އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ، ދިވެހި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރު ފުނޑާލެއްވި ރައީސް ކަމަށް މި ދަންނަވަނީ އަޅުގަނޑެއް ނޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލިސް ރައީސް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަން ފައްޓަވަމުން މަޖިލިސް މެންބަރަކު މަޖިލިސް ރައީސަށް މުހާތަބު ކުރެއްވި ގޮތެވެ. އެއީ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ މެންބަރެއްވެސް ނޫނެވެ.
ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކުރިޔަށް ދިޔައިރު، އެ ބިލަށް ވާހަކަ ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި ފުރުސަތުގައި، ވާހަކަ ފައްޓަވަމުން، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލިސް ރައީސަށް މުހާތަބު ކުރެއްވީ "ދިވެހި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރު ފުނޑާލެއްވި ރައީސް" ގެ ގޮތުގައެވެ.
މަޖިލިސް ރައީސަށް ނިސްބަތް ކުރައްވައި މެންބަރު ނަޝީދު އެގޮތަށް މުހާތަބު ކުރެއްވީ ކޮން ކަމަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގަނޫނޫއަސާސީއަށް އިސްލާހުގެނައުމަށް ބޭއްވި މަޖިލިސް ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި ޖަލްސާއިން ނިކުންނަށް އެންގުމުން، ވެސް ޝިޔާމް ޖަލްސާއިން ނުނިކުންނެވުމުން، އެމްޑީޕީ މެންބަރުންވެގެން ޝިޔާމް ޖަލްސާއިން ނެރުނީ މަޖިލިސް ރައީސްގެ އެންގެވުމަށް ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
އެމައްސަލައާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ބައެއް ފަރާތްތަކާއި، ގާނޫނީ ބައެއް ވަކީލުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ޖަލްސާއަކުން މެންބަރަކު އެގޮތަށް ނުނެރެވޭނެ ކަމަށާއި، މެންބަރުންނަށް މަޖިލިސް ރައީސް އެގޮތަށް އަމުރުކޮށްފައިވެސް ވަނީ ގާނޫނުއަސާސީއާއި މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށެވެ. އެމްޑީޕީ މެންބަރުން ޝިޔާމް ޖަލްސާއިން ނެރުނީވެސް ގާނޫނުއަސާސީއާއި މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
އިއްޔެގެ ޖަލްސާގައި މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ، ފުލުހުންގެ ވާހަކަ ދައްކާއިރު، ފުލުހުންނަށް އަބަދުވެސް ރާއްޖޭގެ ސިޔާސީ ނުވަތަ ބާރުގަދަ ބައެއްގެ ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ފުލުހުން، ކުރީގެ ޑިފެންސް މިނިސްޓަރު ފްރޭމް ކުރި ވާހަކަ އެމްޑީޕީ މެންބަރުން ދައްކާއިރު، ފުލުހުން އެކަން ކޮށްފައިވަނީވެސް ސިޔާސީ ބާރުގަދަ ފަރާތްތަކެއް އެކަމަށް އެދިގެން ކަމަށްވެސް މެންބަރު ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ވަކި އިރަކު ވަކި ވެރިކަމެއްގައި އޮންނަ ކަމެއްނޫން ކަމަށާއި، ޕޮލިސް ކޮމިޝަނަރަކީ އެއިރެއްގައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އައްޔަންކުރަން އޮންނަ މަގާމެއްގެ ގޮތުގައި އޮންނަހާ ހިނދަކު އެ ނުފޫޒު ފުލުހުންގެ މައްޗަށް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެގޮތަށް އޮތުމުން ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސް ނިސްބަތްވާ ޕާޓީގެ އިސްފަރާތްތައް ރުހޭ ގޮތްނޫން ގޮތަކަށް ފުލުހުންނަށް އަމަލު ނުކުރެވޭނެ ކަމަށެވެ.
މފުލުހުންގެ ތެރޭގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މީހުން އެބަތިބި ކަމަށާއި، ނަމަވެސް އެފަރާތްތަކުގެ މަސައްކަތް ހުއުޓުވައި ފްރޭމް ކުރުމުގެ މަަަސައްކަތް މިހާރުވެސް ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރު ނަޝިދު ވިދާޅުވީ ފުލުހުން ޕްރޮފެޝަނަލް ބަޔަކަށް ވާނީ އެ ނުފޫޒުތަކުން ފުލުހުން މިނިވަންކޮށް ޕްރޮފެޝަންލްކޮށް މަސައްކަތްކުރާ ފަރާތްތަަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން ކަމަށެވެ.