(04 ޖޫން ގެ އަދަދާ ގުޅޭ)
ޒަރުބަޚުތު ވިދާޅުވިއެވެ. "ފަރަޚުޒާދުގެ ގަނޑުވަރުން އަހަރެން މިތަނަށް ގެނެވުނުގޮތެއް އޮޅުންފިލުވައިދީފިނަމަ ކަލޭގެ ހުރިހައި އަމުރަކަށްވެސް އަހަރެން ކިޔަމަންވާނަމެވެ."
ޒުވާނާ އޭނާގެ އެކުވެރީންނާ ދިމާޔަށް ބަލައިލިއެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު ޖަވާބުދިނެވެ. "އަހަންނަށް މިހާވަރަށް ކަލެޔަށް މަޢުލޫމާތު ދެވިދާނެއެވެ. ކަލޭ މިތަނަށް ގެނައިމީހުން އަހަރެމެންނަށް އަންގައިފައިވަނީ ކަލެޔަކީ ވަރަށް ނުރައްކާތެރި މީހެއްކަމުގައެވެ. ކަލޭ ފިލައިފިކަމުގައިވާނަމަ އަހަރެމެން އެންމެން ދަންޖައްސާނެ ކަމުގައެވެ. މިނޫން ވާހަކައެއް އެމީހުން ނުބުނެއެވެ. އަދިވެސް އަހަރެން ކަލޭގާތު ބުނެފާނަމެވެ. އެމީހުން މިތާނގައި މާގިނަދުވަހަކު ކަލޭ ނުބަހައްޓާނެއެވެ. ކޮންމެވެސް ރައްކާތެރި ތަނަކަށް ގެންގޮސްފާނެއެވެ."
"މިއީ ބިންވެރިޔެއްގެ ގެ ހެއްޔެވެ؟"
"އާނއެކެވެ. އެކަމަކު މިތާނގައި ތިބެނީ ހަމައެކަނި އޭނާގެ ނޯކަރުންނާއި ދަނޑުވެރީންނެވެ. ކަލޭ ހައްޔަރުކުރުމާ އޭނާއަކާ އެއްވެސް ގުޅުމެއްނެތެވެ. އޭނާ އާއްމުކޮށް ހުންނަނީ މަދާއިނުގައެވެ. ކަލޭ މިތަނަށް ގެނައީ ކޮންމެވެސް ބޮޑުމީހެއްގެ ނޯކަރުންނެވެ. އަހަރެމެންނަކީ ކަލޭގެ ދުޝްމިނުންނެއް ނޫނީމުއެވެ. ތިޔައީ ކާކުކަމެއްވެސް އަހަރެމެންނަކަށެއް ނޭނގެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަހަރެންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ތިޔަބައިމީހުންގެ ދިރިއުޅުން ނުރައްކަލެއްގެ ތެރެޔަކަށް ވައްޓައެއް ނުލާނަމެވެ. އެކަމަކު ތިޔަބުނާ ބޮޑުމީހާގެ ނަން ބުނެދީފިނަމަ އަހަރެންގެ ހިތުގައި އުފެދޭ ވަރަށްގިނަ އޮޅުންބޮޅުންތަކެއް ޙައްލުވެދާނެއެވެ. އަހަންނަށް އެހުރިހައިކަމެއްވެސް ހީވަނީ ހުވަފެނެއްހެންނެވެ."
"ތިޔަ ސުވާލުގެ ޖަވާބު ދޭކަށެއް އަހަރެމެންނަކަށް އަމުރެއް ނެތެވެ."
ޒަރުބަޚުތު މާޔޫސްވެވަޑައިގެން ވިދާޅުވިއެވެ. "މިގެއަކީ މަދާއިނާ ކިހައި ދުރުމިނެއްގައިހުރި ގެއެއްކަންވެސް ބުނެލައެއް ނުދެވޭނެހެއްޔެވެ؟"
"އެކަމުން ކަލެޔަށް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟"
"ފައިދާއެއް ކުރާނެތީއެއް ނޫނެވެ. އަހަރެން ހޭނެތިފައިއޮތީ ކިތައް ދަންވަންދެންކަން ނުވަތަ ކިތައްދުވަސް ވަންދެންކަން އަންދާޒާކޮށްލުމަށްޓަކައެވެ."
