ލުއި ރިޕޯޓް

ދ. މާއެނބޫދޫ މީހުންގެ "ދޮން" މާލޭ މީހުންގެ "ދޮންމަދު"

ސިނާން އަލީ

ބަހެއްގެ ލަފުޒުތައް ރީތިވަނީވެސް ހުތުރު ވަނީވެސް އެ ބޭނުންކުރެވޭ ހާލަތާއި ބޭނުންކުރާ ގޮތާއި މާނަކުރާ ގޮތް ފަދަ އެތައް ކަމެއް އޭގެ ތެރެޔަށް ވަދެގެންނެވެ. ބަހުގެ އެއްވެސް ލަފުޒަކީ އޭގެ ޒާތުގައި ގޯސް ނުވަތަ ހުތުރު ލަޒުފެއް ނޫނެވެ. ކޮންމެ ލަފުޒެއްވެސް އޭގެ ހައްގު މަގާމުގައި ޝަރަފުވެރި ގޮތުގައި ބޭނުންކުރުމުން ލަފުޒު އޮންނާނީ ރީތި ގޮތުގައި ފުރިހަމަކޮށް އޮފު ކޮށެވެ. މި ކަމުގައި ތާޒާކޮށް ޒުވާބުގެ މަރުހަލާގައި އެންމެ ކައިރިން ފެންނާން އޮތް ލަފުޒަކީ "ބަންގާޅީ" އެވެ. ބަންގްލަދޭޝްގެ ރައްޔިތުންނަށް، އެ ގައުމުގެ ރައްޔިތަކަށް ވީތީ އަހަރެމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދީފައި އޮތް ރީތި ލަފުޒެއް ކުއްލިޔަކަށް ގޯސްވެ ޒުވާބަކަށް ވެގެން މި އުޅެނީ އެމީހުންނަށް ބަދަލެއް އައިސްގެނެއް ނޫނެވެ. ބޭނުންކުރާ މީހުން ބޭނުންކުރާ ގޮތަށް އައި ބަދަލެއްގެ ސަބަބުންނެވެ. އެއީ އެ ލަފުޒު ގޯސްވާން ޖެހޭ ސަބަބެއް ނޫން ކަމަށް ޒުވާބު ކުރާ މީހުން މިއަދުވެސް މަދެއް ނޫނެވެ.

މަތީގައި އެތަންކޮޅު ހިމަނައިލީ މި ލިޔުމާ މެދު ވިސްނުން ހިންގާ މީހުންގެ ސިކުނޑިޔަށް ލުޔެއް ދިނުމަށެވެ. މިއީ އަހަރެމެން މި ކިޔާ "ސޮފްޓް ފީޗާ" ނުވަތަ ލުއި ރިޕޯޓު ގިންތީގައި ހިމަނައިލާ އެއްޗެއް ނަމަވެސް މީގައި ވެސް މިގޮތް ގޯސް އެގޮތް ރަނގަޅު އަންނާނެޔަތީ، އެކަމަށް ކުރިޔާލައި ކޮންމެވެސް މިންވަރެއްގަ ޖާގައެއް ހެދީއެވެ. ދެން އަސްލު ލިޔުމެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބަސް ބޭނުންކުރުމުގައި ތަފާތުތައް ހުރެއެވެ. އާދަޔާ ހިލާފު ރީތި ލަފުޒުތަކާއި ހިލާފު އުފެދިފައި ހުންނަ ލަފުޒު ތަކާއި ނުފޫޒު ގަދަ ލަފުޒު ތަކާއި މިހެން ގޮސް އެތައް ލަފުޒެކެވެ. އެ ހުރިހައި ލަފުޒަކީވެސް ބަހުގެ މުއްސަނދިކަން ދައްކައިދޭ ބަހުގެ މުހިންމު ބައިތައް ކަމާމެދު އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ.

