މުހައްމަދު އައުޒަމް
އިންޑިއާއިން އެއް އައިއެމްއީއައި ނަމްބަރު ހިމެނޭ 13500 ފޯނު ފެނިއްޖެއެވެ.
މިމައްސަލަ ފެންމަތިވެފައިވަނީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ މީރުޓް އޭރިއާގެ ފުލުސް އޮފިސަރެއްގެ ފޯނުގައި ޝައްކުކުރެވޭ މައްސަލަތަކެއް ދިމާވެ އެސިޓީގެ ސައިބާ ކްރައިމް އޮތޯރިޓީއަށް މައްސަލަ ހުށަހަޅައި ބެލިބެލުމުން އެއް އައިއެމްއީއައި އެއް އެހެން ފޯނުތަކަކުން ފެނުމާގުޅިގެން ހިންގި ތަހުގީގުންނެވެ.
ފުލުހުން ހިންގި ތަހުގީގުން 13500 ފޯނު ހޯދާފައިވާއިރު މިކަން ކޮށްފައިވާކަން ފާހަގަވެފައިވަނީ އެސިޓީގައި ހުންނަ ފޯނު އުފައްދާ ކުންފުންޏާއި އެކުންފުނީގެ ސާވިސް ސެންޓަރުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ދާއިރާގެ ހާއްސަ މާހިރުން ހިމެނޭ ޓީމަކުން ބެލިބެލުމުން ވަނީ ފޯނުތައް މޮޑިފައިކޮށް އައިއެމްއީއައި ބަދަލުކޮށްގެން ގިނަ ފޯނުތަކެއް ވިއްކާފައިވާކަން ހާމަވެފައެވެ.
ފޯނުތަކަށް ބަދަލު ގެނައި ކުންފުނީގެ ނަން އަދި ހާމަކޮށްފައި ނުވާއިރު މިއީ ކުށްތަކަށް އަރައިގަތުމަށްފަހު ތަހުގީގީ އިދާރާތަކަށް ފިލުމަށް ކޮށްފައިވާ ކަމެއްކަމަށް ވަނީ ބެލެވިފައެވެ.
އިންޓަނޭޝަނަލް މޯބައިލް އިކުއިޕްމަންޓް އައިޑެންޓިޓީ (އައިއެމްއީއައި) އަކީ ކޮންމެ ފޯނަކަށް ވެސް ހާއްސަކޮށް ދީފައިވާ ނަމްބަރެކެވެ. އައިއެމްއީއައިގެ އެހީގައި ފޯނު ގެއްލިއްޖެ ހާލަތެއްގައި ޓްރެކްކޮށް ފޯނު އޮތްތަނެއް ހޯދޭނެއެވެ.