މަޖިލީހުގެ ރައީސް

މަޖިލީހުން ބިލްތައް ހެދުމަކީ ބަންޑާރަ ނާއިބު އެހާބޮޑަށް ހިތްޕުޅާ ވާ ކަމެއް ނޫން: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ގާނޫނުތައް އެކުލަވައިލުމަށް، ރައްޔިތުންގެ މަޖިލީހުން ބިލްތައް ހެދުމަކީ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު، އެހާބޮޑަށް ހިތްޕުޅާ ވާ ކަމެއް ނޫން ކަމަށާއި، އެކަމުގައި ބަންޑާރަ ނާއިބާ އެހާބޮޑަށް ފުށު އަރަން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކުން، އެކުލަވާލުމަށް މުއައްސަސާތަކަށް ލާޒިމްކުރާ ގަވާއިދުތައް ހެދެމުން ނުދާ މައްސަލަ އާއި އެފަދަ މުއައްސަސާތަކަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހުށަހަޅާ ބިލުތަކުގައި ނުހުންނަކަން ފާހަގަ ކުރައްވައި، މަޖިލީހުން ބިލުތައް ހެދުމުގެ މުހިއްމުކަން ފާހަގަ ކުރައްވައި ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ލީގަލް ޑިޕާޓްމެންޓާއި އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި ބިލްތައް ޑްރާފްޓް ކުރުމާބެހޭ ވޯކްޝޮޕްތަކެއް މަޖިލީހުގެ އިދާރާގައި ހިންގާފައިވާ ކަމަށެވެ. އަދި އެ މެނުއަލް ބޭނުންކޮށްގެން މަޖިލީހުން ބިލްތައް ހެދުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހުން ކުރިޔަށް ގެންދާނެ ކަަމަށް މީގެ ކުރިން ވިދާޅުވިނަމަވެސް ބަނަޑާރަ ނައިބު އެކަމާ ހިތްޕުޅާ ނުވީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިތަނުގެ ލީގަލް ޑިޕާޓްމެންޓާއި އެޓާނީ ޖެނެރަލްގެ އޮފީހާ އެކުގައި ވޯކްޝޮޕްތަކެއް ވަނީ ބާއްވާފަ، ގާނޫނު ޑްރާފްޓް ކުރުމާ ބެހޭގޮތުން އަދި އެ ވާކްޝޮޕުން އަޅުގަނޑުމެނަށް ވަނީ ބިލު ހެދުމުގެ ކުޑަކުޑަ މެނުއަލްއެއް އެކުލަވާލެވިފަ. އަދި އެ މެނުއަލް ބޭނުން ކޮށްގެން ބިލްތައް ޑްރާފްޓް ކުރެވެމުން އަޅުގަނޑުމެނަށް މިދަނީ، ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދެންނެވިން، މިއަހަރުގެ ފުރަތަމަ ދައުރު ފެށުނުއިރުގައި މަޖިލީހުން ބިލު ޑްރާފްޓް ކުރާނެ ކަމުގެ ވާހަކަ، އެހެން ނަމަވެސް އެކަމާ ބަންޑާރަ ނާއިބު އެހާބޮޑަށް ހިތްޕުޅާ ނުވީމަ ދެން ނޭދެން ބަނޑާރަނާއިބާ އެހާބޮޑަށް ފުށުއަރާކަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެދިވަޑައިގަންނަވަނީ، ބަންޑާރަނާއިބާއެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބޭނުންވާ ބިލްތައް ހެދުމާބެހޭ މައްސަލައިގައި މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ބަންޑާރަނާއިބު އިބްރާހިމް ރިފްއަތާ ދެބޭފުޅުންގެ މެދުގައި މީގެ ކުރީންވެސް ހިޔާލުތަފާތުވުންތައް އުފެދިފައި ވެއެވެ.