ވޯލްޑް ބޭންކު

ރާއްޖޭގެ އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު ދޭން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ފަށާފައިވާ އިންކަމް ސަޕޯޓް އެލަވެންސް ސްކީމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

ވޯލްޑު ބޭންކުން ނެރުނު ނޫސް ބަޔާނެއް ބުނި ގޮތުގައި ރާއްޖެޔަށް 12.8 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ އިއްޔެ ކަމަށެވެ. މި 12.8 މިލިއަން ޑޮލަރަކީ ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ އިގުތިސާދި ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތުވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީވުމަށް ހިންގުމަށް ހަމަޖައްސާފައިވާ 'ކޮވިޑް 19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' އަށް ދޭ ފައިސާގެ އެހީއެއް ކަަމަށް ވޯލްޑު ބޭންކުން ބުނެއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ކޮވިޑް 19ގެ ސަބަބުން އާމްދަނީއަށް އަސަރުކޮށްފައިވާ ކޮންމެ މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަހަރު 5000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި މިއީ ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހަރަދުތައް ފޫބެއްދުމުގެ އެހީތެރިކަމެއް ލިބޭނެ ކަމެއް ކަމަށާއި، ކޮވިޑް 19 އިތުރަށް ފެތުރުން ހުއްޓުވުމަށް ގޭގައި ތިބުމަށް އެހީއަކަށްވެސް ވެގެން ދާނެ ކަމަށް ވޯލްޑު ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނިގޮތުގައި މި އެހީގެ ސަބަބުން އިންކަމް ސަޕޯޓް އެލަވެންސާއި ސަރުކާރުން ދޭ އެހެނިހެން ފައިސާގެ އެހީތައް ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެ އެވެ. އަދި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފުކުރެވި، ވަރަށް ތަފްސީލީ ގޮތެއްގައި އެކަށައެޅޭ އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑެއް އެކުލަވައިލެވޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް މުރާޖައާ ކުރެވޭނެ ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަލަށް ހިންގޭ 'ކޮވިޑް 19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ. މި މަޝްރޫއަށް ޖުމުލަ ހޭދަކުރެވޭނީ 12.8 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑު ބޭންކުގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ފޯރުކޮށްދޭ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ އެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވޯލްޑު ބޭންކުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. މި މަޝްރޫއުގެ އިތުރުން، ކުރިމަތިވާ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަންވެސް ރާއްޖެއަށް ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ވޯލްޑު ބޭންކުން ވަނީ ސިއްހީ ދާއިރާ އަށް އެހީތެރިވުމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ސާމާނު ފޯރުކޮށްދީފައެވެ އަދި ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވޯލްޑު ބޭންކު ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމަޔަށް އެހީތެރިވެދޭނެ ކަމަށް ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.