އިބްރާހިމް ޒަކީ
ކީ ސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުން ގުރުއާން އިމްތިހާންގައި އިށީނުން މަޖުބޫރުކޮށްފައި އޮތް އޮތުން އެޑިއުކޭޝަން މިނިސްޓްރީން މަޑުޖައްސާލައިފާ މައްސަލަޔަށް ތާއީދުކޮށް، ޕެޓިޝަން ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ.
މި ރިޕޯޓަކީ، މިއަހަރު ގްރޭޑް 10 ގައި ކިޔަވާ ކުދިންގެ ތެރެއިން ސްޓްރީމްތައް ކަނޑައެޅި އިރު ކިޔަވަން ޖެހޭ މަޖުބޫރު މާއްދާތަކާއި އޮޕްޝަނަލް މާއްދާތަކުގައި ގުރުއާން މާއްދާ ހިމެނިފައި ނުވާއިރު ކުއްލިއަކަށް އެ މާއްދާ މަޖުބޫރު ކުރުމުން ދިމާވާނެ ދަތިތައް ފާހަގަކޮށް، ދަރިވަރުން ގުރުއާން މާއްދާގެ އިމްތިހާނަށް ތައްޔާރުވެފައި ނެތުމުން އެ މާއްދާއަށް އިތުރު ވަގުތު ދޭން ޖެހި ކިޔަވަމުން އަންނަ އެހެން މާއްދާތަކަށް ބުރުއަރާ ކަމަށް ބެލެނިވެރިން ފާހަގަކޮށް މަޖިލީހަށް ހުށެހެޅި ޕެޓިޝަނެއް ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓެކެވެ.
މި ޕެޓިޝަންގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދަނިކޮށް، ކީ ސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ގްރޭޑް ނުވައެއް އަދި 10 ގެ ދަރިވަރުން ގުރުއާން އިމްތިހާންގައި އިށީނުން މަޖުބޫރުކޮށްފައި އޮތް އޮތުން މަޑުޖައްސާލާފައިވާ ކަމަށްބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށާއި މަންޖެއް ފުރިހަމައަށް ތަންފީޒު ކުރާއިރު އެ މަންހަޖެއްގައިވެސް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަކީ، އެ ހުރިހާ މަރުހަލާތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށްވުމުން އެ ފެންވަރުގައި ގުރުއާން ކިޔަވައިދިނުމުގައި އާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކާ ކުރިމަތުވެފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އިމްތިހާނެއް ހަދަން ތައްޔާރުކެރެވިފައި ނުވާ ކަމަށް މިނިސްޓްރީގެ ސާކިއުލާގައި ބުނެއެވެ.
ސާކިއުލާގައި ބުނީ، އެގޮތަށް ނިންމާފައިވަނީ ދަރިވަރުންނާއި ބެލެނިވެރިނާއި މުދައްރިސުން އަދި ޕްރިންސިޕަލުންގެ އިތުރުން ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ނިންމުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް މަޝްވަރާކުރި ފަރާތްތަކުން ދެކޭ ކަމަށެވެ.
ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާ ކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ސާކިއުލާއިން ވަނީ ދީފައެވެ.
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވަނީ އެޑިއުކޭޝަން މިނިސްޓްރީން 13 ފެބްރުއަރީ 2020 ގައި ނެރެފައިވާ ކީސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ކީރިތި ކުރުއާނުގެ މާއްދާއިން އިމްތިހާން ކުރުމާގުޅޭ ސާކިއުލާއިން ކީ ސްޓޭޖް ހަތަރެއްގެ މުގައްރަރާ އެއްގޮތަށް ދަރިވަރު ތައްޔާރު ވެވެންދެން ޕަބްލިކް އެގްޒަމިނޭޝަނުން ކަނޑައަޅާފައިވާ އިމްތިހާން ކުރުމުގެ އުސޫލަށް އަމަލުކުރުން ފަސްކުރުމަށް ހަމަަޖައްސާފައިވުމުން، މިއަަހަރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން އެސްއެސްސީ ގުރުއާން އިމްތިހާން މަޖްބޫރު އިމްތިހާނެއްގެ ގޮތުގައި ނުބޭއްވުމަށް އެދި ޕެޓިޝަން ހުށަހެޅި ފަރާތުން އެ ޕެޓިޝަންގައި އެދިފައިވާ ކަންތައްތައް ހާސިލުވެފައިވާތީ، އެއީ މި މައްސަލަ ނިންމަން ކޮމިޓީއަަށްވެސް ފެންނަގޮތްކަމަށް ތާއީދު ކޮށްދިނުމަށް މަޖިލިސް ތަޅުމަށް ހުށަހަޅާ ކަމަށެވެ.