ކުޅިވަރު

ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ބަޔާން މިއުނިކު ޖެހިލައިފި

އައިދާ އަބްދުލް ހަކީމް

ޖަރުމަނުގެ ބުންޑަސްލީގާގައި ރޭ ރަށުން ބޭރުގައި ބަޔާން ލެވަކޫސަން 4-2 އިން ބަލިކުރި މެޗަށް ފަހު ބަޔާން މިއުނިކު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ބަޔާން ޖެހިލާފައިވާއިރު އެޓީމާއި އެންމެ ގާތުން ވާދަކުރަމުން އަންނަނީ ބޮރޫޝިއާ ޑޯޓްމަންޑެވެ. މި ސީޒަނުގެ ލީގު ކަށަވަރުކުރަން ބަޔާން އަށް ދެން ބޭނުންވަނީ ހަ ޕޮއިންޓެވެ.

ބަޔާން އާއި ޑޯޓްމަންޑަށް ލީގުގައި ބާކީ ހަތަރު މެޗުއޮތް އިރު އެ ހަތަރު މެޗުން ބަޔާން ހަ ޕޮއިންޓް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ލީގުގައި ބަޔާން އަށް 30 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު ހަމަ އެ އަދަދަށް މެޗު ކުޅެގެން ޑޯޓްމަންޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.

ރޭގެ މެޗުގެ ކުރީކޮޅު އާޖެންޓީނާގެ ފޯވާޑް ލޫކަސް އަލާރިއޯގެ ގޯލުން ލެވަކޫސަނުން ވަނީ މެޗުގެ ލީޑް ނަގައިފަ އެވެ. ލެވަކޫސަނުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ ކައިރިކައިރީގައި ތިން ގޯލު ޖަހައިފަ އެވެ. މި ގޯލުތައް އެޓީމަށް ޖަހައިދިނީ ކިންގްސްލީ ކޯމާން އާއި ލިއޮން ގޮރެޓްޒްކާ އަދި ސާޖް ގްނެބްރީ އެވެ.

ބަޔާނަށް ލީޑު ފުޅާކޮށްދިން ގޯލު ދެ ވަނަ ހާފުގައި ބޮލުން ގޯލަށް ފޮނުވާލީ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ މި ސީޒަނުގެ ލީގުގައި ލެވަންޑޯސްކީ ޖެހި 30 ވަނަ ގޯލެވެ. ރޭ ދެއްކި ރީނދޫ ކާޑާއެކު ލެވަންޑޯސްކީ ވަނީ ކުރިއަށް އޮތް ލީގު މެޗަށް ސަސްޕެންޑް ވެފަ އެވެ.

ރޭގެ މެޗުގައި ލެވަކޫސަންގެ ފަހު ގޯލު ޖެހީ ބެންޗުން ކުޅެން އެރި ފްލޯރިއަން ވިޓްޒް އެވެ. މިއީ ޖަރުމަނަށް އުފަން ވިޓްޒް ލެވަކޫސަނަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އުމުރުން 17 އަހަރާއި 34 ދުވަހުގައި ވިޓްޒް ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ބުންޑަސްލީގާގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.