މި ލިޔުމުގައި މި ބަލައިލަނީ މިދިލިގަހުގެ ވަކަށް ދ. މާއެނބޫދޫގައި އަދި އެ އަތޮޅު އެހެން ބައެއް ރަށްރަށުގައި ބޭނުންކުރާ ބައެއް ނަންތަކަށެވެ. މީގެ ތެރެއިންވެސް ދ. މާއެނބޫދޫގައި ބޭނުންކުރަމުން އައި ގޮތް ހާއްސަވީ އެ ލަފުޒުގެ ތަފާތުކަމުންނާއި ލަފުޒު ބޭނުންކުރުން ހުއްޓައިލި ޝައުގުވެރި ވާހަކައިންނެވެ.

މާލޭ މީހަކު މިދިލި ގަހަކަށް އަރައި އޮއްވައި، ގަސް ދޮށަށް އަންނަ މީހަކު، "އޭ ތިތަނުން ދޮނެއް ވައްޓަބަލަ!" ނުވަތަ މާލޭ މީހަކު ދޮންމަދުތަކެއް ބިނދެގެން އުޅެނިކޮށް އެތަނަށް ކައިރިވާ މީހަކު "ދޮނެއް ދީބަލަ!" މިހެން ބުނެފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މިހާލަތުގައި ދޮނަކީ ކޮން އެއްޗެއް ކަމެއް މާލޭ މީހާއަކަށް ނޭނގޭނެ އެވެ. އަމުދަކުން ދޮން ދިނުމަކީ އެހެން ކުރެވޭނެ ވެސް ކަމެއް ނޫންތާ އެވެ! އެކަމަކު ވެގެން މި އުޅެނީ އެހެން ގޮތެކެވެ. ދޮން ދޭން އެ އެދެނީ ދ. މާއެނބޫދޫ މީހެކެވެ. އޭނާ އެ އެދެނީ ބޮސްދިނުމުގައި މާނައިގައި ދޮނެއް ދޭކަށް ނޫނެވެ. އެމީހުންގެ ރަށުގައި ކާބަފައިންގެ ޒަމާނުއްސުރެ ދޮންމަދަށް ކިޔަމުން އައި ރަސްމީ ނަމުން ދޮންމަދެއް ދޭން އެދުނީ އެވެ. އެކަމުގައި ގޯހެއް އޮތިއްޔާ އޮތީ އެ މާނަ ނުބައިކޮށް ނަގާ މީހާ ނުވަތަ އެ ލަފުޒުގެ މާނަ ނޭނގޭ މީހާގެ އެވެ. ބަހުގެ ހަމައިގައި، ދެ ތަނެއްގައި އެކައްޗަކަށް ދެނަމެއް ކިޔައި، ދެލަފުޒެއް ފުށުއަރައި ނުވަތަ އޭގެން ގޯސް މާނައެއް ނުކުތުމަކީ އެއްވެސް ބަހެއްގައި ލަފުޒު ބޭނުންކުރާ ބަހުގެ އަހުލުވެރީންގެ މައްސަލައެއް ނޫނެވެ. މިފަހަރު މާއެނބޫދޫ މީހުންގެ ދޮނަށް ވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެކެވެ. ދޮނުން ދޮންމަދަށް ބަދަލުވީ އެވެ. މިހާރު އެރަށު މީހުންވެސް ކިޔަނީ ޅަމަދު އަދި ދޮންމަދެވެ. ޖުމުލަކޮށް "މަދު" އެވެ.

މިކަމުގެ ވާހަކަތައް މާއެނބޫދޫގެ އެންމެ އުމުރުން ދުވަސްވީ މީހުންނާ ދައްކައިލުމުން އެމީހުން ބުނީ، "ދޮން" އެއީ ދޮންމަދަށް އެރަށު މީހުން ޒަމާނުއްސުރެ ކިޔަމުން އައި ގޮތް ކަމަށާއި އެނޫން ނަމެއް ދޮންމަދަށް ކީކަން ހަނދާން ނުހުންނަ ކަމަށެވެ.