ޒުވާނާ ހީނލިއެވެ. "މަދާއިން އޮންނަނީ މިތަނާ ހަތްކޯހުގެ ދުރުގައެވެ. އެކަމަކު ކަލެޔަށް އެހީތެރިވެދޭނެ މީހަކު މަދާއިނުން އަތުވެދާނެކަމަށް އުންމީދު ނުކުރާށެވެ. އެކަމުގެ އެއްވެސް އެކަށޭނަކަމެއް އޮތްނަމަކަ ކަލޭ މިތަނަކު ނުބެހެއްޓީހެވެ."
ޒަރުބަޚުތު ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް އެގޭގެ ވެރި ބިންވެރިޔާ ކުއްލިޔަކަށް ދޮރު ހުޅުވައިލައިފައި އެކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާގެ އުމުރުންވާނީ ފަސްދޮޅަހަކަށް އަހަރެވެ. އޭނާ ހުރީ ވަރަށްރީތިކޮށް ހެދުން އަޅައިފައެވެ. ހަތިޔާރުއެޅި މީހުންތައް ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ފާރަވެރީންނާ ދިމާޔަށް ރުޅިވެރިކަމާއެކު ބަލައިލިއެވެ. އޭނާ ބުންޏެވެ. ތިޔަބައިމީހުންނަށް އޮންނާނީ ޤައިދީއާ ވާހަކަ ނުދައްކާން އަންގައިފައެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ކަލާގެ ނޯކަރުންގެ ކުށެއްނެތެވެ. އަޅުގަނޑު އެބައިމީހުން ވާހަކައިގައި މަޝްޣޫލުކުރުވީއެވެ. ޤައިދީއަކު އޭނާ ހައްޔަރުކުރީ ކާކުތޯ ސުވާލުކުރުމުގެ ޙައްޤަކުން މަޙްރޫމެއް ނުކުރެވޭނެއެވެ."
ބިންވެރިޔާ ޖަވާބުދިނެވެ. "ނޯކަރުންނަށް އޮންނާނީ ކަލާއާ ވާހަކަ ދެއްކުން މަނާކޮށްފައެވެ. އެކަމަކު އަޅުގަނޑަށް ކަލާގެ ކޮންމެ ސުވާލަކަށްވެސް ޖަވާބު އެރުވިދާނެއެވެ. ކަލާ މިތަނަށް ފޮނުވުނީ އީރާނުގެ އައު މަލަކާގެ ކަނާތްޕުޅު ކަމުގައިވާ ފަރާތުގެ އަމުރުފުޅަށެވެ."
"އީރާނުގެ އައު މަލަކާއޭތޯއެވެ؟" ޒަރުބަޚުތު ސިހިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ.
"އާދޭހެވެ. އީރާނުގެ އައު މަލަކާއަކީ ޝެހެޒާދީ އާޒަރުމީދުޚުތެވެ. ކަލާއާމެދު އެކަމަނާގެ އަމުރުފުޅަކީ އެއްވެސްކަހަލަ އުނދަގޫފުޅެއް ލިބިވަޑައިގެންނެވިޔަ ނުދިނުމެވެ. އިރުކޮޅަކުން ޝާހީ ބޭސްވެރިޔާ ކަލާގެ ޒަޚަމް ބައްލަވަން މިތަނަށް ވަޑައިގަންނަވާނެއެވެ. ކަލާއަށް މުޅީން ފަސޭހަފުޅުވަމުން މިތަނުން ގެންދެވޭނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި އެކަމަނާ ބޭނުންފުޅުވަނީ ވަރަށްކުޑަ ދުވަސްކޮޅަކަށް ކަލާ މަދާއިނުން ބޭރުގައި ބެހެއްޓެވުމަށެވެ."
