ރައްޔިތުންގެ މަޖިލިސް

މިނިމަމްވޭޖް: އެންމެމަތީ ކެޓަގަރީއަށް 8000 ދެވަނަޔަށް 6000 އެންމެކުޑަ ވިޔަފާރިތަކަށް 4000 ހުށަހަޅައިފި

އިބްރާހިމް ޒަކީ

2

މަސައްކަތްތެރިންނަށް ދޭ، އެންމެ ކުޑަ އުޖޫރަ، މިނިމަމް ވޭޖްގެ ގޮތުގައި ތިން ބޭންޑެއް ކަނޑައަޅައި، އެންމެ މަތީ ކެޓަގަރީއަށް 8000 ދެން އޮތް ކެޓަގަރީއަށް 6000 އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4000 ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި، ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ، މިނިމަމް ވޭޖުގެ އެ އަދަދުތަކާ ބެހޭގޮތުން އެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެއް މެންބަރަށްވުރެ ގިނަ މެންބަރުން ބިލުގައި އެ އަދަދުތައް ހިމެނުމަށް ހުށަހެޅުއްވިއެވެ.

ނަމަވެސް އެ މެންބަރުންގެ ތެރެއިން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވަނީ، އެންމެ މަތީ ކެޓަގަރީއަށް 8500 ރުފިޔާ، ދެން އޮތް ކެޓަގަރީއަށް 6500 ރުފިޔާ އަދި އެންމެ ކުޑަ ވިޔަފާރިތަކަށް 4500 ރުރިޔާ ކަނޑައަޅުމަށެވެ.

މީގެ އިތުރުން މހާރު ރާއްޖެޔަށް ދިމާވެފައިވާ، ކޮވިޑް 19 ގެ ހާލަތުން އަރައިގަތުމަށް، ކުރަަމުން އަންނަ މަަސައްކަތްތަކުގެ ތެރެއިން، އަންނަ އަހަރަށް ރާވާ ޕްލޭންގެ ތެރެއިން އެ އަހަރުން ފެށިގެން މިނިމަމް ވޭޖް ދޭން ފެށުމަށް ވެސް އިލިޔާސް ލަބީބު ވަނީ ހުށަހަޅުއްވައިފައެވެ.

މީގެ އިތުން، ވަޒީފާއަށް ވަންނަ ފަރާތްތަކަށް ޕްރޮބޭޝަން ޕީރިއަޑުގެ ގޮތުގައި، ކަނޑައަޅާފައިވާ ތިންމަސް ދުވަސް، ހަ މަސްދުވަހަށް ބަދަލު ކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެ ހަމަސް ދުވަހުގެ ބަދަލުގައި މިހާރުވެސް އޮތް ގޮތަށް ތިންމަސް ދުވަހުގެ ގޮތުގައި ބޭއްވުމަށާއި، އެ މުއްދަތުގައި ދާއިމީ މުވައްޒަފަކަށް ލިބިދޭ ހުރިހާ އިނާޔަތްތަކާއި އެލަވަންސްތަކެއް ލިބޭގޮތަށް ބިލުގައި ހިމެނުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ހުށަހަޅުއްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