ކޮވިޑް 19 އާ ގުޅިގެން މިދުވަސްކޮޅު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގެ ހުއްދަ ނުދޭ ވާހަކައެވެ. ކޮވިޑް 19 ފެތުރިފައިވާ އެހެން ގައުމުތަކަށް ބަލާއިރު އެންޓި ބޮޑީ ޓެސްޓް ހެދުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެއެވެ. 10 ވަރަކަށް މިނެޓުގެ ތެރޭގައި މި ޓެސްޓްގެ ނަތީޖާ ލިބެއެވެ.
އެންޓި ބޮޑީއަކީ، ފުރަތަމަ ސްޓޭޖުގައި ހާއްސަކޮށް ކޮވިޑް ހުރިކަން ބަލަން ކުރާކަށް ޓެސްޓެއް ނޫނެވެ. ނަމަވެސް އެންޓިބޮޑީޒް ހަދަނީ ބަލި ޖެހި ރަނގަޅުވެފައިވާ މީހުންގެ އާބާދީ ދެނެގަތުމަށެވެ. ބައެއް ގައުމުތަކުން ކޮވިޑު ފެނި ފުރަތަމަ ދުވަސްކޮޅު ހުސް އެންޓިބޮޑީސްތައްވެސް ހަދާފައި އެބަހުއްޓެވެ. އެއީ ކޮވިޑް19 ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އަގު ބޮޑުވެފައި ޓެސްޓު ހެދުމަށް ގިނަ ވަގުތު ނަގާތީއެވެ. ބަލި ޖެހުނުތާ ފަސް ދުވަސް ވެފައި ތިބި މީހުންގެ އާބާދީ އެނގުމުން އޭގެން ލިބޭ ފައިދާވެސް ބޮޑުކަމަށް ސިއްހީ ބައެއް މާހިރުން ދެކެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ލެބް ސައިންޓިސްޓަކު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި މިހާލަތުގައި އެންޓިބޮޑީ ޓެސްޓުތައް ހަދައިފި ނަމަ ލިބޭ ގެއްލުމަށްވުރެ ފައިދާ މާބޮޑުވާނެ ކަމަށެވެ. އެގޮތުން އޮންނާނެ ފައިދާއަކީ ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުންގެ އަދަދު އެނގުން ކަމަށް އޭނާ ވިދާޅުވިއެވެ. އެންޓިބޮޑީ އުފެދިފައި ހުރިނަމަ އެމީހުންނަކީ އެހެން މީހުން ގަޔަށް އެބަލި އުފުލާނެ ބައެއް ނޫން ކަމަށާއި ބަލިޖެހި އެބައްޔަށް ހަށިގަނޑު ތައްޔާރުވެފައި ނުވަތަ "އިމިއުން" ވެފައިވާ މީހެއް ނަމަ ވައިރަސް އެމީހެއްގެ ގަޔަށް ވަނަސް އެމީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް އެ ވައިރަސް ނުދާނެ ކަމަށެވެ. އަދި ބަލި ޖެހި ރަނގަޅުވެފައި ހުރި މީހާގެ ގަޔަށް ބަލީގެ ވައިރަސް އަލުން ވަނަސް އެ ވައިރަހުން އޭނާގެ ހަށިގަނޑަށް ދެވޭނެ ގެއްލުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމު އެކަމަށް ތައްޔާރުވެފައި ހުންނާނެތީ އެވެ.
އޭނާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓު ހެދުމުން ބަލި ޖެހި ރަނގަޅުވެފައިވާ މީހުންގެ އަދަދު ދެނެގަނެވި ރާއްޖޭގައި މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކަށް ލުއި ލިބިދާނެ މަގެއް ވެސް ފެނިދާނެ ކަމަށެވެ. އަދި މިބައްޔާ ހަނގުރާމަ ކުރަމުން އަންނަ ބައެއް ގައުމުތަކުގައި އިމިއުން ވެފައި ތިބި މީހުން މަގުމައްޗަށް ނެރެން ހިތްވަރުދީފައި ވެސް އެބަހުރި ކަމަށެވެ.
