ރައްޔިތުންގެ މަޖިލިސް

ޖުމްހޫރީ ޕާޓީން ޖަލްސާ ބޮއިކޮޓް ކުރިކަމަށް ފާހަގަވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވުމުން ޖޭޕީން ރައްދު ދީފި

އިބްރާހިމް ޒަކީ

ސަރުކާރު ކޯލީޝަގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމުން، ޖޭޕީން އެކަން ދޮގު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމަށާއި މަޖިލީހުގެ ހާޒިރީއަށް ބަލާއިރު، ޖުމްހޫރީ ޕާޓީން ބޮއިކޮޓްގައި ތިބިކަން ފާހަގަވާ ކަމަށެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާއިރުގައި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓް ގައި ތިބިކަމަށް އެބަ ފާހަގަ ވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޖޭޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު ވިދާޅުވީ، ޖޭޕީގެ ޕީޖީ ގްރޫޕުގެ ބޭފުޅުން އެކަން ދޮގު ކުރައްވާ ކަމަށާއި، މަޖިލިސް ރައީސް ދައްކަވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް، ކަމަށެވެ.

ޖޭޕީގެ ޑިޕިއުޓީ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިތަޔާޑް މުހައްމަދު ނާޒިމު 1:00 އަށް ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް، ޖޭޕީގެ ޕީޖީ ގްރޫޕުގެ ބޭފުޅުން ތިކަން ދޮގު ކުރައްވާ. މިއަދުގެ ޖަލްސާއަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ކާނަލް ނާޒިމް 1:00 އަށް ވަޑައިގަންނަވާނެ. ދެން ތިއްބެވި ބޭފުޅުން ވެސް މިކަން ދޮގު ކުރައްވާ. ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންވެސް މަޖިލިސް ރައީސްގެ އެ ވާހަކަފުޅު ދޮގު ކުރައްވާ" އަލީ ސޯލިހު ވިދާޅުވި އެވެ.