ރައްޔިތުންގެ މަޖިލިސް

ގައިދީންނަށް ބޭނުންވާ އަސާސީ ކަންތައްތައް ހަމަޖައްސައިދިނުމަށް އަންގަން މަޖިލީޙުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ގައިދީންނަށް ދޭން ޖެހޭ ކަމަށް ކޮމިޓީން ކަނޑައަޅާފައިވާ އަސާސީ ހިދުމަތްތައްް ހަމަޖައްސައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކުރީ، އެކި އެކި ކުށްތަކާއި ގުޅޭގޮތުން ބަންދު ކޮށްފައިވާ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބޭތޯ އާއި އަދި އެ ފަރާތްތައް ބަންދުކޮށްފައި ވަނީ އެކަށީގެންވާ ތަނެއްގައިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ކ. މާފުށީ ޖަލަށް ޒިޔާރަތް ކުރުމަށްފަހު އެކުލަވައިލި ރިޕޯޓް މަޖިލީހުން ފާސްކޮށްގެންނެވެ.

މި ރިޕޯޓްގައި ގިނަ ކަންތައްތަކެއް ރަނގޅު ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ޖަލުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މަނާ ތަކެތި ޖަލަށް ވެއްދުން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށާއި، ޖަލަށް ވައްދާ މަނާތަކެތި އަތުލައި ގަތުމަށް ސްކްރީން ކުރެވޭނެ ވަސީލަތްތައް ހޯދައި، ފޯންކޯލްތައް ޖޭމްކުރާފަދަ ޑިވައިޒް ތައް ޖަލުގައި ވަށައިގެން ހަރުކުރުމަށް ވަނީ ހުށަހަޅައިފައެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ ބަނދު ކޮށްފައިވާ ގައިދީން ގިނަކަމުން، ގައިދީން މަދު ކުރުމުގެ ގޮތުން ކުރިން އަމަލު ކޮށްފައިވާ ގާނޫނަކުން ދިގު މުއްދަތަށް ޖަލަށްލުމަށް ހުކުންކޮށްފައިވާ ގައިދީންގެ ތެރެއިން ކުށުގެ ރެކޯޑް ނެތް މީހުންނާއި ކުށް ކުރުން މަދު މީހުން ފާހަަގަކޮށް، އެފަދަ ފަރާތްތަކަށް މައާފް ދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާ އެފަރާތްތަކުގެ އަދަބު މައާފްކޮށްދިނުމަށް އިލްތިމާސްކުރުކަށްވެސް ހުށަހަޅާފައިވެއެވެ.

ޖަލުގައި ގައިދީން އިތުރުވުން ހައްލު ކުރުމަށް ކައުންސިލްތަކުގެ އެހީތެރިކަމާއެކު ޖަލުގައި ބަންދުކޮށްފައިތިބި ގައިދީންގެ ކުށުގެ ރެކޯޑް ބެލުމަށްފަހު، ކުށުގެ ރެކޯޑްނެތް، ނުވަތަ ކުށް ކުރުންމަދު ގައިދީން ގޭބަންދަށް، ނުވަތަ ރަށުބަންދަށް، މޮނީޓާކުރެވޭވެނެ އުސޫލެއްގެ ދަށުން ބަދަލު ކުރެވޭނެ ނިޒާމެ ގާއިމްކުރަންވެސް ވަނީ ހުށަހަޅައިފައެވެ.

ޖަލުގައި ފޯރުކޮށްދޭ އަސާސީ ހިދުމަތުގެ ފެންވަރު ދަށްކަމަށް ފާހަަގަކުރެވޭތީ، ކަރެކްޝަނަލް ސާވިސް އިން ޖަލުގައި ކުރެވޭ ތަފާތު މަސައްކަތަތަކުން ނެގޭފީ އާއި ހޯދޭ އާމްދަނީގެތެރެއިން ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

ހުކުމުގެ ކުރިން ކޯޓު އަމުރުގެ ދަށުން ގިނަ އަދަދެއްގެ ބަޔަލކު ޖަލުގައި ބަންދު ކޮށްފައިވާ ފަރާތްތަކުގެ މައްސަލަތައް އަވަސް ކުރުމަށް ކަރެކްޝަންލަ ސާވިސް އާއި ޕީޖީ އޮފީހާއި ޝަރުއީ ކޯޓުތަކަށް މި ރިޕޯޓްގައި ވަނީ އިލްތިމާސްކޮށްފައެވެ.