ބޭންކު ކާޑުގެ މައުލޫމާތު ހޯދުމަށް ބޭންކުގެ ނަމުގައި ގުޅުމުގެ އިތުރުން އެކި ވިޔަފާރިތަކުގެ ނަމުގައި މީހުންނަށް ގުޅައި، މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަންނަ މައްސަލަޔަކީ އާ މައްސަލައެއް ނޫނެވެ. މިއީ އެކަމުން އެތައް ބަޔަކަށް ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ.
ކޮވިޑް 19 ގެ މި ބަލިމަޑުކަމުގައިވެސް މިފަދަ އެތައް މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. ކޮވިޑުގެ މިހާލަތުގައި މުދާ ޑެލިވަރީކޮށްދޭނެ ކަމަށް ބުނެ ފައިސާނަގައި މަކަރު ހެދުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ ވަމުން އަންނަ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ލޮކްޑައުންގެ ފަހުން ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު ފޯނު ނުނެގުމުގެ މައްސަލަތަކާއި ފައިސާ ޖަމާ ކުރާފަހުން ފޯނު ނިއްވާލާފައި އޮންނަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރު ވެފައިވާ ކަމަށްވެސް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުންވެސް ރާއްޖޭގައި ކުންފުނިތަކުގެ ތެރެއިންވެސް ދިރާގު، އުރީދޫ އަދި ރާއްޖޭގެ ގައުމީ ބޭންކް، ބީއެލްއެލްގެ ނަމުގައިވެސް އެކި މީހުންނަށް ގުޅައިގެން ފައިސާ ހޯދުމުގެ އެތައް މައްސަލަތަކެއް މިހާރުވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
ހާއްސަކޮށް ބީއެމްއެލްގެ ފަރާތުން ކަމަށް ބުނެ ކަސްޓަމަރުންނަށް ގުޅައި، ކަސްޓަމަރުންގެ މައުލޫމާތު ހޯދައި ކަސްޓަމަރުންގެ ފައިސާކޮޅު ދަމައިގަންނަ މައްސަލަ ބޮޑުވުމުގެ ސަބަބުން ބީއެމްއެލް އިން ވެސް ވަނީ އެކަމަށް ސަމާލު ވުމަށް އެދިފައެވެ. އެގޮތުން ތަކުރާރުކޮށް އެކި ފަހަރު މަތިން ބީއެމްއެލް އިން ވަނީ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދިފައެވެ.
މީގެ އިތުރުން އިންޓަނެޓް ބޭންކިންގް ލޮގިން ޔޫސާ ނޭމް، ޕާސްވޯޑު، އޯޓީޕީ ކޯޑު އަދި މެއިލް އައިޑީ ފަދަ މައުލޫމާތުވެސް އެހެން މީހުންނާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.
ބީއެމްއެލްގެ އިތުރުން އުރީދޫ އަދި ދިރާގު ފަދަ ކުންފުނިތަކުންވެސް ވަނީ މިފަދަ ކޯލުތަކަށް ސަމާލުވެ ތިބުމަށް އެދިފައެވެ. ކުންފުނިތަކާއި، ފުލުހުން އަދި ކަމާ ގުޅޭ އެކި އިދާރާތްތަކުން އަންނަނީ ތަކުރާރުކޮށް އެކި ކުންފުނިތަކުގެ ނަމުގައި ގުޅާ މީހުންނަށް އަމިއްލަ މައުލޫމާތު ނުދިނުމަށް އިލްތިމާސް ކުރަމުންނެވެ.
ހިތާމަޔަކީ މިވަރަށް މި ކަމުގެ ވާހަކަ ދެކެވޭއިރުވެސް ބައެއް މީހުން އަދިވެސް ކެހިވެރިކަމުގެ މަޅީގައި ޖެހޭކަމެވެ. އަދި އެތައް ބައެއްގެ އަތުން ނުހައްގުން ފައިސާ ފޭރެމުގެ ފުރުސަތު ދޭތީއެވެ.