"ސަބަބަކީ އެމީހުންގެ ގައިން އެބަލި އެހެން މީހުންގެ ގަޔަށް ނުފެތުރޭތީ. އާންމު ގޮތެއްގައި ވެކްސިންތަކުގައިވެސް ވަނީ އެހެން. އިންފުލުއެންޒާ ވެކްސިންތަކުގައި ވެސް ވެކްސިން ޖެހުމުން އެމީހެއްގެ އިމިއުން ސިސްޓަމުން އެންޓިބޮޑީޒް އުފެއްދުމުން ދެން އެމީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް އެބައްޔެއް ނާރާނެ. އެގޮތަށް ނޭރުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް." ލެބް ސައިންޓިސްޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިމިއުން ވެފައި ހުރި މީހެއްގެ ގައިން ޑީއެންއޭ ހެދުމުން ވައިރަސްގެ އަލާމާތެއް ފެނިދާނެ ކަމަށެވެ.
"އެކަމަކު ހުސްއެކަނި ޑީއެންއޭ ހެދީމަ ދިމާވާ މައްސަލައަކީ އެއީ. މިސާލަކަށް މީހެއްގެ ގައިން 20 ވަނަ ދުވަހު ޑީއެންއޭ އައިޑެންޓިފައި ވީ، ޕްރޮބަބްލީ އޭނައަށް ޖެހިފަ ހުރީ 20 ދުވަސް ކުރިންނޯ. އެކަމަކު އޭނަގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިދާނެ، އެކަމަކު އިމިއުން ވެފަ ހުރި މީހެއް ވެއްޖެއްޔާ އެމީހެއްގެ ގައިން ވައިރަސް ފެނުނަސް އެއީ މައްސަލައެއް ނޫން" އޭނާ ވިދާޅުވިއެވެ.
ސިއްހީ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި އެންޓިބޮޑީ ޓެސްޓަކީ އޭގެ ފައިދާ ވެސް އަދި ގެއްލުންވެސް ހުރި އެއްޗެކެވެ. އެގޮތުން ލިބޭނެ ގެއްލުމަކީ ބަލި ޖެހޭތާ ފުރަތަމަ މަރުހަލާގައި، ނުވަތަ އެއް ދުވަހާއި ފަސް ދުވަސްތެރޭގައި ބަލި ހުރިކަން ދެނެގަންނަން ނަމަ މި ޓެސްޓަކީ ކުރަން އެހާ ރަނގަޅު ޓެސްޓެއް ނޫން ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ.
ރާއްޖޭގެ އެއްވެސް ރަށެއްގައި ކޮވިޑާ ގުޅޭ އެއްވެސް ކަހަލަ ޓެސްޓެއް ހެދޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނެތެވެ. މިއަދާ ހަމަޔަށް ވެސް ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުން ރަށްރަށުގައި ނެތް ކަމެއް އެނގޭނެ އެއްވެސް ދިރާސާއެއް ވެސް ކޮށްފައި ނެތުމުން ބަލި ޖެހި ރަނގަޅުވެފައި ތިބި މީހުން ރަށްރަށުގައި ތިބޭނެ ކަމަށް ބައެއް ޑޮކްޓަރުން ލަފާކުރައްވައެވެ. ސަބަބެއްގެ ގޮތުގައި ގިނަ ޑޮކްޓަރުން ފާހަގަ ކުރައްވާފައިވަނީ ރާއްޖެއިން މިހާތަނަށް ފެނުނު ގިނަ ކޭސް ތަކަކީ ބަލީގެ އަލާމާތް ނުފެނި ބައްޔަށް ޕޮޒިޓިވް ވެ ބަލިން ރަނގަޅުވި މީހުން ކަމަށް ވާތީއެވެ.
މިކަން މިހެން އޮއްވައި އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ ކުލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން އައްޑޫގައި އެންޓި ބޮޑީ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން ސަރުކާރުން ވަނީ އެޓެސްޓު ހެމުގެ ހުއްދަ އަމިއްލަ ކްލިނިކްތަކަށް ނުދިނުމަށް ނިންމައިފައެވެ.
މިކަމާއި ގުޅިގެން އެއިމްސް ކުލިނިކުގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެބޭފުޅުން އެންޓި ބޮޑީ ޓެސްޓް ހަދަން ނިންމީ ރާއްޖޭގެ ސިއްހީ ސްޕެޝަލިސްޓުންނާއި ބޭރުގެ ސިއްހީ ފަރާތްތަކާއި މަޝްވަރާ ކޮށް، އަދި އައްޑޫ ކަހަލަ ބޮޑު ސިޓީއެއްގައި ކޮވިޑަށް އެއްވެސް ކަހަލަ ޓެސްޓެއް ހަދަމުން ނުދާތީ ރައްޔިތުންނަށް މިކަމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށެވެ.
