މަޖިލީހުގެ ރައީސް

ޗައިނާއާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓް ދެމިއޮތްކަމަށް ދެކެވޭކަން ނެތް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ޗައިނާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ދެމިއޮތް ކަމަށް ދެކެވެން ނެތް ކަަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި އެ އެއްބަސްވުމުގައި ދެގައުމުން ސޮއިކުރީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، 2017 ވަނަ އަހަރުގެ ޑިސެމްބަރު 7 ގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އޭރުގެ އިކޮނޮމިކް މިނިސްޓަރު، މިހާރު އިދިކޮޅު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.

މިހާރު ސަރުކާރުގައި ތިބި ނަމަވެސް، އޭރު އިދިކޮޅު ފަރާތުގެ ގޮތުގައި އޮތް އެމްޑީޕީން އޭރުވެސް ދިޔައީ އެ އެއްބަސްވުމަށް ދެކޮޅު ހަދަމުންނެވެ.

އެ އެއްބަސްވުމަށް އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފާސްކުރީ، 2017 ނޮވެމްބަރު 27 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއް، މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ނަމަވެސް އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ އެއްވެސްކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުން ދެމި އޮތް ކަމަކަށް ދެކެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެހެން ނަމަވެސް މަޖިލީހުން އެކަން ކޮންމެވެސް ގޮތަކަށް ނިންމަން ޖެހޭ ކަމަށެވެ.

"އެ އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ އެއްވެސްކަމެއް ވަނީ ނުކުރެވި، އެހެންވީމާ ހަގީގަތުގައި އެ އެއްބަސްވުން ދެމި އޮތް ކަމަކަށް އެއްގޮތަކަށްވެސް ދެކެވޭކަށް ނެތް، އެހެން ނަމަވެސް ކޮންމެވެސް އިރަކުން މި އިއްޒަތްތެރި މަޖިލީހުން މިކަން ވަކި ގޮތަކަށް ނިންމައިދިނުމަކީ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް، އަޅުގަނޑު މިދަންނަވަނީ ކޮންމެހެން، މިއަދަކު ތިބޭފުޅުން މިކަމުގައި އަވަސްވެގަންނަން އުޅުންވަންވީ ވާހަކައެއްނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.