(06 ޖޫން ގެ އަދަދާ ގުޅޭ)
"ނޫނެކެވެ." ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ޠަބީޢީގޮތުން މަރުއައިސް ބައްދަލުކުރުމުގެ ކުރީން މަރުވާކަށެއް އަޅުގަނޑު ނޭދޭނަމެވެ."
ޒަރުބަޚުތު ޝާހީކިއްލާގެ ކޮޓަރިކޮޅެއްގައި އާޒަރުމީދުޚުތުގެ ކުރިފުޅުމަތީގައި ހުންނެވިއެވެ. އީރާނުގެ މަލަކާ ހަތިޔާރުއެޅި ފާރަވެރީންނަށް އިޝާރާތްކޮށްލެއްވުމުން އެބައިމީހުން ބޭރަށް ނުކުމެއްޖެއެވެ. ނަމަވެސް ފާރަވެރީންނާއެކުގައި އައި ސިޔާދުޚަޝް ޒަރުބަޚުތުގެ އަރިހުގައި މަޑުކޮށްލިއެވެ.
"ސިޔާދުޚަޝް! ކަލޭވެސް ދިޔަޔަސް އެންމެ ރަނގަޅެވެ." މަލަކާ އިށީނދެވަޑައިގެން އިންނެވިގޮތް ބަދަލުކޮށްލައްވަމުން ކަންބޮޑުވެވަޑައިގަތުމާއެކު ވިދާޅުވިއެވެ.
ސިޔާދުޚަޝް ހައިރާންވެފައި އެންމެފުރަތަމަ މަލަކާއާ ދިމާޔަށް ދެވަނަޔަށް ޒަރުބަޚުތާ ދިމާޔަށް ބަލައިލިއެވެ. އޭނާ ފަހަތަށްފަހަތަށް ބޭރަށް ނިކުމެއްޖެއެވެ.
އާޒަރުމީދުޚުތު އިރުކޮޅެއްވަންދެން ހަނުހިމޭންކަމާއެކު ޒަރުބަޚުތާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އެކަމަނާގެ ތުންފަތްޕުޅުމަތީން ފަތަޙައިގެ ހިނިތުންފުޅުކޮށްލެއްވުމެއް ފާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "އަޅުގަނޑު ސިޔާދުޚަޝްއަށް އަންގައިފައިވާނީ މަދާއިނުގެ ކަންތައްތައް ހަމަޔަކަށް އެޅިލަންދެން ކަލާ ކޮންމެވެސް ރައްކާތެރި ތަނެއްގައި ބެހެއްޓުމަށެވެ. ހަމައެއާއެކު ކަލާއަށް އެއްވެސްކަހަލަ އުނދަގޫފުޅެއް ލިބިވަޑައިގެންނެވިޔަ ނުދިނުމަށްވެސް އަމުރުކުރީމެވެ."
ޒަރުބަޚުތު ވަރަށް ފެން އަޑުފުޅަކުން ވިދާޅުވިއެވެ. "ސިޔާދުޚަޝްއާމެދު އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. ކަމަނާއަށްވެސް އަޅުގަނޑު ޝުކުރުވެރިވަމެވެ."