ކޮވިޑާ ގުޅިގެން ހަދާ ޓެސްޓުތަކަކީ ޕީސީއާރް ޓެސްޓާއި އެންޓި ބޮޑީސް ނުވަތަ ސިރޮލޮޖީ ޓެސްގެ އިތުރުން ދާދިފަހުން ތައާރަފުކުރި އެންޓި ޖެން ކަމަށެވެ. ނަމަވެސް މީގެތެރެއިން ޕީސީއާރް ޓެސްޓަކީ މީހާގައިގަ ކޮވިޑް 19 ބަލި ހުރިކަން ހޯދުމަށް އެންމެ އެކިއުރޭޓް ޓެސްޓެވެ.
އިހްސާން ވިދާޅުވީ ހުއްދަ ނުދިން ސަބަބެއް ކަމުގައި ބެލެވެނީ އެޓެސްޓުން "ފޯލްސް ހޯޕެއް" ދެވިދާނެތީ ނުވަތަ އެކަމުން ނާޖާއިޒް ފައިދާ ވިޔަފާރިވެރިން ނަގައިފާނެތީ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެޑްވާންޓޭޖް ނަގައިފާނެތީ ނޫނީ ފޯލްސް ހޯޕެއް މުޖުތަމައުއަށް ދެވިދާނެތީހެން. އެކަމަކު އަޅުގަނޑުމެން މިކަން ކުރަން ވިސްނީ ވެސް އެއްވެސް ފައިދާއެއް ލިބޭނެ ގޮތަކަށް ބަލައިގެން ކުރާކަށް ނޫން. އަޅުގަނޑުމެން ބެލީ އައްޑޫގެ ގިނަ ރައްޔިތުން ވެސް ބޭނުންވާނެ ބަލި ޖެހި ރަނގަޅުވެފަ ހުރިތޯ ޔަގީންކުރަން. އެހެންވެ އެހިދުމަތް ދޭން މަސައްކަތް ފެށީ. އެއްވެސް ގައިޑްލައިނެއް ނުދީ ހުއްދަ ދީފި ކަމަށް ވަންޏާ އެޑްވާންޓޭޖް ނަގާނެ މީހުންވެސް ހަމަ ތިބެދާނެ" އިހްސާން ވިދާޅުވިއެވެ.
އެންޓި ބޮޑީ ޓެސްޓު ހަދަން ސަރުކާރުން ހުއްދަ ނުދިނުމުން މިހާރު އެމަސައްކަތް ހުއްޓާލާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އިހްސާން ވިދާޅުވީ އެޓެސްޓުގެ ސަބަބުން ލިބޭނެ ފައިދާ ބޮޑު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ބުނެފައިވާ ގޮތަށް ބަލި ޖެހިފައި ތިބި މީހުން ބަލި ޖެހޭ ފުރަތަމަ ސްޓޭޖްގައި އެޓެސްޓް ހަދައި ނަތިޖާ ނެގެޓިވް ވެ މުޖުތަމައަށް ދޫވެއްޖެނަމަ އެއީ ލިބިދާނެ ގެއްލުމެއް ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން ވަކި ގައިޑްލައިންތަކެއް ހެދުމަށްފަހު އެގޮތަށް އަމަލުކުރަން އެންގުމުން އެކަން ވެސް ހައްލު ކުރެވޭނެ ކަމަށް އިހްސާން ދެކިވަޑައިގަންނަވައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ އާންމުންގެ ގިނަ ބަޔަކު އެންޓި ބޮޑީ ޓެސްޓް ހެދުމަށް ރިކުއެސްޓް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ޓެސްޓް ހެދުމުގެ ހުއްދަ އެޗްޕީއޭއިން ދީފައި ނުވާތީ އެކަން އޮތް ގޮތް އާންމުންނަށް މިހާރުވެސް އަންގަމުން ގެންދަވާ ކަމަށެވެ. އައްފާލް ވިދާޅުވީ އެނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން އެކަމަށް ހުއްދަ ނުދެނީ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭއިރު އެންޓިބޮޑީ ހެދުމުން ބަލިޖެހޭ ފުރަތަމަ މަރުހަލާގައި ޓެސްޓުގެ ނަތީޖާ ގޯސްވެދާނެތީ ކަމަށެވެ.
