ބޮލީވުޑް

ޝާހު އަދި ކާޖޮލް އަނެއްކާވެސް އެކުގައި ސްކްރީނަށް

ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން އާއި ބަތަލާ ކާޖޮލް އަކީ ފިލްމުތަކުގައި ދެތަރިންގެ ކެމިސްޓްރީ އެންމެ ގުޅޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދެ ތަރީންނެވެ.

މި ދެތަރިން އެކީގައި މިހާތަނަށް ކުޅެފައިވާ ހުރިހާ ފިލްމެއް ވަނީ ހިޓު ވެފައެވެ. ދެތަރިންގެ ފޭނުންނާއި ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކު ޝާހު އަދި ކާޖޮލް އެކީ ކުޅޭ ފިލްމުތަކަށް އަބަދުވެސް އިންތިޒާރު ކުރެއެވެ.

އެހެންކަމުން މިހާރު މިވަނީ އަނެއްކާވެސް އުފާވެރި ހަބަރެއް ލިބިފައެވެ. ބަތަލު އިރްފާން މީގެ ކުރިން ލީޑު ރޯލުން ފެނިގެންދިޔަ ފިލްމް "ހިންދީ މީޑިއަމް" ގެ ސީކުއިލްއެއް ނެރުމުގެ މަސައްކަތް ފަށައިފައިވާއިރު އެ ފިލްމުގެ ލީޑް ރޯލުން ޝާހު އަދި ކާޖޮލް ފެންނާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖާން ގެންދަނީ މިދުވަސްވަރު ޝާހު އަދި ކާޖޮލްއާ ފިލްްމުގެ ތަފްސީލުތައް ހިއްސާކުރަމުންނެވެ. އަދި ފިލްމުގެ ފުރަތަމަ ސްކްރިޕް ފައިނަލުކުރި ދުވަސްތަކުގައި ޝާހު އަދި ކާޖޮލްވެސް ބައިވެރިވެފައިވާ ކަމަށް ވެއެވެ.

އަޑުތައް އިވިފައިވާ ގޮތުގައި މި ފިލްމުގައި ވެސް އިރްފާން ފެނިގެން ދާނެއެވެ. ނަމަވެސް ފިލްމް ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އެމެރިކާގައެވެ.

ހިންދީ މީޑިއަމް އަކީ 2017 ވަނަ އަހަރު ނެރުނު ފިލްމެކެވެ. މި ފިލްމް ގެ ސީކުއިލް އަލުން ނެރެން ހަމަޖެހިފައިވާ އިރު ރިޕޯޓްތައް ބުނާ ގޮތުގައި އޭރު ނެރުނު ފިލްމުގެ ޑައިރެކްޓަރު ސަކެތް ޗޯދްރީ ދެނެއް ފިލްމުގައި ހަރަކާތްތެރިއެއް ނުވާނެއެވެ. އަދި ޝާހު އަދި ކާޖޮލްއާ އެކު ނެރޭ ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ހޯމީ އަދަޖާނީ އެވެ. ހޯމީ އަކީ "ކޮކްޓެއިލް" އަދި "ފައިންޑިން ފަނީ" ފަދަ މަގްބޫލު ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރެކެވެ.