ކުޅިވަރު

އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް މި މަހު ބާއްވަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ފަސްކުރި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބީ ކޮންގްރެސް މި މަހުގެ ތެރޭގައި ބޭއްވުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކޮންގްރެސް ބާއްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލިބެން ޖެހޭ ހުރިހާ ހުއްދަތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމާ ބެހޭ ފަރާތްތަކުގެ އެންގުމާއި އެއްގޮތަށް ކަމަށެވެ.

އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާން ނުވަ ވަރަކަށް މަސް ދުވަސް ބާކީ އޮއްވައި އެފްއޭއެމްގެ ރައީސް ކުއްލިގޮތަކަށް އިއުލާނު ކުރި އިންތިހާބީ ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން އެއިދާރާއިން ނިންމީ ކޮންގްރެސް ފަސްކުރުމަށެވެ

އެފްއޭއެމްގެ ރައީސަކަށް ބައްސާމް އެކަނި ކުރިމަތި ލައްވާފައިވާއިރު އޭނާގެ ދަށުން ސީނިއާ ނައިބު ރައީސްގެ މަގާމަށް މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް އަލީ އުމަރުގެ ނަން ހުށަހަޅާފައިވާއިރު ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރުގެ ހިންގާ ކޮމިޓީ މެންބަރު އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

ހިންގާ ކޮމިޓީގައި ދެން ހިމެނެނީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި، މިހާރުގެ ހިންގާ ކޮމިޓީ މެންބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި، އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) ގެ އިތުރުން މުހައްމަދު ޝިފާއު އެވެ.

ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ބައްސާމަށް ތާއީދު ކޮށްފައިވާއިރު، ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތެއް މި ދެ ކްލަބަށް ނުލިބޭނެއެވެ.