އެހެން ނަމަވެސް އެންޓިބޮޑީ ޓެސްޓަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހަދަމުން އަންނަ ޓެސްޓެއް ކަމަށާއި އޭގެން ލިބޭނެ ފައިދާތައް ބޮޑު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު ފައިދާއަކީ އެމީހެއްގެ ހަށިގަނޑު ބައްޔަށް އިމިޔުންވުން (ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ތައްޔާރުވެފައި ހުރުން) ކަމަށް އައްފާލް ވިދާޅުވި އެވެ.
"އެހެން ގޮތަކަށް ބުނާނަމަ މިއީ ބައްޔަކަށް ވެކްސިނެއް ޖެހުން ފަދަ ކަމެއް. މީހަކަށް ކޮވިޑް ޖެހި ރަނގަޅު ވެފަ ހުރި ނަމަ އެންޓިބޮޑީ ޓެސްޓުން އެނގޭނެ. އޭރުން މި އެނގެނީ އެމީހެއްގެ ހަށިގަނޑު އެހުރީ އިމިޔުންވެފަކަން. މާނައަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު އެހުރީ ކޮވިޑަށް ތައްޔާރުވެފައޭ." އައްފާލް ވިދާޅުވި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިމަހުގެ ހަ ވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެއިމްސް ކްލިނިކުން އެދިފައިވަނީ އެންޓިބޮޑީ ޓެސްޓު ހެދުމަށް ކަމަށެވެ. ނަމަވެސް އެންޓިބޮޑީ ޓެސްޓަކީ ކޮވިޑު ޖެހިފައިވާ މީހުން ކުރީކޮޅުގައި ދެނެގަތުމަށް ހެދުން އެހާ ރަނގަޅު ޓެސްޓެއް ނޫން ކަމަށެވެ. އެންޓިބޮޑީ އެންމެ ފުރަތަމަވެސް ފެންނާނީ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު ފަސްވަނަ ދުވަހުން ފެށިގެން ކަމަށާއި އާންމު ގޮތެއްގައި އެންޓިބޮޑީ ޕޮޒިޓިވް ވާނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 9 ދުވަހާއި 11 ދުވަހާ ދޭތެރޭގައި ކަމަށް ވިދާޅުވިއެވެ.
"އެންޓިބޮޑީން ކޮރޯނާގެ އެހެން ވައިރަސްތަކަށްވެސް ކްރޮސް ރިއެކްޓް ކޮށްފާނެ. ދެން މީގެ އިތުރުން ޑެންގީ ވައިރަސްއަށްވެސް ކްރޮސް ރިއެކްޓްކޮށްފާނެ. އެހެންކަމުން އެންޓިބޮޑީއަކީ އެހާ ސެންސިޓިވް އެއްޗެއް ނޫންކަމަށް ބުނަނީ. އެހެންކަމުން ޑައިގްނޯސިސްގައި އެންޓިބޮޑީ ވަރަށް ބޭނުން ނުކުރާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާގެ މި ވާހަކަޔާ ގުޅޭ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު އަދި ތަހުލީލުތަކާ ގުޅޭ ދާއިރާއިން ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅަކު ވިދާޅުވީ ނަޒްލާ ވިދާޅުވަނީ ރަނގަޅު ވާހަކައެއް ކަމަށާއި އެކަމަކު އެމަކާ އެންޓިބޮޑީ ޓެސްޓު ހަދަން ހުއްދަ ދިނުމާ ގުޅުމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެވަރުގެ އާންމު މައުލޫމާތު ދިވެހީންގެ ނެތް ނަމަ، އެންޓިބޮޑީއަށް ކުރާ ޓެސްޓުގެ ނަތީޖާ ލިޔުމުގައި އެޗްޕީއޭއިން ބޭނުން ގޮތަކަށް އެކަން ބަޔާންވެސް ކުރެވިދާނެ ކަމަށް މި ތަޖުރިބާކާރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކި ކަހަލަ ޓެސްޓުތައް ހެދުމުގަ މުޅި އުމުރު މިދަނީ. ޓެސްޓެއްގެ ނަތީޖާއިން މީހަކަށް އޮޅުމެއް އެރިޔަ ނުދޭން ވެސް ނަތީޖާ ޝީޓުގައި ބޭނުންވާ އިބާރާތެއް ލިޔެވިދާނެ. އެންޓިބޮޑީ ޓެސްޓު މި ހަދަނީ ކޮވިޑް ހުރިތޯ ނުވަތަ ނޫންތޯ ބަލަން ނޫންކަން މިހާރު ގިނަ ދިވެހީންވެސް ދަނޭ. ޓެސްޓުން ނުކުންނާނީ ދެ ނަތީޖާއެއް، އެއީ އެންޓިބޮޑީއަށް ނެގެޓިވް