ޑރ. އަހުމަދު ޒާހިރު

ދެން ލުއިތައް ދޭއިރު މިސްކިތަށް ވަކިން ގޮސް ނަމާދު ކުރެވޭނެ ކަމުގެ އިޝާރާތެއް މިނިސްޓަރު ކުރައްވައިފި

އައިދާ އަބްދުލް ހަކީމް

1

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންނަށް ދެން ލުއިތައް ދޭއިރު އުންމީދަކީ މިސްކިތްތައް ހުޅުވިގެން ޖަމާއަތުގައި ނަމާދު ނުކުރެވުނު ކަމުގައިވިޔަސް މިސްކިތަށް ވަކިން ގޮސް ނަމާދު ކުރެވޭނެ ގޮތް ހަމަޖެހިގެން ދިއުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިހާރު އެންމެ ގިނަ މީހުން ކަންބޮޑުވާ އެއްކަމަކީ މިސްކިތުގައި ނަމާދު ކުރުމާއި ޖަމާއަތް ހަދައިގެން ނަމާދު ނުކުރެވުން ކަމަށެވެ.

ޑރ. ޒާހިރު ވިދާޅުވީ އެކަމަށް ހައްލެއް ހޯދުމަށް އެޗްޕީއޭ އާއި ދީނީ އިލްމުވެރިންނާއި އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާރު ކޮވިޑް ބަލީގެ ކޭސްތައް މަދުވެފައިވާތީ މިހާލަތުގައި ދެމީހެއްގެ ދޭތެރޭ ހުސް ޖާގަ ދިނުމަށްފަހު ނަމާދު ކުރެވިދާނެތޯ ހާލަތަށް ރިއާޔަތް ކޮށް ޑޮކްޓަރުން ލަފާ ދެއްވައިފި ނަމަ އެކަމުގައި ދީނީ އިލްމުވެރިން ދެކެނީ ކިހިނެއްތޯ ބަލައި އެގޮތަށް ނަމާދުކުރަން ވެސް ނިންމަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން ހުއްދަ ނުދީ މިހާރުވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ށ. ނަރުދޫގެ އިތުރުން ނ. މަނަދޫއި ކަމަށެވެ. ނަމަވެސް ށ. ނަރުދޫގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވާއިރު ނ. މަނަދޫގެ މުއްދަތު މި މިމަހުގެ 15 ވަނަ ދުވަހު ހަމަ ވުމުން އެ ދެރަށުގައި ވެސް ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