މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްްޖޭގެ ސްކޫލުތައް ބަންދުކުރުމުން، ރާއްޖޭގެ ދަރިވަރުންނަށް މިއަހަރު ސްކޫލަށް ގޮސް ކިޔެވުނީ ދެމަހެއްހާ ދުވަހެވެ. އެއީ މާޗް މަހުގެ ކުރީކޮޅު ލިބުނު ކުރު ޗުއްޓީއަށްފަހު ދަރިވަރުން ސްކޫލަށް އެނބުރި ގޮސްފައި ނުވާތީއެވެ. އެ ފިޔަވަޅާއެކު ސްކޫލަށް ނުގޮސް، ގޭގައި ތިބެގެން އޮންލައިންކޮށް ދަރިވަރުން ކިޔަވަމުން އަންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.
ނަމަވެސް ފަރުވާއެއް ހޯދިފައި ނެތް ކޮވިޑް ބައްޔާއެކު ދިރިއުޅެން މިއަދު މިވަނީ ދަސްކުރަން ޖެހިފައެވެ. އެހެންކަމުން ބަލި ފެތުރޭ މިންވަރަށް ލުޔެއް ލިބި، ރާއްޖެއިން ވެސް އާ އާންމު ހާލަތަކަށް ދާން މިއަދު މިދަނީ ފައްކާވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެ ހާލަތުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅައި އެކުލަވާލައި އަދި ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވާން ސްކޫލުތަކަށް އަންގައިފައެވެ. ނަމަވެސް ސްކޫލުތައް ހުޅުވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެކަމަށް ހުއްދަ ލިބުމުންނެވެ.
މިހާލަތުގައި ބެލެނިވެރިންގެ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އާ އާންމު ހާލަތާއެކު ސްކޫލުތަކުގެ ރައްކާތެރިކަމާމެދުއެވެ. އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަމާމެދުއެވެ. އޭގެ އިތުރުން ސްކޫލަށް ދަރިވަރު ފޮނުވަން ޖެހިލުންވާ ބެލެނިވެރިން ވެސް މަދެއް ނޫނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށް ސްކޫލުތަކަށް ފޮނުވާފައިވާ ގައިޑްލައިންގައި ބުނެފައިވާ ގޮތުން، އާ އާންމު ހާލަަތުގައި ސްކޫލުތައް ހުޅުވި ނަމަވެސް ދަތި ހާލުގައި އުޅުމުގެ ސަބަބުން ސްކޫލުން ވަކިވާން ނުވަތަ ސްކޫލަށް ނުދާން ތިބި ކުދިންނަށް ވެސް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހެއެވެ. އަދި ސިއްހީ އެކިއެކި މައްސަލަތަކާއި ނުރައްކަލަށް ހުށަހެޅިދާނެ ކުދިންނާއި ސްކޫލުގެ މުވައްޒަފުން ގޭގައި ތިބެގެން ކިޔަވައި މަސައްކަތް ކުރެވޭނެއެވެ.
ގައިޑްލައިންގައިވާ ގޮތުން ކޮވިޑް ޖެހި ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއް ވެފައިވާ ނުވަތަ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކޮށްފައިވާ ކުދިންނާއި ދިގު މުއްދަތަކަށް ބޭސްކުރާ ބަލިތަކުގެ ކުދިންގެ މައުލޫމާތު ސްކޫލުން ނަގައި ބަލަހައްޓަން ޖެހެއެވެ. އެފަދަ ކުދިން ސްކޫލަށް ހާޒިރުވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެއެވެ.
އާ އާންމު ހާލަތަކަށް ދާއިރު ސްކޫލުތަކުގައި ތާމޯމީޓަރު ބަހައްޓާއިރު ސްކޫލުގެ ޓީޗަރުން ފެށިގެން އޮފީސް ސްޓާފުންނާއި ސަޕޯޓް ސްޓާފުން އަންގި އާއި މާސްކު ބޭނުން ކުރަން ޖެހެއެވެ. އަދި ހެލްތު އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން ފޭސް ޝިލްޑު ބޭނުން ކުރަން ޖެހޭއިރު ސަޕޯޓް ސްޓާފުން ޕީޕީއީ ވެސް ބޭނުންކުރާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިން ބުނާ ގޮތުން، ސްކޫލަށް ދަރިވަރު ވަނުމުގެ ކުރިން އެކުއްޖެއްގެ ހުމާއި ކޮވިޑުގެ އަލާމާތެއް ހުރިތޯ ބަލާނެއެވެ. އަދި އެފަދަ ކަމެއް ހުރިހަމަ ސްކޫލުގައި އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކަށް އަންގަން ޖެހޭއިރު ދެން އަމަލުކުރާނެ އުސޫލުތަކެއް އެސްކޫލެއްގެ އެސްއޯޕީގައި އެކުލަވާލަން ޖެހެއެވެ.
