އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އެކުލަވާލާފައިވާ ރިޕޯޓްތަކުގައިވާ ކަންތައްތަކަކީ، ސަރުކާރު ހިންގާނެ މަގު ދައކައިދިނުމުގެ ނިންމުތަކެއްގެ ގޮތުގައި ބަލައި ގަންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެކަމާ ބެހޭގޮތުން، މަޖިލީހުގެ ހުރިހާ ކޮމިޓީން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެހެންކަމުން ކޮމިޓީތަކުން ނިންމާފައިވާ ކަންތައްތަކުގެ ލަފާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް މިއަދު 12:00 ގައި އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެމަސައްކަތްތަކުގެ ތެރެއިން، ކޮމިޓީތަކުން ނިންމާފައިވާ ރިޕޯޓްތައް 400 ސަފުހާއަށްވުރެ ވެސް އިތުރު ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ރައީސުލް ޖުމްހޫރިއްޔާއާ ބައްދަލު ކުރައްވަނީ، އެކަންކަމާބެހޭ ކުރު ހުލާސާ ރިޕޯޓަކާ އެކުގައި ކަމަށްވެސް ވިދާޅުވިއެެވެ. ނަމަވެސް ކޮމިޓީތަކުން ނިންމާފައިވާ ހުރިހާ ނިންމުނަތްކެއް ރައީސުލް ޖުމްހޫރިއްޔާއަށް އަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާ ތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައައެޅުމަށް، ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުން މަޖިލީހުގެ ކޮމިޓީތަކުން، އެ ކޮމިޓީގެ މެއިންޑޭޓްގައި ހިމެނޭ ކަންކަން ދިރާސާކޮށް، އެކުލަވާލާފައިވާ ރިޕޯޓްތަކުގައި، ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.
އެގޮތުން މަޖިލީހުގެ 14 ކޮމިޓީއަކުން 300 އަށްވުރެ ގިިނަ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅަން ވަނީ ނިންމައިފިއެވެ.