ޒަރުބަޚުތު ހުއްޓުންއަރާގޮތް ވެވަޑައިގެންނެވުމާއެކު އިރުކޮޅެއްވަންދެން އެ މުސްކުޅި ބިންވެރިޔާއާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އޭނާ އިރުކޮޅަކުން ވިދާޅުވިއެވެ. ތިޔައީ އެއްގޮތަކަށްވެސް ވާނެކަމެއް ނޫނެވެ. ފަރަޚުޒާދު ޝަހެންޝާހަށް ޣަދަރުވެރިވެވަޑައިގެން އާޒަރުމީދުޚުތު ރަސްކަމަށް އިސްކުރެއްވުމަކީ ވާނެކަމެއް ނޫނެވެ. އީރާނުގެ ސިފައިން ތިޔަކަންތައް އެއްގޮތަކަށްވެސް ބަރުދާސްތެއް ނުކުރާނެއެވެ."
ބިންވެރިޔާ ޖަވާބުދިނެވެ. "ވޭތުވެދިޔަ ހަތަރުދަމުގެ ތެރޭގައި އީރާނުގައިވަނީ ޤަބޫލު ނުކުރެވޭފަދަ އެތައްކަމެއް ހިނގައިފައެވެ. ފަރަޚުޒާދާއި ޝާހުޕޫރު ޤަތުލުވެއްޖެއެވެ. އެމީހެއްގެ އަމުރަށް ކަލާ މިތަނަށް ގެނެވުނު ސިޔާދުޚަޝްއަކީ އައު މަލަކާގެ ވަޒީރުލްއަޢުޒަމެވެ. ޝެހެޒާދީ ޕޫރާން ކޮންމެވެސްތަނަކު ފިލައިވަޑައިގެންފިއެވެ."
ޒަރުބަޚުތު ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ނޫނެކެވެ. އީރާނުގެ ލަޝްކަރު ފަރަޚުޒާދުއާއި ޝާހުޕޫރުގެ ޤާތިލުންގެ ކިޔަމަންތެރިކަން ޤަބޫލުކުރުމަކީ ކިހިނަކުން ވާނެކަމެއްތޯއެވެ. ހަމަކަށަވަރުންވެސް ޝާހީ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފާ މެދު ޣަދަރުވެރިވެވަޑައިގެންފާނެކަމަކަށެއް އުންމީދެއް ނުކުރެވެއެވެ."
ބިންވެރިޔާ ޖަވާބު ދިނެވެ. "އަދިއެއް އަޅުގަނޑަކަށް ހުރިހައި ވާހަކަތަކެއް ނުދެންނެވެއެވެ. ޝާހީ ލަޝްކަރުގެ އިސްވެރިޔާވެސް ޤަތުލުވެއްޖެއެވެ. ބަޣާވަތް ކުރައްވައިފާނެކަމަށް ޝައްކުކުރެވޭ ހުރިހާ އޮފިސަރުން ހައްޔަރުކުރަމުން އެބަގެންދެއެވެ."
"ނޫނެކެވެ. ނޫނެކެވެ. ތިޔަ ހައްދަވަނީ އިތުރުފުޅެކެވެ. އީރާނުގެ އެއްވެސް މީހަކަށް ފުރޭބުރުޒުގެ ގައިކޮޅަށް އަރައިގަންނާކަށެއް ނުކެރޭނެއެވެ."
ޒަރުބަޚުތު ކޯފާއާއި ހިތާމަފުޅާއެކު އެމުސްކުޅިޔާގެ ގަމީހުގެ ގިރުވާނުގައި ހިއްޕަވައިފިއެވެ. ނަމަވެސް ހަމައެވަގުތު އޭނާގެ ހަށިކޮޅުގެ ބާރުހުސްވެގެން ބަންޑުން ވެއްޓިވަޑައިގެންފިއެވެ. އޭނާ ހޭފުޅު އެރިއިރު އޮންނެވީ ކުރިން އޮންނެވި ބާ ދޫލަމައްޗަކު ނޫނެވެ. ވަރަށް އަރާމު ސާފު ތަންމައްޗެއްގައި ބާއްވައިފައެވެ. ބިންވެރިޔާގެ އިތުރަށް އީރާނުގެ ޝާހީ ބޭސްވެރިޔާވެސް އޭނާގެ އަރިހުގައި އިންނެވިއެވެ.
+ + + + +
ދިހަވަރަކަށް ދުވަސްވީއިރު ޒަރުބަޚުތުގެ އާލާސްކަންފުޅު މުޅީން ފަސޭހަފުޅުވެއްޖެއެވެ. ފުރިހަމަ ދުޅަހެޔޮކަން ލިބިވަޑައިގެންފިއެވެ. އެ ކިއްލާއެއްފަދަ ގޭގައި މިހާރު އޭނާގެ ޙައިޘިއްޔަތަކީ ޤައިދީއެއްގެ ޙައިޘިއްޔަތެއް ނޫނެވެ. އަދި ކީއްތޯއެވެ. މެހުމާނެއްގެ މަގާމެވެ. ބިންވެރިޔާގެ ނޯކަރުން ޒަރުބަޚުތަށް ރަނގަޅުފުޅުވާނެ ގޮތްގޮތާމެދު ވަރަށްބޮޑަށް ޚިޔާލު ބަހައްޓައެވެ. ދުވާލު އޭނާއަށް ގޯތިތެރޭގައި ހިންގަވައި އުޅުއްވުމުގެ މިނިވަންކަން އޮވެއެވެ. ނަމަވެސް އޭނާ ކޮޓަރީން ބޭރަށް ނުކުމެވަޑައިގަންނަވާނަމަ ބޭރު ދޮރޯށި ރަނގަޅަށް ލައްޕައި ތަޅުލައެވެ. ހަތިޔާރުއެޅި މީހުން ވަރަށްބޮޑަށް ސަމާލުކަންދީގެން ފޯރިމަރަމުން ގެންދެއެވެ. ނޯކަރުން ޢަމަލުތައް ބަހައްޓާގޮތަށްވުރެ ބޮޑަށް ޒަރުބަޚުތު ހައިރާންފުޅުވަނީ ބިންވެރިޔާ ކަންތައްކުރާ ގޮތުންނެވެ. އޭނާ ހެނދުނު ހެނދުނާ އެގެޔަށް އަތުވެދެއެވެ. އާއްމުގޮތެއްގައި އޭނާގެ އެންމެފުރަތަމަ ސުވާލަކަށްވަނީ ޒަރުބަޚުތަށް އުނދަގޫފުޅު އެއްވެސްކަމެއް އޮތްތޯ ކުރާ ސުވާލެވެ. އޭނާ ކައިބޮއިހަދަނީ ޒަރުބަޚުތުގެ އަރިހުގައެވެ. އޭނާ ތަކުރާރުކޮށް ޒަރުބަޚުތަށް ތަސައްލީދޭން މަސައްކަތް ކުރެއެވެ. "ކަލާ ވަރަށް އަވަހަށް މަދާއިނަށް ގެންދެވޭނެއެވެ. އަދިޔެއް އަޅުގަނޑާ ސިޔާދުޚަޝްއަކާ ބައްދަލެއް ނުވެއެވެ. އޭނާ އުޅުއްވަނީ ވަރަށް އަވަދިނެތިއެވެ. އަޅުގަނޑަށް ހީވާގޮތުގައި މަދާއިނުގެ ކަންތައްހުރީވެސް މަލަކާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތަކަށެއް ނޫނެވެ. ސިފައިންގެ ވަފާތެރިކަމާމެދުވެސް މަލަކާއަށް މާބޮޑު ޔަޤީންކަމެއް މިހައިތަނަކަށް ލިބިވަޑައެއް ނުގަންނަވައެވެ." އޭނާ މިދަންނަވާ މޭރުމުންވެސް ވާހަކަތައް ނިއުޅައިލައެވެ. "ސިޔާދުޚަޝް ކޯފާއިސްކުރެވެން ނެތްކަމީ އަޅުގަނޑުގެ ނަސީބު ދެރަކަމެވެ. އެހެންނޫންނަމަ އަޅުގަނޑު އެންމެ ދުވަހަކުވެސް ކަލާ މިތާނ ހުންނަވާކަށެއް މަޖުބޫރެއް ނުކުރީމުހެވެ. ކަލާގެ މަނަސް ހިނގާދުވަހަކުން އަޅުގަނޑާމެދު ބޭއިންސާފުން ކަމެއްވިޔަ ނުދެއްވަން ވަޢުދުވެވަޑައިގަތުން އެދެމެވެ." ޒަރުބަޚުތުވެސް ބިންވެރިޔާގެ ހިތްހަމަޖައްސައިދެއްވަން މަސައްކަތް ކުރައްވައެވެ. އޭނާ ވިދާޅުވިއެވެ. "ކަލާގެ މަޖުބޫރީ އަޅުގަނޑަށް ވިސްނެއެވެ."
މަދާއިނުގެ ޙާލަތާ ބެހޭގޮތުން ބިންވެރިޔާގެ ފަރާތުން އިވިވަޑައިގެންނެވި ވާހަކަތަކަށް އޭނާ ވިސްނައިވަޑައިގަންނަވާއިރު ޕޫރާންދުޚުތާ ބެހޭ އެއްވެސް މަޢުލޫމާތެއް ސަރުކާރަކަށް ނުލިބެއެވެ. ބައެއްމީހުން ދެކޭގޮތުގައި އޭނާ ޚުރާސާނަށް ވަޑައިނުގަންނަވާނަމަ ހުންނަވާނީ މަދާއިނުގެ ކައިރީ ކޮންމެވެސް ތަނެއްގައެވެ. ކޮންމެވެސް ބޮޑުމީހެއްގެ ޙިމާޔަތުގައެވެ. ބައެއްމީހުން ދެކޭގޮތުގައި މަލަކާ އޭނާ ޤަތުލުކުރުއްވައިފިއެވެ. އެކަމަކު އެއީ ތެދުވާހަކައެއްނަމަ ސަރުކާރުން އޭނާ ހޯދުމުގެ މަސައްކަތުގައި މިހައިބޮޑަށް ހީވާގިވެގެންނަކުން ނުއުޅުނީހެވެ.
ބިންވެރިޔާ މެދުވެރިކުރައްވައި އޭނާގެ ކޮއްކޯފުޅުގެ ހާލުކޮޅު އޮޅުންފިލުއްވަވަންވެސް ޒަރުބަޚުތުގެ ހިތްޕުޅަށް އެތައްފަހަރަކު އެރިއެވެ. ނަމަވެސް އޭނާގެ އެ އެދުންފުޅުގެ މައްޗަށް ވެރިވެގަންނަނީ މަޞްލަޙަތެވެ. ސިޔާދުޚަޝްގެ އަމުރަށް އޭނާ ހައްޔަރުކޮށްގެން އުޅޭ މީހަކަށް ކޮއްކޯފުޅުގެ މައްސަލައިގައި އިތުބާރުކުރެއްވުމަކީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް ވިސްނިވަޑައިގަންނަވައެވެ.
އެގާރަވަނަޔަށްވީދުވަހު ބިންވެރިޔާ ޒަރުބަޚުތަށް ޚަބަރުދިނެވެ. "މިއަދަކީ އަޅުގަނޑުގެ ގާތުގައި ކަލާ ހުންނަވާނެ އެންމެފަހު ދުވަހެވެ. މާދަމާ ސިޔާދުޚަޝްގެ މީހުން ކަލާ މަދާއިނަށް ގެންދާނެއެވެ. ސިޔާދުޚަޝްގެ ވާހަކަފުޅުން އަޅުގަނޑަށް ލަފާކުރެވުނުގޮތުގައި ކަލާ މަދާއިނަށް ވަޑައިގަންނަވަނީ ކުށްވެރިޔެއްގެ ޙައިޘިއްޔަތަކުން ނޫނެވެ. ސިފައިންގެ ތެރެއިން ކަލާއަށް ވަރަށްމަތީ މަގާމެއް ލިބިވަޑައިގެންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ކަލާގެ ކާމިޔާބީ ބިނާވެފައިވަނީ މަލަކާއާއި ސިޔާދުޚަޝްގެ ހިތްޕުޅު ހަމަޖައްސަވައިދެއްވި މިންވަރެއްގެ މައްޗަށެވެ."
ޒަރުބަޚުތު، ވަރަށް އުނދަގޫފުޅުން އޭނާގެ ކޯފާ މަތަކުރައްވަމުން ވިދާޅުވިއެވެ. "މަލަކާއާއި ސިޔާދުޚަޝްއަކީ ފުރޭބުރުޒުގެ ޤާތިލުންކަމުގައިވާނަމަ އަޅުގަނޑަކަށް އެބޭފުޅުންގެ ހިތްޕުޅު ހަމަޖައްސައެއް ނުދެވޭނެއެވެ."
"ކަލާ ރުހިވަޑައިގަންނަވަނީ މަދާއިނުގެ ހަތަރު އަނގޮޅިތަކުގައި ދަންޖެއްސޭ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަންތޯއެވެ؟"
ޒަރުބަޚުތުގެ މުޅި ހަށިކޮޅު ރޫރޫއަޅައިގެންދިޔުމާއެކު ވިދާޅުވިއެވެ. "އަހަރެން އަނިޔާވެރީންނަކަށް އެއްބާރުލުމެއް ނުދޭނަމެވެ."
"ކަލާ އަމިއްލަފުޅަށް އަމިއްލަ ނަފްސު ޤަތުލުކުރެއްވުމަކީ އެއްވެސް މީހަކަށް ހޯއްދަވައިދެއްވޭނެ ލާބައެއް ނޫނެވެ. އެކަށީގެންވާ ހެޔޮބަދަލަކަށް މޫސުން ތަންދޭނެ ވަގުތަކަށް އިންތިޒާރު ކުރައްވާށެވެ. އެހައިތަނަށް ދިރިހުންނެވޭތޯ ބައްލަވާށެވެ. ފަހެލިކަމެއް ނުހުންނަ ވަރުގަދަ މުރަނަ ގަސްތައް ޠޫފާނީ ވައިގައި ދަނީ ބިންދައިގެންނެވެ. ކަލާ ވިސްނައިވަޑައިގަންނަވާށެވެ. ކަލާ މިތާނގައި ބަހައްޓަން ސިޔާދުޚަޝް އަމުރުކުރެއްވުމުން އަޅުގަނޑު އެކަމާ ދެކޮޅުހެދިނަމަ އަޅުގަނޑާއި އަޅުގަނޑުގެ އަނބިދަރީންގެ ނިމުމަކަށްވާނީ ކޮންގޮތެއްތޯއެވެ؟ އަޅުގަނޑަކީ އާދައިގެ ބިންވެރިޔެކެވެ. އެމީހެއްގެ މުޅި ޙަޔާތުގައިވެސް ޤައުމީ ސިޔާސަތުގެ ތެރެޔަށް ނުވަންނަ މީހަކީމެވެ. އަޅުގަނޑުގެ ބަދުނަސީބަކީ އަޅުގަނޑަކީ މަދާއިނުގައި އޭނާގެ އަވައްޓެރިޔަކަށްވީކަމެވެ. އޭނާގެ އަމިއްލަ ބިންތައް ބަލަހައްޓާން އަޅުގަނޑާ ހަވާލުކުރެއްވިތާނވެސް ދުވަސްކޮޅެއް ވެއްޖެއެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ކަލާއާމެދު އަޅުގަނޑުގެ އެއްވެސް ޝަކުވާއެއްނެތެވެ. އަދި ކީއްތޯއެވެ. ކަލާ ތިޔަހައި ބޮޑަށް އަޅުގަނޑާމެދު ޚިޔާލު ބެހެއްޓެވީތީ ޝުކުރުވެސް އަދާކުރަމެވެ."
