މުހައްމަދު އައުޒަމް
މަޝްހޫރު ވީޑިއޯ އެޕް "ވައިން"ގެ ކޯ ފައުންޑަރ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އުމުރުން 34 އަހަރުގެ ކޮލިން ކްރޯލް މަރުވެފައި އޮއްވާ ފެނިފައި ވަނީ ނިއުޔޯކްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ތެރެއިންނެވެ.
ނިއުޔޯކްގެ ފުލުހުންނަށް މިކަން ރިޕޯޓް ކޮށްފައިވަނީ ކްރޯލްގެ ބައިވެރިޔާއެވެ. ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ވަނީ ކޮލިން ކްރޯލް ދިރިއުޅެމުން ދިޔަ އެޕާޓްމަންޓް ބަލައި ފާސް ކޮށްފައެވެ. އަދި ފުލުހުން ވަނީ ކޮލިން ކްރޯލްގެ ހަށިގަނޑު ހިމެނޭ ސަރަހައްދުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ބުނެފައެވެ.
ކޮލިން ކްރޯލް އަކީ މަޝްހޫރު ވީޑިއޯ ޕްލެޓްފޯމް ވައިންގެ ސީއީއޯގެ އިތުރުން އެޕްގެ ކޯފައުންޑަރ އެވެ. އަދި ކޮލިން ކްރޯލް އަކީ ލައިވް ޓްރިވިއާ ގޭމް އެޗް ކިއު ޓްރިވިއާގެ ވެސް ކޯ ފައުންޑަރ އެވެ.
ކޮލިން ކްރޯލްގެ ވިޔަފާރި ޕާޓްނަރު އަދި އެޗްކިއު ޓްރިވިއާގެ ކޯ ފައުންޑަރ ރުސް ޔުސުޕޯވް ވަނީ ކޮލިން ކްރޯލްގެ ހަނދާން ދުވަހަކުވެސް ނުފުހެވޭނެ ކަމަށް ބުނެ ހަމްދަރުދީގެ ޓްވީޓެއް ކޮށްފައެވެ.
ކޮލިން ކްރޯލް އަކީ މޯބައިލް އެޕް އުފެއްދުމުގައި ކާމިޔާބު މީހެކެވެ. 2012 ވަނަ އަހަރު ޑިވެލޮޕްކުރި އެޕް ވަނީ 30 މިލިއަން ޑޮލަރަށް ޓުވިޓާއަށް ވިއްކާލައިފައެވެ.