ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.
ފުރަތަމަ ތާވަލްކުރީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)ގެ މައްސަލައެވެ. އޭނާގެ މައްސަލަ އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ދެން ހަމަ އެދުވަހުގެ މެންދުރުފަހު 1:30 އަށް ވަނީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްސަލަ ތާވަލްކޮށްފައެވެ.
ދެން ތާވަލްކޮށްފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްސަލައެވެ. ލަތީފްގެ މައްސަލަ އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައެވެ. އަދި އަމީތުގެ މައްސަލަ އޮންނާނީ އެދުވަހުގެ މެންދުރުފަހު 1:30 ގައެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި އެ މައްސަލާގައި މީގެކުރިން ސުޕްރީމް ކޯޓުން ވަނީ އިތުރަށް އެ މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑަޅާފައެވެ. އެގޮތަށް ކަނޑައެޅީ ހުކުމަކުން ނޫނެވެ. ރަޖިސްޓްރާގެ ނިންމުމަކުންނެވެ.
އެއަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭގޮތަށް ކަނޑައެޅިއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި އެ ކޯޓުން ވަނީ އެކެއް ފެބްރުއަރީގެ ހުކުމްގައި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބާތިލްކޮށްފައެވެ. އަދި އެ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ އިތުރަށް ބަލާނެތަނެއް ނެތްކަމަށް ކަނޑައަޅައި އެ ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ވެސް އެ ހުކުމުން ވަނީ ބާތިލްކޮށްފައެވެ.
ވައްޑެ އާއި ސައުދާއި ލަތީފް އަދި އަމީތު ހިމެނޭގޮތަށް ޖުމްލަ 13 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ޕީޕީއެމްގެ މެމްބަރުކަމުން އެބޭފުޅުން ވަކިކޮށް އެކަން އެ ކޮމިޝަނަށް އެންގުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އެ މެމްބަރަކު ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ. މިހާރު ވަނީ އެކަމާ ގުޅޭ ގާނޫނެއް ވެސް ފާސްކޮށްފައެވެ. މިހާރު މެމްބަރުންގެ ގޮނޑިތައް ގެއްލުވަމުންދަނީ އެ ގާނޫނަށް ރިއާޔަތްކޮށެވެ.