"ނޫނެކެވެ. ކަލާގެ މޫނުފުޅުމަތީން ހެކިދެނީ ކަލާގެ ބާރު ހިނގާނަމަ އަޅުގަނޑުގެ ކަރުގައި ހިއްޕަވަންވެސް ފަސްޖެހިވަޑައިނުގަންނަވާނެކަމެވެ. ނަމަވެސް މިހާރު އަޅުގަނޑަކީ އީރާނުގެ މަލަކާއެވެ. މިއީ ކަލާއަށްވެސް އިންކާރު ނުކުރެއްވޭނެ ޙަޤީޤަތެކެވެ. އަޅުގަނޑަށް ފުރިހަމަކޮށްނުދެވޭނެ އެއްވެސް ބޭނުންފުޅެއް ކަލާގެ ހިތްޕުޅަކު މިހާރަކު ނޯންނާނެއެވެ. އަޅުގަނޑުމެން ދެމީހުން ރައްޓެހިކަމެއް ސިޔާދުޚަޝްއަކަށް ނޭނގޭނެއެވެ. އޭނާ ހީކޮށްގެން ހުންނަނީ ކަލާއަކީ އަޅުގަނޑުގެ ދުޝްމިނެއްކަމުގައެވެ. ކަލާއަށް އޭނާގެ ކުށްހީ ފިލުއްވައި ދެއްވިއްޖެނަމަ ކުޑަވެސް ފިކުރަކާނުލައި އަޅުގަނޑަށް ކަލާގެ ކުރިފުޅުމަތީގައި ޢިއްޒަތާއި ކާމިޔާބުގެ ދޮރުތައް ހުޅުވައިދެވިދާނެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "މަޢާފުކުރައްވާށެވެ. މިހާރަކު އަޅުގަނޑަކަށް ޢިއްޒަތުގެ މަގަކީ ކޮބައިކަމެއް ނިކަމެތިކަމުގެ މަގަކީ ކޮބައިކަމެއް ވަތްކެއް ނުވެއެވެ. އަޅުގަނޑު އެބޭފުޅަކު ދަންނަ ކަނބަލަކީ ފަރަޚުޒާދު އަނބިކަނބަލުންނެވެ. އެކަމަނާގެ އިޝާރަތަކަށް އަޅުގަނޑު ފުރާނަވެސް ދުއްވައިލައިފާނަމެވެ. އެކަމަނާގެ އެދިވަޑައިގެންނެވުމަކަށްވިއްޔާ ޒަހަރު އަޅައިފައިހުރި ރާވެސް ބޮއިފާނަމެވެ. އެކަމަކު އަޅުގަނޑު ފަޚުރުވެރިކަމާއެކު ދަންނަވަމެވެ. އެކަންކަމުގެ ބަދަލުގައި އަޅުގަނޑު އެއްވެސް އިނާމަކަށް ދަހިވެއްޗެއް ނުވަމެވެ. މިއަދު އީރާނުގެ މަލަކާ އަޅުގަނޑަށް އަނގަހުޅުވައިލުމުގެ ހުއްދަ ދެއްވާނަމަ އަޅުގަނޑު ހަމައެކަނި މިހައިވަރަށް ދަންނަވައިލަން ބޭނުމެވެ. ޝާހުޕޫރާއި، ފަރަޚުޒާދާއި ފުރޭބުރުޒުގެ ޤާތިލަކީ ކާކުތޯއެވެ؟"
ކޯފާގެ ސަބަބުން އާޒަރުމީދުޚުތުގެ މޫނުފުޅު ރަތްވެގެންދިޔައެވެ. އެކަމަނާ ތުންފަތްޕުޅުގައި ދަތްޕުޅު އަޅުއްވަމުން ވިދާޅުވިއެވެ. ޝާހުޕޫރުގެ އަސްލު ޤާތިލަކީ އަޅުގަނޑަށް ބޭވަފާތެރިވެފައި އޭނާ ތަޚްތަށް އިސްކުރި މީހާއެވެ. ފަރަޚުޒާދުގެ ޤާތިލަކީ ބޮޑުވަޒީރުކަމުގެ ދަހިވެތިކަން އޭނާގެ ހިތްޕުޅަށް ވައްދައިގެން އަޅުގަނޑަށް ކުރި ޢަހުދު އުވައިލައްވަން ތައްޔާރުކުރުވި މީހާއެވެ. އަޅުގަނޑު ހަމައެކަނި ހިތާމަކުރަނީ ފުރޭބުރުޒު ސަލާމަތް ނުކުރެވުނުކަމަށްޓަކައެވެ. އަޅުގަނޑުގެ ބާރު ހިނގިނަމަ އަޅުގަނޑު މަސައްކަތްކުރީހީ ކަލާއެކޭ އެއްފަދައިން އޭނާވެސް ދުވަސްކޮޅަކު މަދާއިނުން ބޭރުގައި ބަހައްޓާށެވެ. ނަމަވެސް އޭނާ ވަނީ އަޅުގަނޑުގެ ދުޝްމިނުންގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާ ދުނިޔޭގައި ހުންނެވުމަކީ އަޅުގަނޑަށް ނުރައްކަލަކަށް ވެދާނެކަމެކެވެ. ފުރޭބުރުޒާއި ކަލާއާ ދެމެދު އޮންނަ ގުޅުންވެސް އަޅުގަނޑަށް އެނގެއެވެ. ކަލާއަކީ އަދި ޒުވާނަކީމުއެވެ. އަޅުގަނޑު އުންމީދުކުރަނީ ހަލާކުވެދިޔަ މީހުންނާ ބައިވެރިވެވަޑައިގަންނަވާން ކަލާ ބާރު ނާޅުއްވާނެ ކަމުގައެވެ. ކަލާއަކީ އީރާނުގެ ސިފައިންގެ މީހަކީމުއެވެ. އީރާނުގެ މަލަކާ ކަލާ ބޭނުމެވެ. އަޅުގަނޑާ ދިމާޔަށް ބައްލަވަ ބައްލަވާށެވެ. އަޅުގަނޑަށް ޖަވާބު ދެއްވަ ބައްލަވާށެވެ. އީރާނުގެ ތާޖު ކަލާގެ އަތްޕުޅަށް އަރުވައިފައި މި ތާޖުގެ ޙައްޤުވެރިޔަކީ ކާކުތޯ ކަލާއާ ސުވާލު ކުރެވިއްޖެނަމަ ކަލާ ދެއްވާނީ ކޮންޖަވާބެއްތޯއެވެ؟ ވިދާޅުވެ ބައްލަވާށެވެ. އަޅުގަނޑު އެ ތާޖަކާ އެކަށީގެނެއް ނުވޭތޯއެވެ."
