އިބްރާހިމް ޒަކީ
ގުޅިފަޅުގައި ޕޯޓް ހެދުމަށްޓަކައި ބިންހިއްކުމަށް ކުރިޔަށްގެންދާ މަސައްކަތަކީ، ކުއްލިޔަކަށް ޑްރެޖަރެއް އައިސް ބިން ހިއްކަންފަށައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ގުޅިފަޅު ހިއްކަން ފެށުމުން ދިމާވަމުންދާ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ، އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، އީޕީއޭ އަދި މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި، ކޮމިޓީގެ މެންބަރު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ޕްރޮޖެކްޓާ ބެހޭގޮތުން މެންބަރު ވަހީދު މިނިސްޓަރާ ސުވާލު ކުރެއްވީ، މިނިސްޓަރު ހިމެނޭ ގޮތަށް މިސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށް ކަމަށް ވެފައި، ގުޅިފަޅަކީ މާލޭގެ ޕްލޭނާ ބެހޭ ކަމަކަށް ވާއިރު، އެފަދަ ކަމެއްގައި މާލޭގެ ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭނެ ކަމަށެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުގެ ޕްރޮޖެކްޓަކީ ލާމަރުކަޒީގެ ގާނޫނާ ހިލާފަށް ކުރަމުން އަންނަ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ މަޝްރޫއަކީ، ކަމާބެހޭ ފަރާތްތަކުން މާލޭ ސިޓީކައުންސިލާވެސް ވާހަކަ ދައްކައިގެން ކުރިޔަށް ގެންދާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ޕްރޮޖެކްޓަކީ، ކުއްލިޔަކަށް ޑްރެޖަރެއް އައިސް ބިން ހިއްކަން ފަށައިގެން ކުރިޔަށް ގެންދާ ކަމެއްނޫން ކަމަށެވެ. އަދި އެއީ ހުރިހާ ފަރާތްތަކަށް އެނގޭނެ މަޝްރޫއެއް ކަމަށާއި، އެއީ ބަޔަކަށް ނުފެނި ހުރެފަ ކުއްލިއަކަށް ފެންނަން ފެށި މަސައްކަތެއްްވެސް ނޫން ކަމަށެވެ.
މާލޭގެ ޕޯޓްގެ ޖާގަ ކުޑަވެ، ޕޯޓްގެ ޖާގަ ކޮންމެހެން ބޮޑުކުރަން ޖެހިގެން، ގުޅިފަޅުގައި އެ މަޝްރޫއު ކުރިޔަށް ގެންދަން ޖެހުނު ސަބަބު، މާކުރިން ފެށިގެން މީޑިއާތަކުގައި ހާމަކުރަމުން ގޮސްފައިވާނެކަން ފާހަގަކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ތިލަފުށީގައި ޕޯޓް މަޝްރޫއު ހިންގުމަށްވެސް ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ގުޅިފަޅުގައި ކުރިޔަށް ގެންދަން ނިންމީ، ތިލަފުއްޓަކީ ޒަމާނުއްސުރެ ކުނި ނައްތައިލަމުން ގެންދާ ތަނަކަށް ވެފައި، ޕޯޓަކީ ހަމައެކަނި ދަގަނޑާއި ލަކުޑި ބައިލާ ތަނެއްނޫން ކަމަށްވެފައި، އެ ތަނަކީ ކާބޯތަކެތި ބާލާއި އެފަދަތަކެތި އިމްޕޯޓް އެކްސްޕޯޓްވެސް ކުރާތަނަކަށް ވުމުން ކަމަށެވެ.
މީގެ އިތުރުން ގުޅިފަޅު ގައި އެ ޕްރޮޖެކްޓް ހިންގަނީ މާލެ ސަރަހައްދުން އެކަން ކުރުމަށް އެންމެ ރަނގަޅު ތަނަކީ އެއީ ކަަމަށް ވެފައި، އެތަނުން މާލޭގެ ގުދަންތަކަށް ތަކެތި ގެނެސް އަތޮޅުތަކަށް ފޮނުވަން ފަސޭހަވެގެންދިއުންވެސް ހިމެނޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތިލަފުށީގައި އެ ޕްރޮޖެކްޓް ހިންގައިފިނަމަ ދިމާވާ މައްސަލަތައް މާގިނަވާނެ ކަމަށެވެ.