މިދިޔަ އަހަރު ޕްރިމިއަރ ލީގުގައި ކުޅުނު ކްލަބްތަކަށް ތިން މިލިއަން ދީފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި ނަމަވެސް އަދި މިހާތަނަށް ލިބުނީ 5 ލައްކަ ރުފިޔާ ކަމަށް ފޯކައިދޫ ފުޓުބޯޅަ ޓީމާއި ނިލަންދޫ ސްޕޯޓްސް ކްލަބުން ބުނެފި އެވެ.
ރާއްޖެ ޓީވީން ގެނެސްދިން ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމުން ކްލަބުތަކަށް ދޭން ވައުދުވި ތިން މިލިއަން ދީފައިވާ ކަމަށާއި އަދި އަންނަ އަހަރުވެސް އެއަދަދަށް ފުރަތަމަ ޑިވިޝަންގައި ކުޅޭ ޓީމްތަކަށް ފައިސާ ލިބިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ފުޓުބޯޅަ ޓީމުގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ އެންމެ ފުރަތަމަ ކްލަބްތަކާ އެކު އޮތް ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ވިދާޅުވެފައިވަނީ ޕްރިމިއާ ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް 3 މިލިއަން ރުފިޔާ ދެއްވާނެ ކަމަށެވެ. އެބައްދަލުވުމުގައި އެގޮތަށް ވިދާޅުވުމުން ބައްދަލުވުމުން ނިންމުމަށްފަހު ވެސް އެފައިސާއާ ގުޅޭގޮތުން ސުވާލު ކުރުމުން ފޯކައިދޫއަށް ވެސް އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެފްއޭއެމުން ދީފައިވާ ކަމަށެވެ.
އާސިފް ވިދާޅުވީ އެގޮތަށް އެފްއޭއެމުން ޔަގީންކަން ދިނުމުން މިދިޔަ އަހަރުގެ ޓީމުގެ ބަޖެޓު އެކުލަވާލީ އެއަށް ބަރޯސާވެ ކަމަށެވެ. އެގޮތުން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. ނަމަވެސް ދޭން ބުނި ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 5 ލައްކަ ރުފިޔާ ކަމަށާއި އެހެންވުމުގެ ސަބަބުން ބިދޭސީ ކުޅުންތެރިން ހިމެނޭހެން ގިނަ ކުޅުންތެރިންނަށް އަދިވެސް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި އެބަހުރި ކަމަށް އާސިފް ވިދާޅުވި އެވެ.
ފައިސާ ދީފައިވާ ކަމަށް ބައްސާމް އެޕްރޮގްރާމުގައި ވިދާޅުވެފައިވާތީ ކުޅުންތެރިންގެ ސުވާލުތަކެއް ކްލަބަށް އަމާޒުވެފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ކްލަބުގެ ވައިބަރު ގްރޫޕުގައި އެކަމާ ގުޅޭގޮތުން ގިނަ ކުޅުންތެރިން ސުވާލު އުފައްދަމުންދާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
ނިލަންދޫން ބުނީ އެޓީމަށް ވެސް އެބުނާ 3 މިލިއަން ރުފިޔާ ލިބިފައި ނުވާ ކަމަށެވެ. އެފައިސާ ކުރިން ދެއްވާނެކަމަށް ބައްސާމް ވިދާޅުވި ނަމަވެސް ފަހުން އެކްލަބާ އެކު ބޭއްވި ބައްދަލުވުމެއްގައި ފޯކައިދޫ އާއި ނިލަންދޫ އަކީ ފުރަތަމަ ޑިވިޝަންގައި ހިމެނޭ ކްލަބަތައް ނޫންކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ދެޓީމު ލީގުގައި ކުޅުނު ކަމުގައި ވިޔަސް އެދެޓީމަށް ލިބޭނީ 1.5 މިލިއަން ރުފިޔާ ކަމަށް ފަހުން ބުނެފައިވާ ކަމަށެވެ.
ނިލަންދޫ ޓީމުން ބުނީ ފަހުން ދޭން ބުނި ފައިސާގެ ތެރެއިންވެސް ލިބިފައިވަނީ 5 ލައްކައެއްހާ ރުފިޔާ ކަމަށެވެ. ނަމަވެސް ރައީސް ދިންކަމަށް އެވިދާޅުވީ ވޯޓުލެވޭ ކްލަބުތަކުގެ ފައިސާ ދިން ވާހަކަ ކަމަށް ވެދާނެ ކަމަށް އެޓީމުން ބުންޏެވެ.