ޒަރުބަޚުތު ކޮންމެވެސް އެއްޗެއް ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް އާޒަރުމީދުޚުތުގެ ހިނިފުޅުވަޑުވައިލެއްވުން އޭނާގެ ތުންފަތްޕުޅުގައި ސިލް ޖަހައިފިއެވެ.
އާޒަރުމީދުޚުތު ވިދާޅުވިއެވެ. "ފުރޭބުރުޒަށް އޭނާގެ ގެއިން ނުކުމެވަޑައިގެންނެވި އޭނާގެ ލަޝްކަރު ސަމާލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިނަމަ މަދާއިނަށް ކުރިމަތިވީހީ ވަރަށް ބިރުވެރި ހަލާކެކެވެ. އެހެންކަމުން ޙާލަތު ނިޔާކުރިގޮތުން އޭނާ ސަލާމަތްކުރުމަކީ އަޅުގަނޑަށް ކުރެވޭފަދަ ކަމަކަށް ނުވީއެވެ. ނަމަވެސް އަޅުގަނޑަށް ފުރޭބުރުޒު ސަލާމަތް ނުކުރެވުނު ޙާލަތާ ކަލާއާ ކުރިމަތިވެފައިވާ ޙާލަތު ތަފާތެވެ. ކަލާ ބޭނުންފުޅުނަމަ ކުޑަވެސް ނުރައްކަލަކަށް ހުރަހޮޅިވަޑައިގެންނެވުމެއްނެތި އެތަކެއްހާސް ޒުވާނުން ހަލާކުގެ މަގު ޚިޔާރުކުރިޔަ ނުދެއްވައި ސަލާމަތްކުރެއްވިދާނެއެވެ. ޝާހީ ލަޝްކަރުގެ އެތައް އޮފިސަރުންނެއްވަނީ ފިލައިފައެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ގެންދަނީ މަދާއިނުގެ އަހުލުވެރީން އާއްމު ބަޣާވަތަކަށް ތައްޔާރުކުރުވަން ބާރުއަޅަމުންނެވެ. އަޅުގަނޑު ވަނީ ޝާހީ ލަޝްކަރުގެ ވެރިކަން ސިޔާދުޚަޝްއާ ހަވާލުކޮށްފައެވެ. އެކަމަކު ޢަފޫޢާއްމެއް އިޢުލާންކޮށްގެންވެސް އޭނާއަކަށް ބާޣީންގެ ހިތްހަމަޖައްސައެއް ނުދެވުނެވެ. ކޮންމެވެސްބަޔަކު ވަނީ ފުރޭބުރުޒު ޤަތުލުވި ފަދައިން ކަލާވެސް ޤަތުލުވެއްޖެ ކަމުގައި އަޑުފަތުރައިފައެވެ. އެންމެފުރަތަމަވެސް އަޅުގަނޑު ގަސްދުކޮށްފައިއޮތީ ކަލާ އަޅުގަނޑާ ބައިވެރިވެވަޑައިގެންފިނަމަ ޝާހީ ލަޝްކަރުގެ ވެރިކަން ކަލާއާ ހަވާލުކުރާށެވެ. ބާޣީންގެ މަދު މީސްކޮޅެއް ދެކެ އަޅުގަނޑު ބިރުގަންނަނީކީ ނޫނެވެ. އަޅުގަނޑު ބޭނުންނަމަ ދެދުވަހެއްގެ ތެރޭގައި އެ އެންމެން ހައްޔަރުވެސް ކުރެވިދާނެއެވެ. ނަމަވެސް އަޅުގަނޑު ބޭނުންވަނީ އެމީހުންގެ އިތުބާރާއި އެއްބާރުލުން ހޯދާށެވެ. މި މަޤްޞަދުގައި އަޅުގަނޑު