އަލީ ޔާމިން
މިމަހުގެ 14 އިން 30ގެ ނިޔަލަށް ބޭންކުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން އިން މިއަދު ނެރުނު ދެންނެވުމުގައި ބުނީ އެދުވަސްތަކު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.
މީގެ އިތުރުން ފުރަބަންދުގެ ހާލަތަށް ސަރުކާރުން ދީފައިވާ ލުއިތަކާ ގުޅިގެން މިހާރު މެދުކެނޑިފައިވާ ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަލުން ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކި ލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތްވެސް މިމަހުގެ ނިޔަލަށް ދިނުމަށް ނިންމާފައިވާއިރު އެ ހިދުމަތް ދެމުން ގެންދާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
އެ ހިދުމަތް ހޯދުމަށް އެމްއެމްއޭގެ ނަންބަރު 7919292 އަށް ހިދުމަތް ހޯދަން އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ގުޅޭނެ މޯބައިލް ނަންބަރު، އަދި ހޯދުމަށް ބޭނުންވާ ހިދުމަތް ލިޔުމަށް ފަހު އެސްއެމްއެސް ނުވަތަ ވައިބާ މެދުވެރިކޮށް ފޮނުވުމުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޯދަން ޖެހޭ ހުއްދަތައް އެ އޮތޯރިޓީން ހޯދާނެ ކަމަށް ބުނެފައިވެއެވެ.
އެމްއެމްއޭއަށް ހިދުމަތް ހޯދުމަށް އަންނައިރު، މާސްކް އެޅުމަށާއި ގަޑިއަށް ފަރުވާތެރިވުމަށް އެބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.