ހިންދީ ފިލްމު "މުލްޝީ ޕެޓާން" ގެ ރީމޭކު ސަލްމާން ޚާން އަދި އަޔުޝް ޝަރުމާ އުފައްދާނެކަން އިއުލާނު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
މިހާތަނަށް އުފައްދާ އެންމެ ބޮޑު އެކްޝަން ޑްރާމާ ފިލްމަށް އެފިލްމު ވެގެންދާނެ ކަމަށް ބެލެވޭއިރު ފިލްމު ޝޫޓް ކުރުމަށް ހަމަޖައްސާފައިއޮތީ ޕަންޖާބުގައެވެ.
މި ފިލްމަށް ކުރިން ދިން ނަމަކީ "ދަކް" އެވެ. ނަމަވެސް މިހާރު މިވަނީ ފިލްމުގެ ނަން "ގަންސް އޮފް ނޯތު" އަށް ރަސްމީކޮށް ބަދަލުކޮށްފައެވެ. ފިލްމާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ މީޑިއާތަކުގައި ވާގޮތުގައި ފިލްމުގެ ސްކްރިޕްޓް އުފައްދާތާ ދެއަހަރު ވަނީ ވެފަ އެވެ. އޭޕްރިލްގައި ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި އޮތް ނަމަވެސް ކޮވިޑްގެ ސަބަބުން ޝޫޓިން ވަނީ ފަސްކޮށްފައެވެ.
ފަސް ބަހަކުން ފިލްމު ނެރެން ހަމަޖައްސާފައިވާއިރު، މި ފިލްމަކީ ސަލްމާން އަދި ޅިޔަނު އަޔުޝް އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.
ފިލްމަށްޓަކައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަޔުޝްވަނީ ގެނެސްފައެވެ. އެގޮތުން 12 ކިލޯގެ ބަރުދަން ވަނީ އިތުރުކޮށްފައެވެ. އަޔުޝްގެ "ބަލްކީ ލުކް" މީސް މީޑިއާގައި ހިއްސާކޮށްފައިވާއިރު ފޭނުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.