ރާއްޖެޔަށް އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން ނަގަމުން އަންނަ ޑިއުޓީ އިތުރަށް ބޮޑުކޮށް، އެތެރެކުރާ ބިޑިންވެސް ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއެވެ.
މި އިސްލާހުގައި ވަނީ ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކުން މިހާރު ނަގާ ދެ ރުފިޔާގެ ބަދަލުގައި ތިން ރުފިޔާ ނެގުމަށެވެ. އަދި ކޮންމެ ބިޑިއަކުން ޑިއުޓީގެ ގޮތުގައި ތިން ރުފިޔާ ނަގަން ވެސް އިސްލާހުގައި ހިމަނާފައި ވެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން، ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި 25 ޕަސެންޓް ނަގާއިރު، އަދި ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގަިއ ދެ ރުފިޔާ ނަގާއިރު، ސިނގިރޭޓާއި ބިޑި ނޫން ދުންފަތާއި ދުންފަތުން ތައްޔާރުކުރާ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން 200 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގައެވެ.
ސިނގިރޭޓުގެ އިތުރުން ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ވެސް ބިލުގައި ހިމަނާފައި ވެއެވެ.