ވިޔަފާރި

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ބިލް ދައްކާ އަދަދުގެ 5 ޕަސެންޓު އަނބުރާ އެމް-ފައިސާ ވޮލެޓަށް

މަރިޔަމް ޝަހުދާ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފޯނަށް ރިޗާޖް ކުރާ އަދަދު ނުވަތަ އުރީދޫ ބިލަށް ދައްކާ އަދަދުގެ 5 ޕަސެންޓު އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބޭ ހާއްސަ އޮފާއެއް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.

މި ކޭޝްބެކް އޮފާއަކީ ލޮކްޑައުން ލުއިވެގެން ދިޔަނަމަވެސް، ރައްކާތެރިިކަން އިހުތިޔާރުކޮށް، ބިލް ދެއްކުމާއި ރިޗާޖު ކުރުން ފަދަ ޑިޖިޓަލްކޮށް ލިބޭ ހިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރުއެޅުމުގެ ގޮތުން ތައާރަފު ކުރި އޮފާއެއް ކަމަށް އުރީދޫން ބުނެއެވެ.

އެގޮތުން އެމް-ފައިސާ އެޕްގެ ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެޕް ޑައުންލޯޑު ކުރުމަށްފަހު ރަޖިސްޓްރީ ވެވޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި އެމް-ފައިސާ އަށް ރަޖިސްޓާވާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެމް-ފައިސާގެ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ރިޗާޖު ކުރުމުން ނުވަތަ ބިލް ދެއްކުމުން ފައިސާ ދެއްކި އަދަދުގެ 5 ޕަސެންޓް އެމް-ފައިސާ ވޮލެޓަށް ޖަމާވިކަމުގެ މެސެޖެއް ފޯނަށް ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އުރީދޫން އަންނަނީ އެ ކުންފުނިން ޑިޖިޓަލް ކޮށް ފޯރުކޮށްދޭ ހިދުމަތްތައް ބޭނުން ކުރުމަށް ކަސްޓަމަރުންނަށް ބާރު އަޅަމުންނެވެ. އަދި މި ހާލަތުގައި ކަސްޓަމަރުންނަށް ފަސޭހަތައް ފޯރުކޮށްދިނުމަށް އެކި އޮފާތައް ތައާރަފު ކުރަމުންނެވެ.