"މަމެން ކުޑައިރު ވެސް އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް ދޮން ބިންނަން ދަނީ. މަދު ބިނުމެކޭ ނުކިޔާ. މީހަކު ބުންޏަސް ބުނާނީ މަށް ދޮނެއް ދީބަލާށޭ. ގަހުގަ އޮންނަ އިރު ގަސްދޮށަށް އަންނަ މީހުންވެސް ބުނާނީ ދޮނެއް އެއްލަން ނޫނީ ދޮނެއް ވައްޓަން. އެއީ އެންމެންވެސް ކިޔާގޮތް. ދޮން ގޯސްކުރީ މާލޭން އައި މީހުން." މާއެނބުދޫ އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

މާއެނބޫދޫ ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް، އަދި ތައުލީމީ ދާއިރާގައި ވަރަށް ދިގުމުއްދަތެއް ހޭދަކުރައްވާފައިވާ އަދި މިހާރުވެސް ސްކޫލުގައި ވަޒީފާ އަދާކުރައްވާ، އަބްދުﷲ ސައީދު ވިދާޅުވީ، ދޮންމަދަށް ދޮން ނުކިޔާ ހަނދާނެއް ނުހުންނަ ކަމަށެވެ. އެކަމަކު އެލަފުޒު އުވެން ފެށީ ނަވާރަ ސަތޭކައިގެ އަހަރުތަކުގެ މެދެއްހާ ހިސާބުގައި ކަމަށާއި މުއާސަލާތީ ކަންކަމާއި ރަސްމީ ތައުލީމުގެ ތެރޭގައި، "ދޮންމަދު" އެއީ ކިޔާން ޖެހޭ ގޮތް ނުވަތަ އަސްލު ލަފުޒު ކަމަށް ވެގެން އައި ބަދަލެއް ކަމަށެވެ. ހަމަ އެޔާއި އެކު އެދުވަސްވަރު ކޮންމެވެސް ވަރަކަށް މާލެޔަށް ކިޔަވަން އަދި ވަޒީފާތަކަށް ގޮސް ތިބޭ ކުދިން އެނބުރި ރަށަށް ޗުއްޓީތަކުގައި ގޮސް އުޅޭ އިރު، ދޮން ބިނދެގެން އުޅޭ ތަނަކަށް ގޮސް ދޮނެއް ދީބަލާށޭ ބުނުމުން ދެމާނަ ނަގައި، ކޮންމެވެސް ވަރަކަށް އެ ލަފުޒުގެ އަސްލު މާނައިގެ ތެރެޔަށް ލަދުވެތި މާނައެއްވެސް ވަންނަން ފެށުމަކީ އެ ލަފުޒު ބޭނުންކުރުން މަދުވުމުގެ ފެށުން ކަމަށް ސައީދު ވިދާޅުވި އެވެ.

މާއެނބޫދޫ ޒުވާނެއް ކަމަށްވާ، އަޝްރަފް އަބްދުއްސައްތާރު ބުނީ، ދޮން މަދަށް "ދޮން" ކިޔަމުން އައި އިރު އެއީ ލަދުވެތި ނޫނީ ހުތުރު ލަފުޒެއްގެ ގޮތުގައި އެއްވެސް ބަޔަކު ނުދެކޭ ކަމަށާއި އެކަމަކު ފަހުންފަހުން ދެމާނަ ނަގައި، ދޮނެއް ދޭން ބުނުމުން ދިމާކުރުން ފަދަ ކަންކަން ވާން ފެށީ ކަމަށެވެ. އޭރު ލަފުޒު ބޭނުންކުރަމުން އައީ ހަގީގީގަތުގައިވެސް ރަނގަޅު މާނައެއްގައި ކަމަށާއި އެގޮތަށް ނުބައި މާނަ ނަގައިގެން އުޅެން ވެއްޖެ ނަމަ ވަރަށް ގިނަ ލަފުޒުތަކާމެދު އެ ހާލަތު އަތުވެދާނެކަމަށް އަޝްރަފު ދެކެ އެވެ.

