މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓުތަކުގެ ރައްކާތެރިކަން ދެނެގަތުމުގައި އާންމުންގެ އެހީއަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
އިއްޔެ ހެނދުނު މާލޭގެ އިމާރާތްކުރުމުގެ ސައިޓެއް ހުރަސްކުރަން އުޅުނު ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އޭގެ ސަބަބުން އެ ކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި އެދިފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓުތަކުގެ ތެރެއިން ރައްކާތެރިހެން ހީނުވާ ތަންތަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ.
އެގޮތުން އެ ސައިޓުތަކުގެ ކުޑަ މައުލޫމާތަކާއި އެތަން ރައްކާތެރިނުވާ ސަބަބު ބަޔާންކޮށް "UnsafeSite#" ޓެގްލައިން ބޭނުންކޮށް ސޯޝަލް މީޑިއާގައި މައްސަލަ ރިޕޯޓްކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.