ސްކޫލު ތެރޭގައި އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނައިރު ދަރިވަރުންނާއި ސްޓާފުން ވެސް އަތްދޮވުމަށްފަހު އަތް ފޮހެން އަމިއްލަ ޓިޝޫއެއް ނުވަތަ ތުވާލިކޮޅެއް ގެންގުޅެން ރަނގަޅެވެ. އަދި އަތް ދޮވުމަށްފަހު ދަރިވަރުން އިތުރު އެއްވެސް ތަނަކަށް ނުގެންގޮސް ވައްދަން ޖެހެނީ ސީދާ ކުލާހަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައިވާ ގޮތުން އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި ނޭވާލާން އުދަނގޫވާފަދަ ކަމެއް ހުންނަ މީހުންނާއި އަމިއްލައަށް މާސްކު ނައްޓައިނުލެވޭ މީހުން މާސްކު އަޅާކަށް ނުޖެހެއެވެ. އަދި ހުރިހާ ސްޓާފުންނާއި ދަރިވަރުން ސްކޫލުތެރޭގައި އުޅޭ ވަގުތު މާސްކު އަޅަންޖެހޭއިރު އެސްތުމާ އަދި ސެންގެ ދަރިވަރުންވެސް މާސްކު އަޅާކަށް ނުޖެހޭނެއެވެ.
އޭގެ އިތުރުން ދަރިވަރުން ކޮންމެ ދުވަހަކު ވެސް އަޅަންވާނީ އާ މާސްކެއް ކަމަށާއި އަދި ސްކޫލަށް ދާއިރު އިތުރު މާސްކެއް ގެންދިއުމަށް އެދިފައި ވެއެވެ. ބޭނުންކޮށްފައިވާ މާސްކެއް ނުވަތަ ޓިޝޫއެއް ރައްކާތެރިގޮތުގައި އެއްލައިލެވޭނެ އިންތިޒާމު ސްކޫލުތަކުގައި ހަމަޖައްސަން ޖެހެއެވެ.
އާ އާންމު ހާލަތުގައި ސްކޫލުތައް ހުޅުވާލާއިރު އިޖްތިމާއީ ގައިދުރުކަމަށް ސްކޫލު ތެރޭގައި ނިޝާންތަކުންނާއި ޓޭޕުން ނުވަތަ ރޯނުންނާއި ބެރިއަރު ބޭނުންކޮށްގެން ނަމަވެސް އެކަން ކަށަވަރު ކުރަން ޖެހެއެވެ. ބެލެނިވެރިން ދަރިވަރުން ސްކޫލަށް ގެންގޮސް، ދޫކޮށްލަން ޖެހޭ ތަންތަން ވެސް ފާހަގަކުރަން ޖެހެއެވެ. އޭގެ އިތުރުން ފާހާނަތަކާއި ކުލާސްރޫމްތަކުގައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރަން ޖެހޭއިރު ކުލާސްރޫމް ތެރޭގައި އެއްމޭޒު އަނެއް މޭޒާ ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ބުނާ ގޮތުން، އާ އާންމު ހާލަތުގައި ވެސް ކޯޑިނޭޝަން ބައްދަލުވުންތަކާއި ބެލެނިވެރިންގެ ބައްދަލުވުންތައް އަދި އެހެނިހެން ވެސް އެފަދަ ބައްދަލުވުންތައް ބޭއްވުމަށް އެދިފައިވަނީ އޮންލައިންކޮށެވެ. ނަމަވެސް ކޮންމެހެން ދިމާވެގެން ބާއްވަން ޖެހޭ ބައްދަލުވުމެއްގައި ވެސް ގައިދުރުކަމުގެ އުސޫލުތައް ހިފަހައްޓަން ޖެހެއެވެ.