އެރަށު އެހެން ޒުވާނެއް ކަމަށްވާ، އިބްރާހީމް އާދަމް ބުނީ، ދޮން ބިނުން ދޮންމަދު ބިނުމަށް ބަދަލުވީ ވަރަށް ފަހުން ކަމަށެވެ. ދޮން އެއީ ނަވާރަސަތޭކައިގެ ފަހުކޮޅާ ހަމަޔަށް ވެސް ބޭނުންކުރުމުގައި އޮތް ލަފުޒެއް ކަމަށާއި 2000 ފެށެން ކައިރިވީ ފަހުންވެސް ކޮންމެވެސް މިންވަރަކަށް ދޮން ބިނުން ބޭނުންކުރާ ކަމަށެވެ. އެ ލަފުޒު އުވުމުގެ ބަދަލު ފެންނާން ފެށީ ތައުލީމީ ނިޒާމުގެ ތެރެއިންނާއި މާލޭގައި ތިބެފައި ރަށަށް ދާން ފެށި މީހުންގެ ފުށުން ކަމަށް އޭނާ ބުންޏެވެ.

"ދޮން ބިނުމާ ބިނދެގެން އުޅޭ ތަނުން ދޮނެއް ދިނުން ނޫނީ މީހަކު ދޮނެއް ދޭށޭ ބުންޏަސް އެއީ ގޯސް މާނައެއް ކަމަށް އޭރު އެއްވެސް މީހަކު ނުވިސްނާނެ. އެއީ ހަމަ ރީތި ލަފުޒެއް. ދެން އެލަފުޒު މިރަށަށް އައީ ކޮން ދުވަސްވަރެއްގަ ކިހިނެއް ކޮންތާކުން ކަމެއް އެނގޭ މީހަކު މިރަށު ހުންނާނެ ހެނެއް ހީއެއް ނުވޭ." މާއެނބޫދޫ ހަސަން ސައީދު ބުންޏެވެ.

ކޮންމެއަކަސް މާއެނބޫދޫ މީހުން ބިންނަމުން އައި "ދޮން" މާލޭގެ މީހުންގެ ނުފޫޒާ އެކު ދޮން މަދަށް ބަދަލުވީ އިރު، އެ ރަށު މީހުން މަދު ގަހުގައި އަޅާ ވަކަށް ކިޔާ ތަފާތު ހަތަރު ނަމެއްވެސް އޮވެ އެވެ. އެއީ ޅަ، ހަރު، ހިތިބޯ އަދި ދޮން އެވެ. މީގެން ޅަ އެއީ ޅަމަދެވެ. ހަރު އެއީ ޅަ މަދާއި ޖެހިގެން ހުންނަ ދަތުން ބުރިކޮށް ނުލެވޭ ވަރުގެ ހަރު ވަކެވެ. ހިތިބޯ އެއީ ދޮންމަދަށް ރަނގަޅަށް ނުވެ އެކަމަކު ދޮންމަދާ ގާތްކުރާވަރަށް ދޮންވެފައި ހުންނަ ވަކެވެ. މި ރަށު މީހުން ދޮން ބިން އިރު، އަދި ދާދި ފަހަކާ ޖެހެންދެންވެސް ނަން މަޝްހޫރު މިދިލިގަސްތައް ރަށުގައި ހުރެ އެވެ. އޭގެ ތެރޭގައި، އޮށްރަތްގަސް، އޮށްޅަކަނަމަދުގަސް، ފަހުމީކޮތަޅުލެއްވިގަސް، ހިތިބޯމީރުގަސް، ދެކަފިގަސް، ދޮންބޮޑުގަސް، ހަލީލުވެއްޓުނުގަސް ފަދަ ގަސްތައް ފާހަގަ ކުރެވެ އެވެ. މީގެ ތެރެއިން ދެކަފި ގަހާ ގުޅިފައި އޮންނަ މަޖާ ވާހަކައެއްވެސް އޮވެ އެވެ.

