ރައްޔިތުންގެ މަޖިލިސް

ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުންނަށް 5000 ރުފިޔާގެ އެލަވަންސެއް ދޭން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުންނަށް 5000 ރުފިޔާގެ އެލަވަންސެއް ދޭން ގާނޫނުގައި ހިމަނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން އެ ގޮތަށް ހުށަހަޅާފައިވަނީ، ސަރުކާރުގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި އެ ބިލުގައި ހިމެނުމަށެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ، ވަޒީފާއެއް ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް އިނާޔަތެއްލިބުން މުހިއްކު ކަމަށެވެ.

އެފަދަ ފަރާތަކަށް ވެސް ލިބެންޖެހޭނީ 65 އަހަރުންމަތީގެ މީހުންނަށް ދެމުން އަންނަ އަދަށްވުރެ މަދު ނުވާ އަދަދެއް ކަމަަށާއި، އެގޮތުން އެފަދަ ފަރާތްތަކަށްވެސް 5000 ރުފިޔާގެ އިނާޔަތެއް ކަނޑައަޅަންޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރިޓަޔާކޮށްފައި ހުންނަ މީހަކަށް 5000 ރުފިޔާ ދޭއިރު، ވަޒީފާ ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ދެފާސް ނުވަތަ ތިންހާސް ރުފިޔާގެ އިނާޔަތެއް ދިނުމަކީ ފެއާގޮތެއްނޫން ކަމަަށެވެ.

ފޮނަދޫ ދާއިރާގެ މެންބަރުވެސް ވިދާޅުވީ، ވަޒީފާނެތް ފަރާތްތަކަށް އެލެވަންސެއް ދިނުކީ އެޖެއްންޑާ 19 ގެ ވައުދެއް ކަމަށެވެ.

އެހެންކަމުން އެ އެލަވަންސް ކަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއަދާ ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ސަރުކާރުން ހުށަހަޅާފައިވާ މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާއިރު، ވަޒީފާ ނެތް މީހުންނަށް ސަރުކާރުން އެލަވަންސް ދޭންޖެހޭ ގޮތަށް އެ ބިލުގައި ވަކި ބާބެއް ހިމަނަން، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވަނީ ހުށަހަޅުއްވައިފައެވެ.