މިފަދަ ކަންކަމުން ސަމާލުވުމަށް އަމިއްލަޔަށް ބައެއް ފިޔަވަޅުތައް އެޅުން މުހިއްމެވެ. އެގޮތުން އެއްވެސް ވަރަކަށް ތިމާގެ އާންމު މައުލޫމާތު ފޯނުން ގުޅާ މީހުންނަށް ފޯރުކޮށް ނުދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ރީލޯޑު/ރާސްޓަސް ކޮށްދިނުމަށް ގުޅާ މިފަދަ މީހުންނަށް ލާރި ނުފޮނުވުމެވެ. ހަމައެއާއެކު އެކި ކުންފުނިތަކުގެ ޕްރޮމޯޝަންތަކާއި ސާވޭތަކަށް ގުޅުމުން ރަނގަޅަށް މައުލޫމާތު ހޯދުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. ސަބަބަކީ ގިނަފަހަރަށް މިފަދަ ފްރޯޑު ކޯލުތައް ގުޅަނީ އެކި ޕްރޮމޯޝަން އަދި ސާވޭތަކުގެ މައުލޫމާތު ހޯދުމަށްކަމަށް ބުނެ ކަމަށް ވާތީ އެވެ.
މިހާތަނަށް އެކިފަހަރު މަތިން ފުލުހުންނަށް މިފަދަ އެތައް މައްސަލަ ހުށަހެޅިފައިވާއިރު، މިފަދަ ކޯލުތައް ކުރާ ނަންބަރުތައް ޑިސްކަނެކްޓު ނުކޮށް، އެކި މީހުންނަށް ގުޅާ ކަމުގެ ވާހަކަ އާންމުންގެ ތެރޭ ދެކެވެއެވެ. އެގޮތުން އަބަދުވެސް ދޭތެރެ ދޭތެރެއިން މިފަދަ އެކި ނަންބަރުތައް ސޯޝަލް މީޑިއާގައި އާންމުން ހިއްސާ ކުރެއެވެ. މީގެ އިތުރުން މިފަދަ އަމަލު ހިންގާ މީހުން ކަމަށް ބުނެ، އާންމު ފަރުދުންގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ އެކި ހާދިސާތައްވެސް އެބަހުއްޓެވެ.
އެކި ކުންފުނިތަކާއި ކަމާބެހޭ އެކި އިދާރާތަކުން މިފަދަ މަކަރާއި ހީލަތުން ފައިސާ އަތުލުން ފަދަ ކަންކަމާ ގުޅޭ ގޮތުން އަންނަނީ އާންމުނަށް އެކި އިރުޝާދުތައް ދެމުންނެވެ. އެގޮތުން މިކަންކަން ހުއްޓުވުމަށް އަމިއްލަ ހޭލުންތެރިކަން އިތުރު ކުރުމުގެ އިތުރުން އެހެން މީހުންނަށް މިކަމުގެ މުހިއްމުކަން އަންގައިދޭން ޖެހެއެވެ. ހާއްސަކޮށް ދުވަސްވީ މީހުންނަށް މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތާއި، ފޯނުން ހިއްސާ ކުރެވޭނެ މައުލޫމާތާއި ހިއްސާ ނުކުރެވޭނެ މައުލޫމާތު ކިޔައިދިނުން މުހިއްމެވެ. ރާއްޖެ ފަދަ ބިދޭސީ މަސައްކަތްތެރިން ގިނަ ގައުމެއްގައި މިފަދަ ކަންކަމަށް ބިދޭސީން ހޭލުންތެރި ކުރުމަކީވެސް މުހިއްމު ކަމެކެވެ.
ރާއްޖޭގައި މިފަދަ އެކި މައްސަލަ ހުރި އިރު، ކޮވިޑްގެ މިހާލަތުގައި ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަގުވާމީ ފެންވަރުގައިވެސް ކުރިޔަށްދާތީ އެކަމަށް ސަމާލުވުމަށް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް) އިންވެސް އެދިފައި ވެއެވެ.
އިންޓަޕޯލުން ވަނީ ކޮވިޑް 19އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް ހިންގަމުންދާކަން މެންބަރު ގައުމުތަކަށް އަންގައިފައެވެ.