"އެވީގޮތަކީ މިރަށު ޔޫސުބު ކިޔާ މީހަކު ދޮން ބިންނަން ގަހަށް އަރައި އޮއްވާ ގަހުން ވެއްޓުނީ. އެވަގުތު އެތަނުން ދިޔަ މީހަކު ގޮވާލީ އަސްތާ ވަރަށް ބޮޑު ދޮނެއް ވެއްޓިއްޖޭ ކިޔާފަ. އަސްލު މިވީ ގޮތަކީ ޔޫސުބު ގަހުން ވެއްޓުނީ." މާއެނބޫދޫ އިއްބެ ބުންޏެވެ.

މާއެނބޫދޫ މިދިލިގަހުގެ "ދޮން" މާޒީގެ ތެރޭގައި އޮތަސް، އެބަސް ދަންނަ ޒުވާނުން މިއަދުވެސް އެލަފުޒު ބޭނުންކުރެ އެވެ. ހާލަތަށް ބަލައި، ދެމާނައިގަ އެވެ.

"މިހާރަކަށް އައިސް ޒުވާން ފުރައިގެ އަންހެން ކުދިން ދޮންމަދު ކާން ތިއްބާ ފިރިހެން ކުދިބަޔަކަށް ފެނިއްޖެ ނަމަ، ސަމާސާ ކުރުމުގެ ގޮތުން ދޮނެއް ދީބަލާށޭ ބުނެއުޅޭ، ފިރިހެން ކުދީން ދޮންމަދުކާން ތިއްބާ ފެނުމުން ސަމާސާކުރުމަށް އަންހެން ކުދީންވެސް މިހެން ކިޔައި އުޅޭ." މާއެނބޫދޫ ސްކޫލުގެ ސެކަންޑްރީ ޓީޗަރު ނާޝިދު އާދަމް ނަސީރު ވިދާޅުވި އެވެ.

ދ. އަތޮޅުގެ އެހެން ރަށްރަށަށް ބަލާއިރު، ވެރިރަށް ކުޑަހުވަދޫގައި މިދިލިގަހުގެ ވަކަށް ކިޔަނީ ޅަމަދު އަދި ދޮންމަދެވެ. އެރަށުގެ އިސް ރަށްވެއްސެއް ކަމަށްވާ، އަދި އަތޮޅުވެރިޔާގެ މުއާވިނުކަންވެސް ކުރީން ކުރެއްވި އިސްމާއީލް އަފީފު ވިދާޅުވީ ދޮންމަދު އަދި ޅަމަދު ނޫން ނަމެއް ކުޑަހުވަދޫ މީހުން ކީ ހަނދާން ނުހުންނަ ކަމަށެވެ.

އެކަމަކު ގެމެންދޫ އަދި ބަނޑިދޫ ތަފާތެވެ. ގެމެންދޫގައި މީހުން ދިރިއުޅުނު އިރު އެރަށު ކަތީބުކަން ކުރެއްވި، އިސްމާއީލް ސައީދު ވިދާޅުވީ، އެރަށު މީހުން މިދިލިގަހުގެ ވަކަށް ކިޔަނީ، ޅަގޮބު އަދި ހަރުގޮބު ކަމަށެވެ. އެއީ ޅަމަދާއި ދޮންމަދެވެ. އެންމެ ފުރިހަމަ ދޮންމަދަށް ކިޔަނީ ގޮބުމަދެވެ.

"އަޅުގަނޑުމެން ކިޔަނީވެސް ގޮބުގަސް، އޮށް ހޮވަން ދިޔުމަށްވެސް ކިޔާނީ ގޮބުހޮވުން، އޮށްފަޅައިގެން ނެގޭ މަދަށްވެސް ކިޔާނީ ގޮބުތޫރި." އިސްމާއީލް ސައީދު ވިދާޅުވިއެވެ.

ބަނޑިދޫ ކުރީގެ ބޮޑުކަތީބު، މުހައްމަދު އުމަރު ވިދާޅުވީ، އެރަށު މީހުން ކިޔަނީ ޅަގޮބު، ހަރުގޮބު އަދި ދޮންމަދު ކަމަށެވެ. މީގެ ތެރެއިން ޅަގޮބު އެއީ ހަފައިގެން ކެވޭބަރުގެ ޅަ ވަކެވެ. ހަރުގޮބު އެއީ ދޮންމަދަށް ވާން ކައިރިވެފައި ހުންނަ ވަކެވެ.

