މިއީ ސިޔާސީ އެއްމެ ޕާޓީއަކަށް އޮތް ގައުމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން މަޖިސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމަށް އެދި ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ އިންތިހާބުތަކުގައި ދިވެހި ރައްޔިތުން އެއްވެސް ޕާޓީއަކަށް ޕޮލޕިއުލާ ވޯޓު ދީފައި ނުވާ ކަމަށެވެ.
"މީ އެއްޕާޓީގެ ގައުމެއް ނޫން މި ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފް ކުރެވުނުފަހުން އެނގިވަޑައިގަންނަވާނެ ހައެއްކަ އިންތިހާބު ބޭއްވިއްޖެ، މިދިޔަ ރިޔާސީ އިންތިހާބުގައި އަޅުގަނޑު މެނަށް އެނގިއްޖެ، 2008، 2013، 2018، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެވެސް ތިން އިންތިހާބު، ކައުންސިލް އިންތިހާބުގެ ތިން އިންތިހާބު، މީގެން އެއްވެސް އިންތިހާބެއް މެޖޯރިޓީ ވޯޓު، ޕޮޕިއުލާ ވޯޓް ރާއްޖޭގެ ރައްޔިތުުން އެއްބަޔަކަށް ޖުމްލަކޮށް ދީފައެއް ނުވޭ،" މަޖިލިސް ރައީސް ވިދޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ސިޔާސީ ތަބީއަތް ކަމަށާއި، ރާއްޖޭގައި ކަން ކުރަމުން ގެންދިއުން ބުއްދިވެރީ އެ ތަބީއަތް ބަލައިގަނެގެން ކަމަށެވެ. އެކަމަށްޓަކައި ނިކަމެތިވާންވީ ވަރަކަށް ނިކަމެތިވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ މެންބަރުން މަޖިލިސް ޖަލްސާތައް ބޮއިކޮޓް ކުރީ، ކައުންސެލަރުންގެ ދައުރު އިތުރު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި މަޖިލިސް ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ މެންބަރު، ނައިފަރު ދާއިރާގެ މެންބަރުގެ ނަން އިއްވައި ޖަލްސާއިން ނިކުތުމަށް އެންގުމުންވެސް ނުނިކުތުމުން، އެހެން މެންބަރުން އޭނާ ކޮއްޕައި ގަޅުވަމުން ބޭރަށް ނެރުނު މައްސަލައިގައެވެ.
އިދިކޮޅުން ބުނަނީ އެމްޑީޕީ މެންބަރުން އެކަން ކުރީ މަޖިލިސް ރައީސްގެ އެންގެވުމަށް ކަމަށެވެ.