ގައިޑްލައިންގައިވާ ގޮތުން، ހަފްތާއަކު އެއްފަހަރު ދަރިވަރުން ކުލާސްރޫމުން ބޭރަށް ނެރުމަށް ޓީޗަރުން ބާރުއަޅަން ވާނެއެވެ. ނަމަވެސް ގިނަ ކުދިން ބައިވެރިވެގެން ބާއްވާ އެއްވުންތަކާއި އިތުރު ހަރަކާތްތައް ވަކި އެއްޗެއް އަންގަންދެން ބޭއްވުން މަނާ ވާނެއެވެ. އަދި އެސެމްބަލީތައް ވެސް ބާއްވަން އަންގާފައިވަނީ ހަފްތާއަކު އެއްފަހަރު، ކުލާސްރޫމް ތެރޭގައެވެ.
އޭގެ އިތުރުން ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ދަރިވަރުންނާއި ޓީޗަރުންގެ ދުޅަހެޔޮކަން ކަށަވަރު ކުރަން ޖެހޭއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ މައްސަލަތަކާއި ސައިކޮލޮޖިކަލް އެހީއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ގައިޑްލައިންގައި އަންގާފައި ވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ސްކޫލުތަކުގެ ސާފުތާހިރުކަން ޔަގީން ކުރުމަށް ވެސް ކަންތައްތަކެއް ކުރުމަށް އަންގާފައިވެއެވެ. އެގޮތުން ސްކޫލުތައް ހުޅުވުމުގެ ކުރިން މުޅި ސްކޫލު ޑިސްއިންފެކްޓް ކުރަންޖެހޭއިރު މޭޒުތަކާއި، ބިންމައްޗާއި، ރެއިލިން ފަދަ އަތްޖެހޭ ތަންތަން ދުވާލަކު 2-4 ފަހަރު ޑިސްއިންފެކްޓް ކުރަން ޖެހެއެވެ. އެގޮތުން ކޮންމެ ސެޝަނެއްގެ ކުރިން އެތަންތަން ޑިސްއިންފެކްޓް ކޮށްފައިވޭތޯ ޔަގީން ކުރަން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ގައިޑްލައިންގައި އިތުރަށް ބުނެފައިވަނީ، ސްކޫލް ތެރޭގައި އަތް ދޮވެވޭނެ އިންތިޒާމާއި ސްކޫލުގެ އެކި ދިމާލުގައި ސެނިޓައިޒާ ބޭނުން ކުރެވެން ހުންނަންވާނެ ކަމަށެވެ. އަދި ވަކި އެއްޗެއް އަންގަންދެން ކެއުމާއި ބުއިން އަދި ކެންޓީނުގެ ހިދުމަތްތައް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މި ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ ބައެއް ފިޔަވަޅުތަކެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކޮރޯނާވައިރަސް މި ދުނިޔެއިން ފިލައިގެން ނުދާ ކަމެވެ. ބައެއް ގައުމުތަކުގެ ތަޖުރިބާއަށް ބަލާނަމަ ސްކޫލުތައް ހުޅުވުމަށްފަހު ބަންދުކޮށްފައި ވެސް އެބަ ހުއްޓެވެ.
ނަމަވެސް ބައްޔަށް ފަރުވާއެއް ލިބެންދެން ކުދިން ގޭ ބަންދުގައި ބައިތިއްބައިގެން އެކުދިންނަށް ދިމާވަމުންދާ ނަފްސާނީ ގެއްލުން މާބޮޑުވާނެކަން ވެސް ދަންނަން ޖެހެއެވެ. އެކުވެރިންނާއި ލޯބިވާ މުދައްރިސުންނާ ދިމާވެ ވާހަކަދައްކާލުމަކީ މިއަދު އެކުދިން އެދިއެދި ތިބި ކަމެކެވެ. އެހެންކަމުން މިއީ އާ ހާލަތެކެވެ. މި ހާލަތަށް ކުދިން ވެސް ބެލެނިވެރިން ވެސް ތައްޔާރުވާން އެބަޖެހެއެވެ. ސްކޫލުތަކަށް ދަރިވަރުން ފޮނުވަން ވިސްނަން ޖެހެއެވެ.