ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ހިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފިއެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި އުރީދޫގެ 24 ގަޑިއިރު ހިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ރާއްޖޭގައި މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭ ހަމައެކަނި ސެންޓަރުތަކެވެ. އެގޮތުން މި ސެންޓަރުތަކުގައި ހުންނަ ސެލްފް ސާވިސް ކޮއިސްކްތައް މެދުވެރިކޮށް ޕްރީޕެއިޑް ރިޗާޖު ކުރުމުގެ ހިދުމަތާއި ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ކޮންމެ ވަގުތެއްގައިވެސް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
ރީޗާޖު ހިދުމަތާއި ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތުގެ އިތުރުން އެމް-ފައިސާ އެކައުންޓަށް ކޭޝް-އިން ކުރުމުގެ ހިދުމަތްވެސް މި ސެންޓަރުތަކުން ލިބޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.
އުރީދޫން އެ ކުންފުނީގެ ފުރަތަމަ 24 ގަޑިއިރު ހިދުމަތް ލިބޭ އުރީދޫ ޑިޖިޓަލް ސެންޓަރު މިއަހަރުގެ މާޗު މަހު ވަނީ މާލޭގައި ހުޅުވައިފައެވެ. އަދި ދެވަނަ ޑިޖިޓަލް ސެންޓަރެއް ހުޅުމާލޭގައިވެސް ހުޅުވާފައިވެއެވެ.
މި ސެންޓަރުތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކަމަށާއި ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މީގެ އިތުރުން ކޮވިޑް 19އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ބަދަލުތަކާއެކު ދިވެހި މުޖުތަމައުވެސް ނިއު ނޯމަލްއަކަށް ދަތުރު ކުރާއިރު މުޖުތަމައުގައި ޓެކްނޮލޮޖީގެ ރޯލު ވަނީ އިހުނަށްވުރެ ބޮޑުވެފައި ކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ.
ނިޔާޒް ވިދާޅުވީ އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހެއްޓުމާއެކު، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫއިން މަސައްކަތް ކުރާނީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ހިދުމަތްތައް ފޯޜުކޮށްދިނުމަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން އަންނަނީ އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުގައި ޑިޖިޓަލް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އުރީދޫގެ ސުޕާ އެޕް، އުރޫ އެޕް މެދުވެރިކޮށް، 24 ގަޑިއިރު ކަސްޓަމާ ސާވިސް އަދި އެމް-ފައިސާގެ ހިދުމަތް ލިބޭނެ ކަމަށާއި އުރީދޫގެ އީ-ކޮމާސް ޕްލެޓްފީމް ކަމަށްވާ މޫލީގެ ހިދުމަތްތައްވެސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.