ނޫނީ ޕޮޒިޓިވް، ޕޮޒިޓިވް ނަމަ އެ އެނގުނީ އޭނަ އެހުރީ ބަލި ޖެހި ރަނގަޅުވެފަކަން. އެކަމަކު ނެގެޓެވިވް ވިޔަސް ކޮވިޑް ނެތެކޭ ނުބުނެވޭނެ. އެހާލަތުގަ އެއްކަލަ ތަފްސީލުގައި ލިޔެވިދާނެ، އެންޓިބޮޑީ ޓެސްޓުން ނެގެޓިވް ވިޔަސް ކޮވިޑު ހުރެދާނޭ އެހެންވީމަ މިއީ ހަށިގަނޑުގައި ކޮވިޑު ނެތް ކަމަށް ބެލޭނެ ނަތީޖާއެއް ނޫނޭ. މިފަދަ ކޮންމެވެސް އިބާރާތެއް އެޗްޕީއޭއިން ނިންމޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ވަން އާ ވާހަކަދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންޓިބޮޑީ އުފެދުމުން އެއީ ބައްޔަކަށް ވެކްސިން ޖެހުން ފަދަ ކަމެއް ކަމަށާއި ވެކްސިންގައިވެސް އުފައްދައި ދެނީ ބައްޔަކަށް ބޭނުންވާ ދިފާއީ ނިޒާމު ކަމަށެވެ. ވެކްސިނުން ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ ގޮތާ ބަލިޖެހި ރަނގަޅުވާ މީހާގެ ދިފާއީ ނިޒާމު ތައްޔާރުވެފައި ހުންނަ ގޮތާ އެއްވެސް ތަފާތެއް ނުހުންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކޮވިޑަށް ބޭނުންވާ ދިފާއީ ނިޒާމު އެމީހެއްގެ ހަށިގަނޑުގައި އުފެދިފައި ހުރިކަން ކޮންމެ ދިވެއްސަކުވެސް ބަލަން ބޭނުންވާނެ ކަމަށާއި އެއީ ލިބޭނެ ވަރަށް ބޮޑު ހިތްހަޖެހުމަކާއި އުފަލަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެންޓިބޮޑީސް އުފެދިފައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލޭ ސިޓީގައި ދިރިއުޅޭނެކަން އެއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ، މުޖުތަމައެއް ތެރޭގައި އިމިޔުން ވެފައި ތިބި މީހުން ގިނަ ނަމަ ވައިރަސް މުޖުތަމައުން ނައްތައިލާންވެސް އެހީތެރިވެދޭނެ ކަމަށެވެ.
"އެހެންވާ ސަބަބަކީ، މަގުމަތީ އުޅޭ މީހުންގެ ތެރޭން ގިނަ މީހުންނަކީ އިމިޔުންވެފަ ތިބި މީހުން ކަމަށްވެފަ ވައިރަސްއާ ބައްދަލުވާން ތިބީ އެމީހުން ކަމަށް ވާނަމަ، ވައިރަސްއަށް ވަންނަން ލިބޭ ހަށިގަނޑު ނުވަތަ ބޮޑީސް މަދުވާނެ. އިމިޔުންވެފަ ވެފަ ތިބި ބައެއްގެ ހަށިގަނޑަށް ވަންނަ ހިސާބުން އޭގެ ދުވަސްދާނެ. ވައިރަސްއަށް ބާރެއް މިދެއްކެނީ ވެސް ފްރެޝްމީހެއްގެ ހަށިގަނޑަށް ވަދެވުނީމަ. ރަނގަޅުވެފަ ހުރި މީހެއްގެ ހަށިގަނޑުގެ ފަށަލަތަކުގެ ތެރެޔަށް ވަނުން އެއީ ވައިރަހަށް އަލުން ކުރެވޭނެ ކަމެއް ނޫން، އަދި އެހާލަތުގަ އެހެން މީހެއްގެ ގަޔަށް ވަރިހަކަށް ނުވެސް ދެވޭނެ. އެހެންވެ މުޖުތަމައެއްގަ ބަލި ޖެހި ރަނގަޅުވެފަ ތިބޭ ގިނަ ބަޔަކު ބޭރަށް ނެރިގެން އެމީހުންގެ ގަޔަށް ވައިރަސް އަލުން ވެއްދުމަށް މި ކިޔަނީ "ހާޑް އިމިޔުނިޓީ". މިގޮތަށް ހެދީމަ ޖެހިފަ ތިބި މީހުންތަކެއްގެ ހަށިގަނޑު ތެރެޔަށް ވަންނަމުން ގޮސް، ފްރެޝް ފައިރަސް މަދުވާން ފަށާނެ. މިގޮތަށް ބައެއް ގައުމުތަކުގަ ހަދާފަވެސް އެބަހުރި." ތަޖުރިބާކާރު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެންޓި ބޮޑީ ހެދުމަށް އަދި އާންމު ފަރާތްތަކަށް ހުޅުވާލާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ. އެންޓިބޮޑީ ހެދުމަށް އަމިއްލަ ފަރާތްތަކުގެ އެހީ ބޭނުން ވެއްޖެ ހިނދެއްގައި އެކަން ސަރުކާރުން ހުޅުވާލާނެ ކަމަށެވެ.
