ރައްޔިތުންގެ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް، މަޖިލީހުގެ ރުހުުން ހޯދަން ޖެހޭގޮތަށް ގާނޫނު އިސްލާހު ކުރަނީ

ކޮވިޑް 19 ފަދަ ކަމެއް ދމާވެގެން، އިއުލާކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ރައްޔިުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އާންމު ސިއްހަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

މި ބިލުގައިވާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވާއިރު، އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ދީފައި ވެއެވެ.

އެގޮތުން އެ ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުމުގެ ގަރާރާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެއެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުުނެފައި ވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަސް ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުުނެފައި ވެއެވެ.