"އެކަމަކު ވާކައިގެން ވެއްޓޭ އޮށަށް މިރަށު މީހުން ކިޔާނީ "ވާކެޔޮ"، ހިކި އޮށަށް ކިޔާނީ "މަދު"، އޮށް ފަޅައިގެން ނަގާނީ "ކަނަމަދު"، އޮށްހޮވަން ދިޔުމެކޭ ނުކިޔާނެ، މިރަށު މީހުން އޮށްހޮވަން ދިޔުމަށް ކިޔާނީ "މަދުހޮވަން" ދިޔުން." ބަނޑިދޫގައި މި ލަފުޒުތައް ބޭނުންކުރާ ގޮތާމެދު މުހައްމަދު އުމަރު ވިދާޅުވި އެވެ.

ކޮންމެއަކަސް، މީގެ އެންމެ ޝައުގުވެރި އެއް ވާހަކަޔަކީ، މާއެނބޫދޫ މީހުން މިދިލިގަހުން ބިންނަމުން އައި ދޮނުގެ ވާހަކަ އެވެ. ދޮންމަދަށް ދޮން ކިޔައި އުޅުނު އެހެން ބަޔަކު ދިވެހީންގެ ތެރޭގައި އުޅުނު ކަމެއް ނޭނގެ އެވެ. އެކަމަކު މާއެނބޫދޫއަށް އެ ލަފުޒު ތައާރަފުވީ ގޮތެއް އޮންނާނެ އެވެ. އެއީވެސް އެހެން ކަމެކެވެ. އެކަމަކު ގަބޫލުކުރާން ޖެހޭ ހަގީގަތަކީ، މުުއާސަލާތީ ގޮތުން ތަރައްގީވެ، އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އުޅެވޭލެއް ގިނަވާ ވަރަކަށް މިހެން ހުންނަ ބަހުގެ ހާއްސިއްޔަތު ކުޑަވެ، ކޮމަން ނުވަތަ އެއްގޮތް ލަފުޒުތައް ބޭނުންކުރުން އާންމުވަމުން ދާނެކަމެވެ.

"މުއާސަލާތު ފުޅާވަމުންދާ ވަރަކަށް ބަހުގެ ތަފާތުތައްވެސް ދާނީ ކުޑަވަމުން. ކުރިޔަށް އޮތް ތަނުގައިވެސް އެކަން ވާނީ އެހެން. ބަހުގެ އެކަހެރިކަން ދާނީ ކުޑަވަމުން." ދިވެހި ބަސްކޮމެޓީގެ މުގައްރިރު، އަބްދުﷲ ފާރޫގު ހަސަން ވިދާޅުވި އެވެ.

ހަމަގައިމުވެސް، މާއެނބޫދޫ މީހުން މިދިލި ގަހަށް އަރައިގެންނާއި ގަޅި އުކައިގެން ބިނދެގެން ކަމުން އައި ދޮނަށް މިވީ އެކަހަލަ ގޮތެކެވެ. މުއާސަލާތާއި ތަރައްގީގެ މޮޅުކަމުގައި ދޮންވެސް އުވި ދިޔައީ އެވެ. ލަދުވެތި ބަހަކަށް ވެ މާޒީއަށް ވީއެވެ. ރަދީފުގައި ލިޔެފި ނަމަ ކޮންމެވެސް ޒަމާނެއްގައި އެރަށު މީހުން ކިޔައި އުޅުނު ނަމެއްކަން އަދި ކައިއުޅުނު އެއްޗެއްކަންވެސް އެނގެން އޮވެދާނެ އެވެ. މާއެނބޫދޫއަށް ދެވޭ ފަހަރަކުން މިދިލި ގަހަކުން ދޮން ބިނދެގެން ދޮންމަދު ކެވޭތޯ ބަލާނީ އެވެ.