އާންމުންގެ ތެރެއިން ގިނަ ބަޔަކު ބުނާ ގޮތުގައި، މާލެއަކީ ކުޑަކުޑަ މުޖުތަމައަކަށް ވެފައި، ކޮވިޑް ރާއްޖޭގައި ފެތުރެން ފެށި ދުވަސްވަރެއްވެސް ނޭނގޭ އިރު ބަލި ޖެހިގެން ރިޕޯޓު ކުރި ނުވަތަ ބަލި ޖެހިފައިވާ ކަމަށް ރާއްޖޭން އެނގުނު އަދަދަށް ވުރެ ނޭނގި ރަނގަޅުވެފައިވާ މީހުންގެ އަދަދު އެތައް ތަނަކުން އިތުރު ވާނެ އެވެ. އެހެން ކަމުން އެންޓި ބޮޑީ ޓެސްޓު ހަދަން ހުއްދަ ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ. އާސަންދައިން ދޭން އުނދަގޫ ނަމަ ރައްޔިތުން އަމިއްލަޔަށް ހަރަދުކޮށްގެންވެސް އެންޓިބޮޑީ ޓެސްޓު ހެދޭނެ ގޮތް ވުމަކީ މުހިންމު ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި އެންޓިބޮޑީ ޓެސްޓަކީ ކޮވިޑް ހުރިކަން ޔަގީންކޮށްދޭ ޓެސްޓެއް ނޫންކަމާއި އޭގެން އެނގޭނީ ކުރީން ބަލި ޖެހި ރަނގަޅުވެފައި ހުރިކަންކަން ދިވެހީންވެސް މިހާރު ދަންނަ ކަމަށެވެ. އަދި އަމުދުން މިހާރު ނިއު ނޯމަލްއަށް ރައްޔިތުން ދޫކޮށްލާ އިރު އެފަދަ ޓެސްޓެއް ހެދުމަށް ހުރަސް އަޅަން ޖެހޭ، ބުރަދަން ހުރި ސަބަބުތަކެއްް ނުވިސްނޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި ގޮތަށް ގަބޫލުކުރާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގެ އެތައް ބަޔަކުވެސް ހިމެނެ އެވެ.
މީހަކަށް ބަލި ޖެހި ރަނގަޅުވެފައި ހުރެއްޖެ ނަމަ އޭނާގެ ދިފާއީ ނިޒާމު ހުންނާނީ އެބައްޔަށް ތައްޔާރުވެފަ އެވެ. އެހެންކަމުން އެބައްޔެއްގެ ވަރިރަސް ދެން އަނބުރާ އެމީހެއްގެ ހަށިގަނޑަށަ ވަނަސް، ދެވޭނެ ގެއްލުމެއް ނޯންނާނެ އެވެ. ދިފާއީ ނިޒާމު އެޔަށްވުރެ ވަރުގަދަ ވާނެ އެވެ. އެހެންކަމުން މިފަދަ ދިފާއީ ނިޒާމެއް އުފެދިފައި ހުރިކަން އެނގުމަކީ ކޮންމެ މީހަކަށްވެސް އޮންނާނެ ބޮޑު ހިތްހަމަޖެހުމަށް ވާނެ އެވެ. ވީއިރު މި ޓެސްޓު ހަދަން ފުރުސަތު ނުދޭންވީ ކީއްވެ ހެއްޔެވެ؟