ކަލާގެ އެހީފުޅު ބޭނުމެވެ. އަޅުގަނޑަށް ޔަޤީނެވެ. ކަލާ އަޅުގަނޑު މާޔޫސެއް ނުކުރައްވާނޫއެވެ. އެ ބާޣީން ވަނީ ޕޫރާންދުޚުތާ ގުޅިފައެވެ. ކޮންމެވެސް ސިއްރު މަރުކަޒެއްގައި ތިބެ ސަރުކާރު ވައްޓައިލުމުގެ ރޭވުންތައް ރާވަމުން އެބަގެންދެއެވެ. އަޅުގަނޑުމެންގެ ޖާސޫސުންނަކަށް އަދިވެސް އެތަނެއް ހޯދައެއް ނުގަނެވެއެވެ. ނަމަވެސް ކަލާއަށް އެތަނެއް ހޯއްދެވުން އުނދަގޫފުޅެއް ނުވާނެއެވެ. އަޅުގަނޑު އެދެނީ ދުވަސްކޮޅަކަށް ކަލާ ފިލައިވަޑައިގެންނެވުމެވެ. ބާޣީ އޮފިސަރުންނާ ގުޅުން އުފައްދަވައިގެން ޕޫރާންދުޚުތު ހުންނެވިތަނެއް ހޯއްދަވާށެވެ. ޕޫރާންދުޚުތުގެ ނުރައްކަލުން އަޅުގަނޑަށް ސަލާމަތް ވެވިއްޖެނަމަ ޝާހީ ފާރަވެރީންގެ ލަޝްކަރުގެ ވެރިކަމަކީ ކަލާގެ އެންމެ ފުރަތަމަ އިނާމެވެ. އޭގެ ފަހުގައި ކަލާގެ ބޭނުންފުޅުތަކުގެ ތެރެއިން އީރާނުގެ މަލަކާއަށް އެމުހުތާދެއް ފުއްދައިދިނުމުގެ އިޚްތިޔާރު ލިބިގެންވާ އެއްވެސްކަމެއް ނުފުދިއެއް ނޯންނާނެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑު އެދޭކަންކަމުގެ ތެރޭގައި މިހާރު މިވަގުތުވެސް ކަމަނާއަށް ފުއްދަވައިދެއްވިދާނެ ބޭނުމެއް އެބައޮތެވެ. އަޅުގަނޑު އެދެނީ އަޅުގަނޑުގެ ގެޔަށްގޮސް އަޅުގަނޑުގެ ކޮއްކޮގެ އަރިހުގައި އަޅުގަނޑު ދިރިހުރި ވާހަކަ ދަންނަވާށެވެ."
އާޒަރުމީދުޚުތުގެ ލޯފުޅުގެ ވިދުވަރު ކުއްލިޔަކަށް ފަނޑުވެއްޖެއެވެ. އެކަމަނާ ކުއްލިޔަކަށް ސީރިއަސް ވެވަޑައިގެންފައި ވިދާޅުވިއެވެ.
"ޒަރުބަޚުތެވެ. ކަލާއަކީ ޤައިދީއެއް ނޫނީމުއެވެ. ކަލާ ބޭނުންފުޅުތަނަކަށް ވަޑައިގެންނެވިދާނެއެވެ."
"އަޅުގަނޑު ކަމަނާއަށް ޝުކުރު ދަންނަވަމެވެ." ޒަރުބަޚުތު އެހެން ވިދާޅުވެފައި ފަހަތަށް އެނބުރި ވަޑައިގެންނެވިއެވެ. ނަމަވެސް އާޒަރުމީދުޚުތު ވިދާޅުވިއެވެ. "މަޑުކުރައްވާށެވެ. ގެއަށް ވަޑައިގެންނެވުމުން ކަންބޮޑުވެވަޑައިގަތުން ފިޔަވައި އެހެންކަމެއް ކަލާއަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ."
