ހައުސިން މިނިސްޓްރީ

7000 ފްލެޓަށް ހޮވޭ ފަރާތްތަކަށް އަންނަ މަހު ފްލެޓްތައް ހަވާލުކުރަން ފަށަނީ

އިބްރާހިމް ޒަކީ

8

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކޮށްފައިވާ، 7000 ފްލެޓަށް ކުރިމަރިލި ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވުނު ފަރާތްތަކަށް އަންނަ ޖުލައިމަސް ނިމޭއިރު ފްލެޓް ހަވާލު ކުރެވޭވަރުވާނެ ކަމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ވާޗުއަލްްކޮށް ރައްޔިތުުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ބަންދުވީ އެ މަސައްކަތް ނިމެން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ކަމަށް، ފްލެޓް ކޮމިޓީން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރު ހުޅުވިގެން، އެކަމާ ބެހޭގޮތުން މިހާރު ކުރިޔަށްދާ އެސެސްމެންޓް ނިމި ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްލެޓް ލިސްޓް އިއުލާން ކުރެވޭވަރު ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެކްސްޕެކްޓްކުރަން އިރާދަކުރެއްވިއްޔާ ހުޅުވިގެން މަސައްކަތް ފަަށައިގަނެވިއްޖެކަމަށް ވަންޏާ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭނެ، އަދި އޭގެ އިތުރު މަސައްކަތްތަކެއްވެސް އޮފީސްތެރެއިން އެބަ ހިނގާ އެއީ އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރުން." 7000 ފްލެޓްގެ ކަންކަން ފައިނަލްކޮށް، ހަވާލުކުރަން ފެށޭނެ ހިސާބެއް އެނގިވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް މެންބަރުން ތަކުރާރުކޮށް ސުވާލުކުރައްވަން ފެއްޓެވުމުން މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 7000 ފްލެޓަށް ކުރިމަތިލާފައިވާ 25،000 މީހުންގެ ކްރޮސްޗެކް ކުރުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރިޔަށްގެންދާ ކަމަށެވެ. ދެން ސަރުކާރު ހުޅުވޭއިރު، އެ މަސައްކަތްވެސް ނިންމައި ކޮމިޓީއަށް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