ހުކުރު ޚުތުބާ

ހައްގުތައް އަދާކުރުމުގައި މިއަދުގެ ހާލަތަށް ރިއާޔަތް ކުރުމަށް ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފި

އިބްރާހިމް ޒަކީ

ހައްގުތައް އަދާކުރުމުގައި މިއަދުގެ ހާލަތަށް ރިއާޔަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފިއެވެ.

އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ހައްގުތަކުގެ މައްޗަށް އަމާޒުކޮށް ތައްޔާރު ކޮށްފައިވާ މިއަދު ހުކުރު ހުތުބާގައި ބުނެފައިވަނީ، އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްގުތަކުގެ ތެރޭގައި ސަލާމް ކުރުމާއި، ބަލި މީހުންނަށް ޒިޔާރަތް ކުރުން ހިމެނޭ ކަމަށެވެ.

ޒިޔާރަތްކުރުން ކޮންޓްރޯލް ކުރަން ޖެހޭ ހާލަތުގައި މެނުވީ، ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ، ސުންނަތެއް ކަމަށާއި، އެއީ ޒިޔާރަތްކުރާމިހާ އަށް ވެސް ސަވާބު ލިބި، ބަލިމީހާގެ މައުނަވީ ރޫހު އާލާވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަތާ އަތް ޖޯޑުކޮށް ސަލާމްކުރުމަކީ ލޯބި އިތުރުވާކަމެއް ނަމަވެސް، މިއަދު ހަމައެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދައިލަން ޖެހިފައިވާ ކަމަށާއި، ޖަނާޒާގައި ބައިވެރިވުމާއި، ބަލި މީހުންނާއި ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަކީ މުހިއްމުކަމެއް ނަަމަވެސް، ފޯނާއި ސޯޝަލް މީޑިއާގެ މަސީލަތްތައް މެދުވެރިކޮށް، މިއަދު މިފަދަ ޒިޔާރަތްތަކާއި، ބައްދަލުވުންތައް، ބާއްވަން ޖެހިފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

އިސްލާމްދީނަކީ މީސްތަކުގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުމަށް ބާރުއަޅާ ދީން ކަމަށާއި، އެ ލޯތްބާއި ގުޅުންތައް، ތިމާގެ މުސްލިމް އަހާ މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހޭކަމަށް ބުނެފައި ވެއެވެ. އޭގެ ތެރޭގައި ކަށުނަމާދާއި، ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވުން ހިމެނެއެވެ.

"މައްޔިތާގެ ފާފަ ފުއްސަވައި ރަހްމަތް ލެއްވުން އެދި ދުއާކުރުމާއި، އޭނާގެ ގާތްތިމާގެ މީހުންނާ އޮންނަ ގުޅުންތައް ދެމެހެއްޓުމާއި، ސަދަގާތް ދިނުމަކީ ތިމާގެ އަހާ މަރުވުމުގެ ކުރިން އޮތް ގުޅުންތައް، އޭނާ މަރުވުމަށް ފަހުގައި ވެސް ދަމަހައްޓާކަމުގެ ހެއްކެކެވެ. ޖަނާޒާގައި ބައިވެރިވުމަކީ، ތިމާއަށް ގިނަވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ ކަމެއްކަމަށް މާތް ނަބިއްޔާ ބަޔާންކުރާއްވާފައި ވެއެވެ. މިއަދުގެ ހާލަަތަށް ރިއަޔަތްކޮށް، ޖަނާޒާގައި ބައިވެރިވެވޭ މީހުންގެ އަދަދު މަދުވިޔަސް އެމީހަކު ހުރިތަނެއްގައި ހުރެގެން، މައްޔިތާއަށް ޓަކައި ހެޔޮ ދުއާ ކުރެވޭނެއެވެ.،" ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ވަނީ މިއަދު ވަރުގަދަ އިމްތިހާނަކާ ކުރިމަތިވެފައިވާ ކަމަށެވެ.

މިދަނޑިވަޅުގައި މުސްލިމް އަހުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމުގައި އެހީތެރިވުމުގެ އަތެއް ފޯރުކޮށްދިނުމަކީ، ސަވާބާއި ދަރުމަ ހުރިކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

"ﷲ ދެއްވި ނިއުމަތްތަކުން އެކަނލާންގެ މަގުގައި ހޭދަކުރާ އެއްޗަކީ އުނިވެ، ބީވެގެންދާ އެއްްޗެއް ނޫނެވެ. އެއަށް ތިބާ އެންމެބޮޑަށް ބޭނުންވާ ދުވަހު، އޭގެ ބަދަލު، ﷲ ތައާލާ އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާ ހުއްޓެވެ.،" ހުތުބާގައި ބުނެފައި ވެއެވެ.

މިސްތިތްތަކުގައި ޖަމާއަތުގެ ނަމާދު ނުކުރެވޭ ރަށްރަށުގެ އަހުލުވެރިން ވެސް ގޭގައި، ހުރިހާ ނަމާދެއް އަދާކޮށް، މިހާލަތުން ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކުރުންމަތީ ދެމި ތިބުމަށް ހުތުބާގައިވަނީ ނަސޭހަތްތެރި ވެފައެވެ.

"އެއަށްފަހު މުސީބާތާއި ބަލިމަޑުކަމުން ސަލާމަތްވުމަށް ﷲ ތައާލާ ލައްވާފައިވާ ސަބަބުތަކުގައި ހިފާށެވެ. ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރާށެވެ. އާއްމު ސާފުތާހިރުކަމާއި، ގައިދުރުކަން ދަމަހައްޓާށެވެ. ޒަރޫރީ ބޭނުމެއް އޮވެގެންމެނުވީ، ގެއިން ބޭރަށް ނުކުމެ ނޫޅޭށެވެ. މިފަދަ ދަނޑިވަޅުގައި ދަތިހާލުގައި ޖެހިފައިވާ މީހުންވެސް މާޔޫސް ނުވެ، ފުރިހަމަ އުއްމީދާއެކު ﷲ ގެ ހަޒުރަތުން އަވަސް ޝިފާ އާއި، ހެޔޮ ގޮތް މިންވަރު ކޮށްދެއްވުން އެދި ގިނަގިނައިން ދުއާ ކުރާށެވެ.،" ހުރުބާގައި ވެއެވެ.