ވިޔަފާރި

މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ މިހަފްތާ ތެރޭ ދޫކުރެވޭނެ: މިފްކޯ

އަލީ ޔާމިން

މަސްވެރިން އަތުން މަސް ގަތުމަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ނުދެވި ހުރި ފައިސާ މި ފެށޭ ހަފްތާގެ ތެރޭގައި ދޫކުރެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަމުން ފައުޒީ ރޭ ވިދާޅުވީ، މިހާތަނަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ބާކީ ހުރީ 7 ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، އެފައިސާވެސް މި ހަފްތާގެ ތެރޭގައި ދޫކުރެވިގެންދާނެ ކަމަށެވެ.

"މި ހަފްތާގެ ތެރޭގައި އެބަހުރި މަސްވެރިންނަށް ކޮންމެވެސް ވަރަކަށް ފައިސާ ދޫކުރަން. އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް މި ފައިސާ ދޫކުރެވޭނެ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދޫކުރާނީ އޮންލައިންކޮށް ކަމަށެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ، މިދުވަސްވަރު އެވްރެޖުކޮށް 60 ޓަނާއި 70 ޓަނުގެ މަސް ކޮންމެ ދުވަހަކުވެސް މިފްކޯގެ ބޯޓުތަކަށް ކިރާ ކަމަށެވެ. އަދި މިދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.