އިބްރާހިމް ޒަކީ
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލީޝަަންގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގުމަށް އެދިވަޑައިގަންނަވަނީ، ބައި މަދު ޕާޓީތަކާއެކުގައި އެ ޕާޓީތަކަށް ހުރިހާ ހައްގުތަކާއި އިހުތިޔާރުތަކާއި ބާރުތައް ލިބިދޭ ނިޒާމެއްގައި ކަމަށެވެ.
މަޖިލިސް ގަވާއިދުވެސް އެކުލަވާލާފައިވަނީ އެ ނިޒާމަށް ކަމަށާއި، ނަމަވެސް މަޖިސް ގަވައިދު ހިފަހައްޓަން ޖެހޭ ކަންކަމުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގަވައިދު އެގޮތަށް ހިފެހެއްޓުމަކީ، ތާއަބަދުގެ ކަމެއްކަމުގައި ދެކިވަޑައި ނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އިދިކޮޅު މެންބަރުން މަޖިލީހުގައި ނެތުމަކީ ގޮނޑީގެ އަދަދުން ހުސް މިންވަރު ފާހަގަ ނުވި ނަަމަވެސް ރާއްޖޭގެ ސިޔާސީ ނިޒާމަކީ ވާދަވެރިންނާއެކީ ކުރިޔަށް ދާން ޖެހޭ ނިޒާމެއް ކަމަށެވެ.
މިނިޒާމް ރަނގަޅަށް ހިންގޭނީ ވާދަވެރިކަމާއެކު މަސައްކަތް ކުރެވިގެންކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މެޖޯރިޓީ އާއި މައިނޯރިޓީ އޮންނައިރު، މައިނޯރިޓީން ބޭނުންވާ ކަންކަންވެސް ހުންނާނެ ކަމަށެވެ. އަދި އެކަންކަން ކުރުމަށް މައިނޯރިޓީން ޖެހޭނީ މެޖޯރިޓީއާ ވާހަކަ ދައްކަން ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މެޖޯރިޓީއާއި މައިނޯރިޓީން ވާދަވެރިކަމާއެކު މަސަައްކަތް ކުރުމަކި މި ގައުމުގެ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.