒްނަސް-ޓު-ބިޒްނަސް އަދި ބިޒްނަސް-ޓު-ކޮންސިއުމާ ޕްލެޓްފޯމުގެ ނިޒާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ލަފަޔާއި މަޝްވަރާއާއެކު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓާ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ގާއިމްކޮށް، ތަރައްގީކުރުމަށްވެސް ހުށަހަޅާފައި ވެއެވެ.
ސަރުކާރުގެ ގުޅުން ހުރި އިދާރާތަކާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ނޭޝަނަލް ސެންޓާ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ޕޯސްޓާއި ޕާރުސަލު ޑެލިވަރީގެ ދާއިރާގެ ރެގިއުލޭޓަރީ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށާއި "އާރް.އެފް.އައި.ޑީ" އަދި "ބްލޮކްޗެއިން" ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން "ސަޕްލައި ޗެއިން މެނޭޖްމަންޓް" ގެ ނިޒާމެއް ގާއިމުކުރުމަށް ވެސް މި ގަރާރުގައި ހުށަހަޅާފައި ވެއެވެ.