އަލީ ޔާމިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެތަނުގައި އަޅާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ޕެސެންޖަރު ޓާމިނަލްގެ ފޮޓޯތަކާއެކު އެމްއޭސީއެލުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް 2022 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ތިން ބުރިއަށް ހަދާ މި އިމާރާތުގެ ފުރަތަމަ ޝީޓުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިންމާލައިފައެވެ. އެމްއޭސީއެލުން ކުރިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ ބައެއް ބައިތައް ގެންނާނީ ރާއްޖެއިން ބޭރުންނެވެ.
މިހާރު ބޭނުން ކުރާ ޓާމިނަލާ އިންވެގެން ހަދާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިންލާދިން ކުންފުންޏަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެއި 21، 2016 ގައެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ މަސައްކަތް ކުޑަކޮށް މަޑުޖެހިލިއެވެ.
78،000 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅާ މި ޓާމިނަލް ނިމޭއިރު ދިވެހިވަންތަ ސިފަ ފެންނާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލު ކޮށްފައިވަނީ 350 މިލިއަން ޑޮލަރަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމްއަކުންނެވެ.