މުޙައްމަދު އަސްލަމް

ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އެންމެ އަގުބޮޑު ރޭޓަށް ބަލާއިރު 120 މިލިއަން އަރާނެ: މިނިސްޓަރު

އެންމެ އަގު ބޮޑު ރޭޓަށް ބަލާއިރު، ޕޯޓްގެ މަސައްކަތަށް ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް 120 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިިނސްޓަރު ވިދާޅުވީ، އެކަަމަށް ވެލި ލިބޭނެ ކައިރިދުރު މިނަށްބަަލައި އެ އަގަށް ބަދަލު އަންނާނެ ކަމަށެވެ.

ގުޅިފަޅު ހިއްކުމާ ބެހޭގޮތުން، ވަހީދު މިނިސްޓަރާ ސުވާލު ކުރައްވަމުން ވިދާޅުވީ، ގުޅިފަޅުން ހިއްކާ ސަރަހައްދުތަކުގެ 20 މީޓަރުގެ ހުންނަ ހިސާބުތަކެއް ހިމެނޭއިރު، އެއީ ރާއްޖޭގައި މިހާތަނަށް ހިއްކާފައި ނުވާހާ ފުން ތަނަކަށްވާއިރު، އެތަން ހިއްކުމަށް ބޭނުންވާ ވެއްޔަކީ، މިހާތަނަށް ރާއްޖޭގެ ހުރިހާ ތަނެއް ހިއްކަން ބޭނުންކުރި ވެއްޔާ ނުބައްދަލު އަދަދެއް ކަމަށެވެ.

އެކަމާބެހޭ ގޮތުން އެއްކުރި މައުލޫމާތު ތަކާއި، ކުރި ދިރާސާތަކަށް ބަލައި 20 މިލިއަން ކޮޑި މީޓަރުގެ ވެލި އެތަނަށް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 15 މީޓަރަށްވުރެ ފުންނަމަ ސިންގަޕޫރު ފަދަ މުއްސަނދި ގައުމުތަކުވެސް ނުހިއްކާ ކަމަށާއި ރާއްޖެފަދަ ތިމާވެއްޓަށް ބަރޯސާވެފައިވާ ގައުމެއްގައި އެކަން ކުރުމުގެ ބޭނުމާ ބެހޭގޮތުންވެސް ވަހީދު ސުވާލު ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިންގަޕޫރު ފަދަ ތަންތަނުގައިވެސް އެހާ ފުން ތަންތަން ހިއްކާފައި އެބަހުރި ކަމަށެވެ. އަދި އެ މަސައްކަތުގެ އެންމެ ބޮޑު އަގަކަށް 120 މިލިޔަން އަންދާޒާކުރާއިރު ވެލި ލިބެން ހުންނަ ސަރަހައްދުތަކަށް ބަލައި އަދަދު 100 މިލިޔަނާ ހަމައަށް ކުޑަ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ކަމުގައި ހަމައެކަނި އޮތްގޮތަކީ ގުޅިފަޅު ހިއްކުންތޯ، ވަހީދު ކުރެއްވި ސުވާލަށް މިނިސްޓަރު ވިދާޅުވީ، އެކަމުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރި ނަމަވެސް އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ކުރަމުން އަންނަނީ ނެދަލެންޑްސްގެ ބޮސްކާލިސް އިންނެވެ.