އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނައިރު، އެ ވައްކަމަށް ތުހުމަތު ކުރެވޭ ކުދިން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށާއި، އެފަދަ ފަރާތްތައް ސަސްޕެންޑްކޮށްގެން ނޫނީ ތަހުގީގުތައް ކުރިއަށް ގެންދަން އުނދަގޫވާނެ ކަމަށާއި، އެފަދަ ކުދިން ވަގުތުން ވަގުތަށް ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ބިލާބެހޭގޮތުން މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ފުލުހުންގެ ބައެއް ތަހުގީގުތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން އެމްއެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވައްކަމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެ ވައްކަމަށް ތުހުމަތު ކުރެވޭ މީހުން ފުލުސް އޮފީގައި އެބަތިބި ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެތަންތަނުގައި އެބޭފުޅުން ތިބެގެން ރަނގަޅު ތަހުގީގެއް ކުރިއަށް ނުދާނެ ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިހާރު ގެންދަނީ ފުލުހުންގެ ބައެއް ތަހުގީގުތައް ބަަލަމުން. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ވައްކަމުގެ ތަހުގީގު ދަނީ ބަލަމުން، މި ދިމާވާ އެއްކަމެއް ކަމަށްވަނީ ފުލުސް އޮފީހުގައި އެބަތިބި މި ދެންނެވި ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން، އެ އޮފީހުގައި އެކުދިން ތިބެމެ، ދެން ވަރަށް އުނދަގޫވާނެ އެބޭފުޅުން މެދުވެރިކޮށްގެން ތަހުގީގެއް ކުރިއަށްގެންގޮސްގެން ކަންތައްތައް ނިންމަން ވަރަށްބޭނުންތެރި، ފުލުހުންގެ އޮފީހުގައި ވަައްކަމަށް ތުހުމަތު ކުރެވިފައި ތިއްބެވި ކުދިން މިހާރުން މިހާރަށްވެސް ސަސްޕެންޑް ކުރުން، ކޮށްފައި ނޫނިއްޔާ ވަރަށް އުނދަގޫވާނެ ފުލުހުންގެ ތެރޭގައި ތަހުގީގެއް ކުރިޔަށް ގެންދަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.