ބިންވެރިޔާ ޖަވާބުދިނެވެ. "އަޅުގަނޑު ކަލާޔަށް އެއްވެސް އިޙްސާންތެރިކަމެއް ނުކުރަމެވެ. ތެދަށް ބުނާނަމަ އަޅުގަނޑު ސިޔާދުޚަޝް ދެކެ ބިރުގަންނަވަރަށް ކަލާދެކެވެސް ބިރުގަނެއެވެ. މިއަދު ބާރުގައިހުރީ އޭނާއެވެ. މާދަމާ ކަލާއަށްވެސް ބާރު ލިބިވަޑައިގެންފާނެއެވެ. ކަލާ ކުށެއްނެތް މީހަކު ހައްޔަރުކުރައްވައިގެން ގެންނަވައި އެމީހަކު ބަލަހައްޓަން އަޅުގަނޑާ ހަވާލުކުރެއްވި ކަމުގައިވިޔަސް އެމީހަކު ބެލެހެއްޓުމާ ހަވާލުވާކަށެއް އިންކާރެއް ނުކުރާނަމެވެ. އެކަމަކު ކަލާ އަޅުގަނޑު ލައްވައި ކޮންމެވެސް ހެޔޮކަމެއް ކުރުއްވައިފި ކަމުގައިވާނަމަ ވާނީ އަޅުގަނޑުގެ ހެޔޮނަސީބު ކަމުގައެވެ. ބާރުހުރި މީހަކަށް ވަރަށްގިނަ ކަންކަން ވިސްނައިގަނެވިދާނެއެވެ. އެކަމަކު ބަލިކަށި މީހަކަށް ވިސްނޭނީ ތިމާގެ ފުރާނަޔާއި ކާއެތިކޮޅާއި އުނުފޭރާމާ މެދުގައެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "ކަލާ އެދިވަޑައިގަންނަވަނީ އަޅުގަނޑު އެ ޤާތިލުންގެ ފައިމައްޗަށް ވެއްޓޭންތޯއެވެ؟"
"ނޫނެކެވެ. އަޅުގަނޑު އެދެނީ ކަލާގެ ޖަޒުބާތު ފާޅުކުރައްވަން އެކަށީގެންވާ ވަގުތަކަށް އިންތިޒާރު ކުރެއްވުމެވެ. މީހެއްގެ ފައިމައްޗަށް ވެއްޓިވަޑައިގެން މައިނާރުގައި ނުހިއްޕެވެނީސް ފައިދަށުވެ ޗިސްޗިސްވެވަޑައިގަތުމުގެ ބަދަލުގައި ހުސް އަތްޕުޅާ ނަމަވެސް ތެދުވެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުން ރަނގަޅެއް ނުވާނެތޯއެވެ؟ ޒަރުބަޚުތެވެ. ކަލާއަކީ އަދި ޒުވާނަކީމުއެވެ. ދިމާވާ ޙާދިޘާއެއްގެ ސަބަބުން ކަލާ ދިރިއުޅުއްވުންދެކެ ފޫހިފުޅުވުމަކީ އަޅުގަނޑު އެދޭކަމެއް ނޫނެވެ. ރަށުތެރޭގައި ދޫދޫމަތީން ވާހަކަ ދެކެވޭގޮތުގައި ރުސްތުމް އޭނާގެ ބައްޕާފުޅުގެ ބަދަލުހިއްޕަވަން ތައްޔާރުކުރައްވަމުން އެބަގެންދަވައެވެ. އޭނާ މަދާއިނަށް އަރައިވަޑައިގަންނަވާ ދުވަހަކަށް ކަލާއަށް އިންތިޒާރެއް ނުކުރެއްވޭނެތޯއެވެ. އަޅުގަނޑު ކަހަލަ އާރެއްބާރެއްނެތް މީހުނަށް ކަލާގެ އަރިހުން ޙިމާޔަތް ލިބުމަށްޓަކައެވެ."
"ނޫނެކެވެ." ޒަރުބަޚުތު ޖަވާބު ދެއްވިއެވެ. "ޠަބީޢީގޮތުން މަރުއައިސް ބައްދަލުކުރުމުގެ ކުރީން މަރުވާކަށެއް އަޅުގަނޑު ނޭދޭނަމެވެ."
(ނުނިމޭ)