ރައްޔިތުންގެ މަޖިލިސް

8 ފެބްރުއަރީގައި ފުލުހުން ބޮނޑޭއަށް އަނިޔާކުރާ ވީޑިއޯއެއް އީވާގެ އެދިވަޑައިގަތުމަކަށް، މަޖިލީހުގައި ދައްކައިފި

1

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން، 8 ފެބްރުއަރީ 2012ގައި އެމްޑީޕީން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރާތަން ފެންނަ ވީޑިއޯއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައްކައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ވީޑިއޯ ދެއްކުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ، ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސްގައި، އެވީޑިއޯ ދެއްކުމަށް އީވާ މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގަތީ، ފުލުހުން ކޮށްފައިވާ އަނިޔާތަކާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށްފަހު، އެ ހަގީގަތް ދެއްކުމަށްޓަކައެވެ.

އީވާ ފުރަތަމަ ވިދާޅުވީ، ބޮންޑާއަށް ފުލުހުން އަނިޔާކުރާ ވީޑިއޯ މިހާރު ވެސް އޮންނާނެ ކަމަށެވެ. އީވާ އެހެން ވިދާޅުވުމުން މަޖިލިސް ރައީސް ވިދާޅުވީ މެންބަރަކު އެދިވަޑައިގެންފި ނަމަ އެ ވީޑިއޯ މަޖިލީހުގައި އެޅުވޭނެ ކަަމަށެވެ. އެހެންކަމުން އީވާ އެ ވީޑިއޯ ދައްކައިދިނުމަށް މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މީގެ ކުރިން ސޯޝަލް މީޑިއާގައިވެސް ދައުރުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ބޮންޑޭ މަގުމައްޗަށް ވައްޓާލުމަށް ފަހު، ފުލުހުންތަކެއް ކޮޅުފައިންނާއި މުގުރުންނާއި އަތުން އޭނާގެ ގައިގައި ތަޅާ މަންޒަރެވެ.

އީވާ ވިދާޅުވީ، 2012 ގެ ފެބްރުއަރީ ހަތަކާއި އަށެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުން ކުރި އަނިޔާ ވީޑިއޯތަކުން ފެންނަން ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންތައްތަކާ ބެހޭގޮތުން ސަރުކާރުގެ އެއްވެސް ވެރިޔަކު އަދި ފުލުހުންގެ މުއައްސަސާއިންވެސް މިހާތަނަށް މައާފަށްވެސް އެދިފައިނުވާ ކަމަށް އީވާ ވިދާޅުވިއެވެ.

ފުލުހުންގެ އަނިޔާއިން މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާއިރު، އެމީހުންނާ ބެހޭ ލިސްޓެއްވެސް އެކުލަވާލާފައި ނުވާކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އެހެން ގައުމުތަކުގައި އެކަން އޮންނަނީ އެގޮތަށް ނޫން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