ޒަރުބަޚުތަށް ހީފުޅުވީ އޭނާގެ ހިތްޕުޅު ހުއްޓުނުހެންނެވެ. އޭނާ ހިތާމަފުޅާއި ވޭނާއެކު އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވައިލައްވައިފައި ހަޅޭފުޅު ލައްވައިގެންނެވިއެވެ. "އަޅުގަނޑުގެ ކޮއްކޯފުޅު!"
"އޭނާ ގެޔަކު ނުއުޅުއްވައެވެ. އޭނާ ވަޑައިގެންވީ ތަނެއް އަޅުގަނޑަށް އެނގޭނެނަމައެވެ. އިންޤިލާބުގެ ދެދުވަސްފަހުން އޭނާ ގެ ދޫކޮށްލައްވައިފައި ކޮންމެވެސް ތަނަކަށް ވަޑައިގެންފިއެވެ. ކަލާގެ ޚާދިމުންވެސް އޭނާއާއެކު ގެއްލިއްޖެއެވެ. އެގޭގައި އޮތީ ހަމައެކަނި މުސްކުޅި ޚާދިމާއެކެވެ. ހީވާގޮތުން އޭނާ މަރުވެފައިއޮތް ކަމުގައި ބައްލަވައިފައި ދޫކޮށްލައްވައިފައި ވަޑައިގެންނެވީއެވެ. އޭނާ އޮތީ މުޅީން ހިމޭންވެފައެވެ. ބޭސްވެރީންގެ މަސައްކަތުން އޭނާ އިރުކޮޅަކަށް ހޭއެރިއެވެ. އެކަމަކު ކަލާގެ ކޮއްކޯފުޅާ ބެހޭގޮތުން އޭނާއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އޭނާގެ ދޫ އޮތީ ވާގިނެތިފައެވެ. އަޅުގަނޑަށް އެޚަބަރުލިބުމާއެކު ޝާހީ ބޭސްވެރިޔާވެސް ކަލާގެ ގެޔަށް ފޮނުވީމެވެ. އެކަމަކު އޭނާގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އޭގެ ދެދުވަސް ކުރީން އަޅުގަނޑަށް ކަލާގެ ކޮއްކޯފުޅުގެ ޚަބަރު ބެލުނުނަމަ ވަރަށް ރަނގަޅެވެ. ނަމަވެސް ކަލާގެ ކޮއްކޯފުޅު މަދާއިނުގައި އިންނެވިކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތެވެ. ޕޫރާންދުޚުތާ ބައިވެރިވާ އޮފިސަރުން ހޯދުމަށްޓަކައި ކުރި މަސައްކަތުގައި ސަރުކާރުގެ ޖާސޫސުންނަށް ކަލާގެ ގެޔަށް ދެވުނީ އިއްތިފާޤަކުންނެވެ. މިހާރު އޮތީ ކަލާގެ އެކުވެރީންނާ ކަލާ ގުޅުން އުފެއްދެވުމެވެ. އޭރުން ކޮއްކޯފުޅު ހޯއްދެވުމަކީ އުނދަގޫފުޅު ކަމަކަށެއް ނުވާނެއެވެ. ކުރިންވެސް ދެންނެވި ފަދައިން އެމީހުންވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ފުރޭބުރުޒެކޭ އެއްގޮތަށް ކަލާވެސް ޤަތުލުވެއްޖެ ޚަބަރު ފަތުރައިފައެވެ. ކަލާގެ ކޮއްކޯފުޅު އެމީހުންގެ ވާހަކައިގައި ޖެހިވަޑައިގެން ޕޫރާންދުޚުތުގެ އަރިހަށް ވަޑައިގެންނެވުމަކީ އަޖާއިބުވާންޖެހޭކަމެއް ނޫނެވެ."
ޒަރުބަޚުތު އަލިކަމެއްނެތް ލޯފުޅަކުން އާޒަރުމީދުޚުތާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އޭނާގެ ކޯފާއާއި ކަންބޮޑުވެވަޑައިގަތުން ބިރުފުޅަކަށް ބަދަލުވެއްޖެއެވެ. އޭނާ ހަޅޭފުޅު ލައްވަވަން ބޭނުންފުޅުވިއެވެ. އެކަމަކު އަޑުފުޅެއް ބޭރެއް ނުކުރެއްވުނެވެ. އާޒަރުމީދުޚުތު މަސަންދުން ތެދުވެވަޑައިގެން ކުރިޔަށް ވަޑައިގެންނެވިއެވެ. ޒަރުބަޚުތު އިސްދަށަށް ޖައްސަވައިލެއްވިއެވެ. ލުއިލުއި މީރުވަހަކާއެކު އޭނާއަށް އިޙްސާސްވެވަޑައިގަންނަވާންފެށީ އާޒަރުމީދުޚުތުގެ ހެދުންކޮޅުން ދަތިޖެހޭ އަޑެވެ.
"ޒަރުބަޚުތެވެ! އަޅުގަނޑުގެ ވާހަކަ ޔަޤީންކުރައްވާށެވެ. އަޅުގަނޑަކީ ކަލާގެ ދުޝްމިނެއް ނޫނީމެވެ."
ޒަރުބަޚުތު ހިތާމަފުޅާއެކު އޭނާގެ ދެއަތްޕުޅު މުށްކަވައިލެއްވިއެވެ.
"އަޅުގަނޑާ ދިމާޔަށް ބައްލަވަ ބައްލަވާށެވެ." އާޒަރުމީދުޚުތު މިހެން ވިދާޅުވެފައި ޒަރުބަޚުތުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފިއެވެ.
ޒަރުބަޚުތުގެ މުޅި ހަށިކޮޅު ރޫރޫއަޅައިގަތެވެ. އޭނާ ކުއްލިޔަކަށް އިސްއުފުލައިލައްވައިފައި އާޒަރުމީދުޚުތުގެ އަތްޕުޅު ފޮޅުއްވައިލެއްވިއެވެ. ދެބޭފުޅުން އިރުކޮޅެއްވަންދެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ތިއްބެވިއެވެ. އާޒަރުމީދުޚުތުގެ ހިނިފުޅުވެޑުވިފައިވާ މޫނުފުޅުމަތީން ކަންބޮޑުވެވަޑައިގަތުމުގެ އަސަރު ފާޅުވާން ފަށައިފިއެވެ. ޒަރުބަޚުތުގެ ބެއްލެވުމުގައި އެކުލެވިފައިވާ ބިރުފުޅުގެން ވަޑައިގެންނެވުން ނަފްރަތަށް ބަދަލުވާން ފަށައިފިއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ކޮއްކޯފުޅާ ބެހޭގޮތުން ކަމަނާގެ ވާހަކަފުޅު ގަބޫލުކުރާނަމަ އަޅުގަނޑުގެ ދެން ބާކީއޮތީ އެންމެ ސުވާލެކެވެ."
އާޒަރުމީދުޚުތުގެ ހިތްޕުޅުގައި އުންމީދު އާވުމާއެކު ވިދާޅުވިއެވެ. "ސުވާލުކުރައްވާށެވެ! އަޅުގަނޑު އެއްވެސްކަމެއް ކަލާއަށް ސިއްރެއް ނުކުރާނަމެވެ."
"ފުރޭބުރުޒުގެ ޚާދިމުންނާމެދު ކަމަނާ ޢަމަލުކުރެއްވީ ކޮންގޮތަކަށްތޯއެވެ؟"
"އެބައިމީހުން އަޅުގަނޑުގެ މީހުނާ ހުރަހޮޅިގަނެ ކުރިމަތިނުލިނަމަކަ އެއިން މީހެއްގެ ގައިގައި ކޫރުމެއްވެސް ނޭޅުނީހެވެ. އަޅުގަނޑު ހިތާމަކުރަމެވެ. އެބައިމީހުންގެ މޮޔަކަމުގެ ސަބަބުން ބައެއްމީހުން ޤަތުލުވެއްޖެއެވެ."
"އަޅުގަނޑު ކަމަނާގެ އަރިހުގައި މިދެންނެވީ މުސްކުޅި ޚާދިމާއަކާއި އޭނާގެ ފިރިމީހާއާއި އަންހެން ދަރިފުޅުގެ ވާހަކައެވެ."
(ނުނިމޭ)