އިބްރާހިމް ޒަކީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް، ވީޓީވީގެ ނޫސްވެރިޔާ އަމިނަތު އަމީނާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުއްވި ރިޕޯޓްގައިވާ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އަމީނާގެ ނަން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންކަމުން އެ ލިސްޓުގައި ހިމެނޭ އެހެން ބޭފުޅުންގެ ނަންތަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުﷲ ވިދާޅުވީ އަމީނާގެ ނަން ފާސް ވުމުން ދެން ހުރި ނަންތަކަށް ވޯޓަށް ނާއްސަވާނެ ކަމަށެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ނާއިބު ރައީސް އަހުމަދު ގައިސް އާއި މެންބަރުން ކަމުގައިވާ ޒީނާ ޒާހިރު އާއި އާމިނަތު ސަރާގަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އެވެ.
ކޮމިޝަނުގެ މެންބަރު ކަމަށް މިއަދު ފާސްކުރި އަނާ އަކީ ވީމިޑިއާގައި 13 އަހަރަށްވުރެ ގިނަދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފެކެވެ. މިހާރު އޭނާ ހުރީ އެ މީޑިއާގެ ސީނިއަރު އެޑިޓަރުގެ މަގާމުގަ އެވެ. އަނާއަށް މީގެ ކުރީން ވަނީ މީޑިއާ ކައުންސިލުން ދޭ އަހަރުގެ އެންމެ ރަނގަޅު މޮޅު ނޫސްވެރިޔާގެ އެވޯޑު ދެ އަހަރަކު ލިބިފަ އެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ރޮންގުން އޭނާ ވަނީ މަތީތައުލީމުވެސް ހާސިލުކުރައްވައިފައެވެ.